ރިޕޯޓް

ޕާޓީތަކުގެ ހައްގު މިންވަރު ހޯދާ ނިމޭއިރު ވާނީ ކިހިނެއް؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ރައްޔިތުން ހިތް ނޭދޭ އެތައް ކަމެއް ވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅަށް ފޮރުޅުމާއެކު ދެން ހިނގައި ދިޔައީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި، ދެކެން ބޭނުން ނުވި މަންޒަރުތަކެވެ. ރައްޔިތުންގެ މަންދޫބުންގެ އަޑު ކަނޑުވާލައި ރައްޔިތުންގެ އަޑުވެސް ކަނޑުވާލި އެވެ.

މީގެ އިތުރުން ގާނޫނު އަސާސީން ވަކިކޮށްފައި އޮތް ދައުލަތުގެ ތިން ބާރުގެ މައްޗަށއ ސީދާާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވި އެވެ. ސުޕުރީމްކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރަކު ހައްޔަރު ކުރި އެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅުންވެސް އެކި ގޮތްގޮތަށް ބާރު ހިންގައި ޖަލުގެ ތޭރިތަކުގެ ފަހަތަށް ނުވަތަ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވެން ޖެހުނެވެ.

މި ހުރިހާކަމެއް ހިގަމުންދިޔައީ ރައްޔިތުންގެ ކުރިމަތީގައެވެ. އެކަމާ ހެދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ބޭނުންވި އެވެ. ބޭނުންވީ ވޯޓުން އެ ސަރުކާރު ބަލި ކުރާށެވެ. އެކަމުގެ ފައިދާ ނަގައިގެން ސިޔާސީ ލީޑަރުންނަށް އެއްގަލަކަށް އެރުނެވެ.

ރާއްޖޭގައި އޮތް ސިޔާސީ ތަފާތު ދެ ފިކުރެއް ސިޔާސީ މައިދާނުގައި އެއްވި އެވެ. އެއަށް އިތުރަށް ބާރު ލިބިގެން ދިޔައީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި "ކިންގު މޭކާ" އަށް ވެފައިވާ ގާސިމް އިބްރާހިމްގެ ބޭރު ވެސް ވަދެގެނެވެ. އިމްރާން އަބުދުﷲ އާއި އަދާލަތަކީ ވަށައިގެން އެނބުރުނު މިންވަރެކެވެ.

މީގެ ކުރިން ވެސް ދެ ފަހަރަކު ރައްޔިތުން އޮތީ ކޯލިޝަން ތަޖުރިބާ ކޮށްފަ އެވެ. އެހެންވެ އެއީ އެހާ ރަނގަޅު ފޯމިއުލާއެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް ސިޔާސީ ލީޑަރުންނާއި ފިކުރުތައް އަތާ އަތް ގުޅާލައި ރައްޔިތުންނަށް ދައްކަންފެށި މަންޒަރުތަކުން ކޮންމެވެސް ވަރެއްގެ އުމްމީދެއް މިފަހަރު އޮތީ އެވެ.

"އެ އުމްމީދު އިތުބާރަށް ބަދަލު ކުރުމަށްޓަކައި ރެއާއި ދުވާލު ސިޔާސީ ޕާޓީތަކުން މަސައްކަތްކުރި ރައްޔިތުން ބަލަން ބޭނުންވާނެ ކަހަލަ ކިތަންމެ މަންޒަރެއް ދެއްކި. ހަރު އަޑުން ކިޔަމުން އައީ މިތިބީ ކުރިން ހެދުނު ގޯސްތައް ތަކުރާރު ކުރާކަށް ނޫނޭ. އެއަށަށް ބާރު ދިނުމަށްޓަކައި ވަރުގަދަ އެގްރީމެންޓެއްވެސް އެކުލަވައިލި. އެކަމަކު މިހާރު އެކަންކަމެއް ނެތް،" ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތާމެދު ކަން ބޮޑުވެފައި ހުރި މީހަކު ބުންޏެވެ. އޭނާ ބުނާ ގޮތުގައި އޭނާ ފަދައިން ގިނަ މީހުން މިހާރުވެސް "ފްރަސްޓްރޭޓް" ވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ހުވާ ކުރެއްވި ދުވަހު ވަރަށް އުންމީދީ ތަގުރީރެއް ދެއްވި އެވެ. އެ ތަގުރީރުގައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވި ގޮތުގައި މިއީ ކޯލިޝަން ޝަރުކާރެކެވެ. މި ވެރިކަން ކުރައްވާނީ ވެސް އެގޮތުގައި ކަމަށް ވިދާޅުވެ އެވެ. އޭގެ ސަބަބުން ސަރުކާރު ކޯލިޝަން ރޫޅި ދާނެ ކަމަށް ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ބިރަށް އޭރު ނިމުމެއް އައެވެ.

މީހުން ހީކުރެވުނީ އެއްބަސްވުމާއި އެއްގޮތަށް ޕާޓީތަކުން މަޖިލިސް ވެސް ބަހާލައިގެން ކުރިޔަށް ގެންދާނެ އޭއެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން އާރާއި ބާރު ހޯދުމުގެ ބޭނުމުގައި ހައްގު މިންވަރު ހޯދަން އެމްޑީޕީން ނިކުތީ އެވެ. އެހިސާބުން ޖޭޕީ ވެސް ދޫދޭކަން ބޭނުމެއް ނުވި އެވެ. ހަމަ އެގޮތަށް ރައީސް މައުމޫންވެސް ފަހަތަށް ޖެހިވަޑައެއް ނުގެންނެވި އެވެ. މިހާތަނަށް އައި އިރު އެއްބަސްވުމާއި އެއްގޮތަށް ކެނޑިޑޭޓުން ނެރެން ނިންމާފައި އޮތީ އަދާލަތު ޕާޓީން އެކަންޏެވެ. އަދާލަތީ ނާތީޖާއެއް ނެރެން ރާއްޖޭގެ ސިޔާސީ މައިދާނުގައި ބާރުގަދަ އަދަދަކަށް ނުވެއެވެ. އެކަމަކު އެއީ އަޑެކެވެ.

"މަޖިލީސް އިންތިހާބާއި ޖެހުމުން، ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާފައި އޮތް ކަމަށް ވެސް ނުވި. އަދި އެއީ ވުޖޫދުގައި އޮތް އެއްޗެއް ކަމަށް ބަލައިގަންނާކަށް ވެސް ބައެއް ބޭފުޅުން ބޭނުންފުޅެއް ނުވި އަދި އުޅެފި އެއަށް ގާނޫނީ ބާރު ދޭނަމޭ ކިޔައިގެން ވެސް،" އެކަކު ބުންޏެވެ.

މަޖިލިސް ކެމްޕެއިންގެ ފޯރި ގަދަވަމުންދާ ވަރަކަށް އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައްދީ ކޯލިޝަންގެ ރޫޅޭ ރެނދު ދަނީ ފޭވަމުންނެވެ. މި ފަހަރުވެސް ވެފައިވާ އެއްބަސްވުމަށް އަމަލެއް ނުކުރެވުނެވެ. ލީޑަރުންގެ ސިޔާސީ ބޮޑު އެއްބަސްވުން "އިރާ ކުދި" ކޮށްލީ އޭގައި އޮތް އެއްޗެއް ރައްޔިތުންނަށް ސާފުވެސް ނުވަނީހެވެ.

މިހާރު މީހުން ތިބީ ދެން ސަރުކާރަށް ވެދާނެ ނުވަތަ ކުއްލިއަކަށް އަތުވެދާނެ ހެލުމަކާ ދޭތެރޭ ކަންބޮޑުވެފަ އެވެ. އެއްބަސްވުމެއްވެފައި އޭގެ އެއްބަޔަށް އަމަލުކޮށް، އަނެއްބަޔަށް އަމަލު ނުކުރުމުން އެ އެއްބަސްވުމުގެ ތަންފީޒުވެފައިވާ ބަޔާއި މެދުވެސް ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

"ކޯލިޝަންގެ ކޯޅުން ރައްޔިތުންގެ ހަމަލޮލަށް ފެންނަމުން ދާއިރު ލީޑަރުން އެ ގެންދަނީ ސަރުކާރު ނުރޫޅޭނެ ކަމުގެ ޔަގީންކަން ދެމުން، އޭގެ މާނައަކީ ރޫޅޭނޭ"

މަޖިލީސް އިންތިހާބަށް މިއޮތީ ދެމަހެއްހާ ދުވަހެވެ. ލީޑަރުން އަތްގުޅާލައި ފުޓުބޯޅަ ކުޅެ ސަމާސާކޮށް ހެއްދެވި މަންޒަރު ރައްޔިތުން ބަލައިފި އެވެ. ހަމަ އެލީޑަރުން އެކަކު އަނެކަކަށް ގަދަ ބަސް ވިދާޅުވާ އަޑުވެސް ތިބާ އަހާށެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟