(30 ޖެނުއަރީ 2019 އާ ގުޅޭ)
"ސޮރީ، އައި ގޮއްޓު ގޯ........ބާއި" މަންހާއަށް ޔުނިވަރސިޓީ ގޭޓުގެ ބޭރުގައި މަޑުކޮއްލި ކަޅުކުލައިގެ ކުޑަވޭންގެ ތެރެއިން ދުއްވަން އިން ނީލް ފެނުމާއިއެކު ބުނެލިއެވެ. އަދި ހިނިއައިސްފައި ދުވަމުން ކަހަލަގޮތަކަށް އައީ ވޭނަށް އަރާށެވެ. ވޭނާ އަރާ ހަމަވާންވާއިރަށް ވޭންގެ ފަހަތު ދޮރު މަންހާއަށް ހުޅުވާލަދިން ޒުވާނާ ފެނުމާއިއެކު މަންހާގެ ދެފައިނޯޅުނީ ކިރިޔާއެވެ. އެވަގުތު ވިޝާލް އާއި މަންހާގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ.
"ނާރަންތަ ތިހުރީ" މަންހާއަށް ބަލަހައްޓައިގެން އިން ވިޝާލް އަހާލިއެވެ.
މަންހާ ހިނިތުންވެލަމުން ކާރަށް އެރިއެވެ. އަދި ކޮނޑުގައި އަޅުވާލާފައިވާ ޕޯސްޓަރ ޓިއުބުތައް ކުރީގައި ހުސްކޮށްއިން ސީޓުގެ މަތީ ބެހެއްޓުމަށް ނީލްއަށް ދިއްކޮއްލިއެވެ. މަންހާ ހަމަޖެހިލުމާއިއެކު ނީލް ކާރު ދުއްވާލިއެވެ. ވިއްސާރަ ދުވަހަކަށްވީތީ މަގުތަކުގައިވެސް ފެންނަނީ ކުޑަތަކާއި ވިއްސާރަކޯޓުތަކުގެ ނިވަލުގައި ފޮރުވިގެންދާ މީހުންތަކެވެ. ވިޝާލް ދޭތެރެއަކުން މަންހާއަށް ބަލާލައެވެ. ހަމައެގޮތަށް މަންހާއަށްވެސް ވިޝާލްއަށް ބަލާލެވެއެވެ. ދެމީހުންއަށް އެއްފަހަރާ ބަލާލެވިއްޖެނަމަ ހިނިތުންވުމަކުން ފުއްދާލަނީއެވެ. އެހެންނަމަވެސް އެއްވަރަކަށް އެއްސްޕީޑެއްގައި ނީލްއަކަށް ކާރެއްނުދުއްވުނެވެ. ދޭތެރެއަކުން ކުއްލިއަކަށް ކާރުގެ ބުރެކި ޖައްސަން މަޖުބޫރުވެއެވެ. އެކަންވެސް ގުޅިފާވަނީ ވާރެއާއިއެވެ. އެގޮތުން ނީލް ކާރުގެ ބުރެކި ޖެއްސިވަގުތެކެވެ. މަންހާއަށް އިށީނދެއިން ސީޓުގައި އަތްވިއްދާލެވުނެވެ. ވިޝާލްއަށްވެސް ކުއްލިއަކަށް ކުރިމަތީ އިން ސީޓުގައި ހިފަހައްޓަމުން އިށީނދެއިން ސީޓުމަތީ އަތްބާއްވާލެވުނެއެވެ.
މަންހާ ދިޔައީ ސިހިގެންނެވެ. ސީޓުގައި ޖައްސާލައިގެން އިން އަތްނެގުނީ ވިޝާލްގެ އަތްތިލަ އޭނަގެ އަތްތިލާގެ މަތީ ބާއްވާލެވުމުންނެވެ. ދެމީހުންނަށްވެސް އެއްފަހަރާ ބަލާލެވުނެވެ. ވިޝާލް އަވަސް އަވަހަށް މާފަށްއެދުނެވެ. އެކަމަކު އޭނަގެ ހިތަށް ބުނެދޭންނޭގޭ ގޮތްތަކެއް ވެގެންދިޔައެއެވެ. މަންހާގެ އަތުގައި ހިފާލަން އޭނަ ބޭނުންވިއެވެ. މަންހާ އާއި ވާހަކަ ދައްކާލުމަށް އޭނަގެ ހިތްގޮވަމުންދިޔައެވެ. އެހެނަސް ވިޝާލްއަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އަނެއްކާވެސް ކާރުގެ ދޮރުގައިވާ ބިއްލޫރި ގަނޑުން ބޭރު ބަލަންފެށީއެވެ. އެހެން އިންއިރުވެސް އޭނައަށް ވިސްނެނީ މަންހާއި ދޭތެރޭއެވެ.
"ތަނަކަށް ދާންތަ ތިއުޅެނީ" މަންހާ ހިތްވަރުކޮއްފައި ވާހަކަދެއްކިއެވެ. އެހިތުގައި އެތަކެއް ސުވާލެއް ފުނިޖެހެމުންދިޔައެއްކަމަކު ޖަވާބެއް ނުލިބިގެންނެވެ. ޖަވާބެއް ހޯދަން މަންހާ ބޭނުންވެއެވެ. ވިޝާލް ކާރުގައި މިއަދު އެއައީ ހަމަ މަންހާ ބަލާތޯއެވެ.
"ނޫން...މި......ބޮޑުމަންމަ ބުނުއްވައިގެން....." ވިޝާލް މަންހާ އާއި ދިމާލަށް އެނބުރިލީ ފެހިސިގްނަލްގެ އަލިލިބެން އުޅޭހެން ހީވެގެންނެވެ.
"ދެން ދައްތަވެސް........." މަންހާއަށް މަޑުމަޑުން ބުނެލެވުނެވެ.
"އަނެއްކާ މަންހާ ހިތްހަމަނުޖެހުނީތަ އަހަރެން އައީމަ" ވިޝާލް ވާހަކަމެދުކެނޑުނަ ނުދޭން ބުނެލިއެވެ.
"ނޫން.....ނޫން......އެހެނެއްނޫން، އަހަރުމެން އެކަނި ކުރިންވެސް ގެއަށްދަނީ، ދޯ ނީލް..........ވިޝާލްއަށް އަހަރެން ބަލާ ޔުނިވަރސިޓީ ކައިރިއަށް އަންނަންޖެހުމުން އުނދަގޫވެދާނެތީ، ޓައިމް އިޒް ޕްރީޝިއަސްޓު އެވްރީވަން ދޯ، ވިޝާލްގެ އަގުހުރި ވަގުތުތަކަށް މިކަހަލަ ބޭކާރުކަމަކަށް ނަގާލަން ޖެހުނީމަ ކަންބޮޑުވީ......އަހަރެން ބުނާނަން ދައްތަ ގާތު ވިޝާލް ނުފޮނުވިޔަސް އެންމެ ރަނގަޅޭ......އޭރުން ނުކުރޭނެ ދައްތައަކަށް ވިޝާލް ފޮނުވާކަށް......"މަންހާ ހިނިތުންވެލައިގެން އިނދެ ވާހަކަދެއްކިއެވެ. ވީޝާލް މަންހާއަށް ބަލަހައްޓައިގެން އޭނަ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިންއިރު އޭނަގެ ހިތްގޮވަމުންދިޔައީ އެރީތި މޫނުގައި ބޮސްދިނުމަށެވެ. އެރީތިކަމަށް ތަޢުރީފުކުރުމަށެވެ. ދެއަތް ފުޅާކޮއްލަމުން ކުރިމަތީއިން އަންހެން ކުއްޖާގެނެސް މޭގާ ޖައްސާބާރުކޮއްލުމަށެވެ. ހިތުގައިވާ ހުރިހާ އިޙުސާސެއް އެއްފަހަރާ ބަންޑުންކޮއްލުމަށެވެ. އެކަމަކު ވިޝާލްއަށް އޭނަގެ މޭގައި އަތްޖައްސާލަމުން ކުޑަކޮށް ކެއްސާލުން ފިޔަވާ އިތުރުކަމެއް ނުވިއެވެ.
"އަހަރެންވެސް ކުރާނެ ކަމެއްނެތިގެން އުޅެނިކޮށޭ ބޮޑުމަންމަ ބުނީ ނީލް އާއިއެކު ދިއުމަށް، އަސްލު ނީލް އާއިއެކު މިގޮތަށް ކާރުގައި ދުއްވާލެވުމުން ވަރަށް ގިނަ މަގުތައް ފާހަގަކުރެވިގެންދިޔަ، ބޮޑުމަންމަ ބޭނުންވަނީ އަހަރެން މިކޮޅުގައި އުޅޭއިރު ކާރުގައި އުޅެން، އެކަމަކު އަހަންނަށް އަދި ވަރަށް އާވާނެދޯ މިތާނގެ ކަންތައްތައް.....ބޮޑުމަންމަ ގާތު އެއްވެސް ވާހަކައެއް ނުބުނައްޗޭ، އެހެންނޫނީ ހީކޮއްފާނެ އަހަރެން މަންހާ ގާތު ޝަކުވާކުރީއޭ......ހެ ހެ ހެ ހެ" ވިޝާލްވެސް ހިނިއައިސްފައި ވާހަކަދެއްކިއެވެ.
ގޭދޮރުމައްޗަށް ކާރު މަޑުކޮއްލިއިރު މަންހާ އާއި ވިޝާލް އާއި ދޭތެރޭ އޮތް ބީރައްޓެހިކަން ކޮންމެވެސް ވަރަކަށް ކެނޑިފައިވެއެވެ. މަންހާއަށްވުރެ ކުރިން ކާރުން ފޭބި ވިޝާލް އަވަސް އަވަހަށް ކުރީ ސީޓުގައި ހުރި މަންހާގެ ޕޯސްޓަރ ޓިއުބުތަކާއި ބައެއް ބޮޑެތި ފޮތްތައް ނެގިއެވެ.
"ޔޫ ޑޯންޓް ހޭވް ޓު ޑޫ ދެޓް" މަންހާ ވިޝާލްގެ އަތުގައި ހުރި އެއްޗެހި އަތުލަން މަސައްކަތްކުރިއެވެ.
"އިޓްސް އޯކޭ، މީ އެވަރު ކަމެއް ނޫނެއްނު....ހިނގާ އެތެރެއަށް އެހެންނޫނީ ވާރޭ އޮއްސާލަ ފާނެ، ހަމަ ދެންމެ ދެންމެ ބޯކޮއްލާ ފަދަ ގޮތަކަށް އުޑުމަތީގެ ކުލަވަރުހުރީ" ވިޝާލް އުޑުމައްޗަށް ބަލާލަމުން މަންހާއަށް ބުނެލިއެވެ. މަންހާވެސް ދެކޮޅު ހެދުމެއްނެތި ވިޝާލް އާއިއެކު ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ.
"ކޮބާ ހޫނު ސައިތައްޓެއް ބޯލަންވީނު، ތިތިބީ ފިނިހިފާފައެއްނު، އާދޭ ކާކޮޓަރިއަށް" ދޮރުންވަންނައިރު ސިޑިކައިރީގައި ފެންނަން ހުންނަ މަސްޓޭންކަށް ކާންއަޅަންހުރި ނާޒިޔާއަށް ނީލްގެ ފަހަތުން ވަތް މަންހާ އާއި ވިޝާލް ފެނުމާއިއެކު ބުނެލިއެވެ.
"ދައްތާ، އަހަރެން އެބަ އަންނަން ކޮޓަރީގަ މިހުރިހާ އެއްޗެއް ބަހައްޓާފަ، ވިޝާލް ދެން މިހިސާބުން އަހަރެން ގެންދަން ތިއެއްޗެހި ދޭންވީނު ދޯ" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ. ވިޝާލްވެސް ހީލާފައި މަންހާ ބޭނުންވިގޮތަށް ކަންތައްކުރިއެވެ. އެކަމަކު އޭނަ ބޭނުންވަނީ މަންހާ އާއިއެކު ދާށެވެ. އަބަދުވެސް އޭނަ ފެންނަ ހިސާބުގައި އުޅޭށެވެ.
ވިޝާލް އޭނަގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލަމުން މަޑުމަޑުން އިސްތަށިތަކުގައި ހިފާބާރުކޮއްލެވުނެވެ. އަދި މަންހާ ސިޑިން އަރައިގެން ދިޔަ ދިމާލަށް ބަލަންހުރެވުނީއެވެ. އޭނައަށް މިވަނީ ކިހިނެތްހެއްޔެވެ. އެއަންހެން ކުއްޖާ އޭނަގެ ހިތުގެ ނާރުތަކާއި ކުޅެލީ ގިޓަލުގެ ނަރުތަކާއި ކުޅެލާ އުސޫލުންނެވެ. އޭނަ އެޖައްސަނީ ކޮންފަދަ ޖާދޫއެއްބާއޭ ވިޝާލްގެ ހިތައް އަރަމުންދިޔައެވެ. އޭނައަށްވެސް ލޯބިވެވެނީބާއެވެ. އަނެއްކާ މިފެންނަނީ އެކަމުގެ އަލާމާތްތައް ބާއެވެ.
"މަންކޮ އަންނަން ވާއިރަށް ދަރިފުޅު ދާންވީނު ކާކޮޓަރިއަށް، އައިނީ އުޅޭނެ އެފަރާތުގަ.....އޭނަ ގާތު ބުނޭ ދަރިފުޅު ބޭނުން އެއްޗެއް ހަދާދިނުމަށް" ނާޒިޔާއަށް ވިޝާލް ބަލަންހުރި ގޮތް ކިތަންމެ ރަނގަޅަކަށްވެސް ނަގައިގަނެވުނެވެ. އެހެންނަމަވެސް އޭނައަށް އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުހެދިއެވެ. ވިޝާލް ބޯޖަހާލަމުން ކާކޮޓަރި ހުންނަ ދިމާލަށް ހިނގައިގަތެވެ.
"ތިއައީ ދޯ ދެންމެ، އިނގޭތަ، ކޮއްކޮގެ މަންމަމެން ގުޅާފަ އެބޭއްވީ ހަމަ ދެންމެ، ބޭބެ ބުނިން ކޮއްކޮ ގެއަށް އައިހާ އަވަހަކަށް ގުޅާލާނަމޭ، ކިހިނެތް ހަދާނީ، މިހާރު ގުޅާނީތަ، ނޫނީ އިރުކޮޅުން ގުޅާނީތަ؟" ހޯލްވޭ އިން މަޑުހިނގުމެއްގައި އައި މޫސައަށް މަންހާ ފެނުމާއިއެކު ވާހަކަ ދައްކަންފެށިއެވެ.
"އަޅުގަނޑު މިހާރު ގުޅާލިޔަސް އެންމެ ރަނގަޅުތޯ" މަންހާ އުފާވެފައިހުރެ އަހާލިއެވެ. ކުއްލިއަކަށް އޭނަގެ ކެތްތެރިކަން ފިލާދިޔަފަދައެވެ. އަވަސްވެގަތީ އަވަހަށް މަންމައަށް ގުޅާލާހިތުންނެވެ.
"ބޭބެއަށް އެންމެ ރަނގަޅު، ދައްތަ އާއި ބޭބެ ކޮއްކޮގެ މަންމަ އާއި ބައްޕައާއި ވާހަކަ ދައްކާލައިފިން އެންމެ ރަނގަޅު ކޮއްކޮ ވާހަކަ ދައްކާލާފަ ފޯނު ބޭއްވިއްޔަސް" މޫސަ ސިޑި އާއި ދިމާލަށް ހިނގައިގަތެވެ.
"އައިނީ....ކޮފީ........މިލްކް އިނގޭ" ވިޝާލް ކާކޮޓަރި މޭޒު ދޮށުގައި އިށިންނަމުން އެތަނުގައި ހުރި ޓީވީ ބަލަން އިން އައިނީއަށް ގޮވާލަމުން ބުނެލިއެވެ. އައިނީ އަވަސްވެގަތީ ވިޝާލްއަށް ކޮފީ ތައްޓެއް ހެދުމަށެވެ. ފަސްވަރަކަށް މިނެޓުތެރޭ އައިނީ ވިޝާލްއަށް ހޫނު ކޮފީތައްޓެއް ހަދައިގެންގެނެސް އޭނަގެ ކުރިމަތީ ބެހެއްޓިއެވެ. އަދި އައިނީ އޭނަ ކުރިންވެސް އިންގޮތަށް ޓީވީ ބަލަން ޖައްސާލިއެވެ.
ވިޝާލް މަޑުމަޑުން ކޮފީތަށި ނަގާ ތުނބުގައި ޖައްސާލިއެވެ. ކޮފީތަށީގައި ހެދިފައިހުރި ފޮނުގަނޑުން އެތިކޮޅެއް ތުންފަތުގައި ޖެހޭއިރަށް ތަށި އަނެއްކާވެސް ބަހައްޓައިފިއެވެ. ހޫނުކަމުން އަދި ނުބޮވޭނެކަން އެނގޭތީއެވެ. އަދި ދެތުންފަތުގައި ހޭކިފައި ހުރި އެތިކޮޅުން ރަހަބަލާލިއެވެ. ވިޝާލް ކޮފީތައްޓަށް ގެއްލިފައިން އިންފަދަ ގޮތަކަށް އިނދެ ތަށީގެ ކައިރިފަށުގައި މަޑުމަޑުން އަތްހާކަމުން ދިޔައެވެ. ފަނަރަވަރަކަށް މިނެޓު ބަހެއްވެސް ނުބުނެ އިން ވިޝާލް ކުއްލިއަކަށް އައިނީއަށް ގޮވާލިއެވެ.
"ޔެސް ވިޝާލް، ޔޫ ވޯންޓް އެނީތިންގ" އައިނީ ވިޝާލްއަށް ކުރިމަތިވާގޮތަށް އެނބުރިލަމުން ސަވާލުކޮއްލިއެވެ.
"ޔެސް، ހޮޓް ޗޮކުލެޓެއް ހަދާދީބަލަ" ވިޝާލް ބުނެލިއެވެ. ކުއްލިއަކަށް އޭނަގެ މޫނުމައްޗަށް އާދިރުމެއްލިބިގެން ދިޔަކަހަލައެވެ.
އައިނީ އޭނައަށްވީ އެންމެ އަވަހަކަށް ހޮޓްޗޮކޮލެޓެއް ތައްޔާރުކޮއްގެން ގެނެސްދިނެވެ. އަދި ވިޝާލްގެ ކުރިމަތީ އިން ކޮފީތަށި ގެންދަން އުޅުނެއެވެ.
"ހޭ އައިނީ، ޑޯންޓް ޓޭކް މައި ކޮފީ" ވިޝާލް ހިނިއައިސްފައި ބުނެލިއެވެ. އައިނީ ހުރީ ވާނުވާ ނޭގިފައެވެ. ވިޝާލް މިއުޅެނީ ކީއްކުރަން ކަމެއް ނޭގިފައެވެ.
"ޔޫ ސެޑް ހޮޓް ޗޮކޮލެޓް" އައިނީ ބުނެލިއެވެ.
"އިޓްސް ފޯ މަންކޮ، ހޭ އައިނީ، ކުކީސް ހުންނާނެތަ، ކުރިންދުވަހު އޯޓު ކުކީސްތަކެއް ހުއްޓެއްނު" ވިޝާލް އައިނީއަށް ބުނެލިއެވެ. އެހިސާބުން އައިނީ އަށް މިވަނީ ކިހިނެތްކަން އެނގުނެއެވެ. އެއާއެކު އޭނަގެ ގާތަށްވެސް ހިނިއައެވެ. އަދި ކުޑަތައްޓަކަށް އޯޓު ކުކީސްތަކެއް އަޅާދީފައި ހޮޓްޗޮކޮލެޓު ތައްޓާއި ކުކީއަޅާފައި ހުރި ތަށި ތަބަކެއްގައި ބަހައްޓާދިނެއެވެ.
"ނައު އޯކޭ" އައިނީ އުނަގަނޑުގެ ދެފަރާތުގައި އަތްވިއްދާލަމުން ހިނިއައިސްފައި ހުރެ އަހާލިއެވެ.
"ޔެސް، ޔޫ އަރ ގްރޭޓް އައިނީ، ތެންކިއު......." ވިޝާލް ގޮނޑިން ތެދުވެ އޭނަގެ ކޮފީތަށިވެސް އެތަބަކުގެ ތެރެއަށް ލަމުން އައިނީއަށް ޝުކުރުއަދާކުރިއެވެ. އަދި މަޑުމަޑުން ގޮސް ކާކޮޓަރީގެ ދޮރުކައިރީ ފިލާހުރެ ކުޑަކޮށް ބޯދިއްކޮއްލާފައި ބޭރުބަލާލިއެވެ. އެމަންޒަރު ބަލަން ހުރި އައިނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
"ޔޫ ވޯންޓު އެނީ ހެލްފް، ލެޓްމީ ޓޭކް ދެޓް ފޯ ޔޫ" އައިނީއަށް ވިޝާލް ބަލާލުމާއިއެކު ބުނެލިއެވެ.
"ނޯ ތޭންކްސް، އަހަރެން ގެންދާނީ" ވިޝާލްއަށް ކާކޮޓަރީގެ ބޭރުން އެކަކުގެ ހިލަމެއްވެސް ނުވުމުން އައިސް ތަބައްނަގަމުން އައިނީއަށް ބުނެލިއެވެ. އަދި ވަރަށް ބަލައިގެން ކުދި ފިޔަވަޅުގައި ތަބައްހިފައިގެން އޭނަ ހިނގައިގަތީ ސިޑިން މައްޗަށް މަންހާގެ ކޮޓަރިއާއި ދިމާލަށެވެ.
"މިހިރީ ކޮޓަރީގަ، އަދި ސައި ނުބޮން، ތިއްތޭ ކީއްތަތިކުރަނީ، އިނގޭތަ މަންކޮގެ ޕްރޮޖެކްޓުގެ ވާހަކަ ބުނީމެއްނު ކުރިން ދުވަހު ޗެޓުކުރިއިރު، އެ ޕްރޮޖެކްޓަށް ލިބުނީ އެއްވަނަ، މޮޅު ދޯ މަންކޮ...........އެހެންތަ........ދެން ކޮންއިރަކުން ތިއްތޭމެން އަންނާނީ........އެހެންތަ...........އައި މިސް ޔޫ ލޯޑްސް........." މަންހާ ހުރީ އޭނަގެ އާއިލާއަށް ގުޅައިގެންނެވެ. އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. މަންމަ މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނަމުންދިޔައެވެ. އަދި ހުރިހާ އެކުވެރިންނާއިއެކު މާލޭގައި އުޅުނު ދިރިއުޅުން މަތިން ވަރަށް ހަނދާންވާ ވާހަކަވެސް ދެއްކިއެވެ.
ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިދިންއަޑު އިވުނެވެ. މަންހާ ފޯންކޯލު ކުރުކޮއްލުމަށްފަހު ފޯނު ބޭއްވީ ވަރަށްވެސް ހިތްހަމަޖެހިލައިގެން ހުރެއެވެ. އާއިލާގެ ލޯތްބާ އެއްބާރުލުން އާއިލާ އާއި ދުރުގައި ހުއްޓަސް މަންހާއަށް އިޙްސާސްވެއެވެ. ދެވަނަ ފަހަރަށް ކޮޓަރި ދޮރުގައި ޓަކިދިނުމާއިއެކު މަންހާ މިހުޅުވަނީ ކަމުގައި ބުނެލިއެވެ.
"ވިޝާލް" އަވަސް އަވަހަށް އައިސް ކޮޓަރި ދޮރު ހުޅުވާލި އިރު ވިޝާލް ފެނުމުން މަންހާއަށް ހައިރާންކަން ވެރިވެގެންދިޔައެވެ.
"ހޫމް.....ވަންނާކަށް ނުބުނާނަންތަ" ވިޝާލް ހިނިތުންވެލަމުން އަހާލިއެވެ.
"އޯ ސޮރީ، ވަދޭ ވަދޭ" ދޮރުމަތީ ހުރި މަންހާ އެއްފަރާތަކަށް ޖެހިލަމުން ވިޝާލް ވަނުމަށް ތަންދައްކަމުން ބުނެލިއެވެ.
ވިޝާލް އެކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ވަނެވެއެވެ. އެނދުމަތީގައި މަންހާ ކިޔަވަން ގެންގުޅޭ ފޮތްތައް ތަރުތީބެއްނެތި ވިއެއްކަމަކު އެނދުމަތިވަނީ ވަރަށް ރީތިކޮށް ތަންމަތި އަޅާލާފައެވެ. މުޅި ކޮޓަރިތެރެއިންވެސް ފެންނަނީ މަންހާ ކިޔެވުމަށް ބޭނުންކުރާ އެކި ސާމާނުތަކެވެ. އެނދުގެ ބާލީސްތަކުން ބާލީހެއްގެ މަތީ ލެޕްޓޮޕް ބާއްވާލާފައި އޮތެވެ. ވިޝާލް އޭނަގެ އަތުގައި އޮތް ތަބަށް ބަހައްޓާނެ ތަނެއް ހޯދާލިއެވެ. ހަދާނެގޮތެއް ނޭގިފައި ހުރި މަންހާއަށް ވިޝާލް ދެފަރާތަކަށް އެނބުރިލަމުން ހޯދާލުމާއިއެކު އަވަސް އަވަހަށް އައިސް އޭނަގެ ސްޓަޑީ ޓޭބަލް މަތީ ހުރި ގަނޑުތައް އެއްފަރާތަކަށް ޖައްސާލަމުން އެތަނުން ތަންހަދާލިއެވެ.
"ވަރަށް ފިނިވެފަ ހުންނާނެކަމަށް މިއައީ ހޮޓް ޗޮކުލެޓެއް ހިފައިގެން" ވިޝާލް މޭޒުމަތީ ތަބަށް ބަހައްޓަމުން ބުނެލިއެވެ.
"ތޭންކްސް، އެކަމަކު ވިޝާލް ތަބަށްހިފައިގެން އައިތަން ދައްތައަށް ނޫނީ ބޭބެއަށް ފެނުނުނަމަ ކީކޭ ހިތަށް އަރާނީ، އަހަރެން ކާކޮޓަރިއަށް އިރުކޮޅަކުން ދާންކަމަށް މިހިރީ......" މަންހާ އޭނަގެ ހިތުގައިވި އެއްޗެއް ހާމަކުރިއެވެ. އެހެންނަމަވެސް އެހިތުގައި ކުރަން ނުކެރިފައިވާ ސުވާލުތަކެއްވެސް ވިއެވެ.
"މީ އެވަރު ކަމެއްނޫނެއްނު، އެހެންނޫނަސް އެކަނި އިނދެ އަހަރެންގެ ކޮފީ ތަށި ހުސްކޮއްލުމަށްވުރެ އިތުރުބައިވެރިއަކާއި އެކު އިނދެ ހުސްކޮއްލުމުން އެލިބޭ ހިތްހަމަޖެހުން މާބޮޑު، އޭސް އަ ފުރެންޑު ޖަސްޓް ގިވްމީ ކޮމްޕެނީ....ވިލް ޔޫ" ވިޝާލް ތަބަކުގައި އިން ހޮޓް ޗެކޮލެޓުތަށި ނަގާ މަންހާއަށް ދިއްކޮއްލަމުން ބުނެލިއެވެ.
"އޯކޭ....އައި ވިލް، ޖަސްޓް ފްރެންޑްސް......ހެ ހެ ހެ ހެ" މަންހާ ވިޝާލް ދިއްކޮއްލި ތަށީގައި ހިފަމުން ލާނެތްގޮތަކަށް ހީލިއެވެ.
"ފްރެންޑްސް" ވިޝާލް އޭނަގެ ކަނާތް ދިއްކޮއްލީ ސަލާމްކޮއްލުމަށެވެ. އެއާއެކު އަދިވެސް ހިނިއައިސްފައި ހުރި މަންހާ ވިޝާލްގެ އަތުގައި ހިފަމުން ސަލާމްކޮއްލިއެވެ.
ވިޝާލްއަށް އޭނަގެ އަތުގެތެރޭއޮތް މަންހާގެ ފުއްކޮޅެއްހާ މަޑު އަދި ފިނިވެފައި އޮތް އަތްތިލާގައި ހިފާބާރުކޮއްލެވުނެވެ. އެހެނީ އެއަތް ވިޝާލްގެ އަތުގައި ބީހުލުމާއިއެކުވެސް ހީވީ ހަށިގަނޑުގައި އާވިންދެއް ޖަހާލިހެންނެވެ. ނާރުތަކުގައި ނޭގޭ ރާގެއްކުޅެލިހެންނެވެ. އެއަތުން ދޫކޮއްލާކަށް ވިޝާލް ބޭނުމެއްނޫނެވެ. އެހުރިހާ އިޙްސާސްތަކަކީވެސް މުޅިން އަލަށް ވިޝާލްއަށް ކުރެވެމުންދިޔަ އިޙްސާސްތަކެކެވެ. އޭނަ އެކޮޓަރިއަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީއެވެ. މަންހާ ދެކިލާހިތްވާލެއް ބޮޑުކަމުންނެވެ. މިއިޙްސާސްތަކަށް އޭނަ ދޭނީ ކޮންނަމެއްހެއްޔެވެ. އެއިޙްސާސްތައް ހަމައެކަނި އޭނައަށް ކުރެވެނީ ކީއްވެބާއޭ ވިޝާލްގެ ހިތަށްއަރަމުންދިޔައެވެ.
"ހިނގާ ބެލްކަންޏަށް"ވާރޭ ކަނިޖެހުން ހުއްޓާލާފައި ވުމާއިއެކީ މަންހާ ވިޝާލްގެ އަތުގެ ތެރެއިން ހައިރާންކަމާއިއެކު އަތްދަމައިގަންނަމުން ހިނގައިގަތެވެ. ވިޝާލް އޭނަގެ ކޮފީ ތައްޓާއިއެކު ކުކީ އަޅާފައިވާ ތަށިހިފައިގެން ހިނގައިގަތެވެ. ހީވަނީ މަންހާއަކީ ވިޝާލްއަށް އެދިމާލަކަށް ދިއުމަށް މަޖުބޫރުކުރުވަމުން ދިޔަ ދަގައްފާނުގަނޑެއްހެނެވެ. އެކަމަކުވެސް އެހިތަށް ހިތްހަމަޖެހުން ލިބެއެވެ.
ވިޝާލް ބެލްކަނީގައި މަންހާއާއި ދެތިންފިޔަވަޅު ދުރުގައި މަޑުކޮއްލަމުން ކުކީ ތަށިބެހެއްޓިއެވެ. އަދި ވަށައިގެން ފެންނަމުންދިޔަ ގުދުރަތީ ހިތްގައިމުކަމަށް ހިތާ ނަޒަރު ހުއްޓާލުމަށް މަސައްކަތްކުރަމުން ދިޔައެއެވެ. އެކަމަކު އޭނަގެ އަމިއްލަ ނަފްސަށް މަޖުބޫރެއް ނުކުރެވުނެވެ.
"މަންހާ ފޫސެއްނުވޭތަ މިގޭގަ އެކަނި އުޅެންވީމަ" ވިޝާލް ވާހަކައެއް ފެއްޓުމަށް މަސައްކަތްކުރިއެވެ. އެދެމެދުގައިވާ ފަޅުކަން ނައްތާލަން މަސައްކަތްކުރަމުންނެވެ.
"ނުވޭ ފޫއްސެއް، ވިޝާލް ފޫހިވަނީތަ؟" މަންހާ ވިޝާލްއަށް ބަލާލަމުން އަހާލިއެވެ. އަދި ކުކީ ތަށިން ކުކީއެއް ނަގާ އެތިކޮޅެއްކާލިއެވެ.
"މަންހާ ތިހިރީނު، އެހެންވީމަ ފޫއްސެއް ނުވާނެއެއްނު" ވިޝާލްގެ ފިރިހެންވަންތަ ހިނިތުންވުން ދައްކާލަމުން ބުނެލިއެވެ. މަންހާވެސް ވިޝާލް އެހެން ބުނެލުމުން ހިނިތުންވެލިއެވެ.
"މަންހާ......." ވިޝާލް ދެއަތްތިލާގެ ތެރޭ ކޮފީތަށި ހިފަހައްޓާލައިގެން ފަޒާގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށް ހުރެ ބުނެލިއެވެ.
"ޔެސް، ކިހިނެތްވީ" ވިޝާލް މަންހާގެ ނަން ކިޔާލުމާއިއެކު އަހާލިއެވެ. އެއާއެކު ވިޝާލް މަންހާއަށް ބަލާލަމުން ދެފަރާތައް ބޯހޫރުވާލީ ކަމެއް ނުވެއޭ ބުނާފަދަ ގޮތަކަށެވެ.
އިރު ދުނިޔެމައްޗަށް އަލްވަދާއު ކީ މަންހާ އާއި ވިޝާލް ބެލްކަނީގައި ތިއްބައެވެ. އެދެމެދުގައި މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ވިޝާލް ކިތަންމެ ގިނަ ވާހަކަތަކެއް މަންހާ އާއި ދައްކަން ބޭނުންވެފައި ވިއެއްކަމަކު އޭނައަކަށް ނުކެރުނެވެ. ކޮންމެ ފަހަރަކު ފަސްޖެހެވެނީ މަންހާ ހިތަށް އަރާފާނެ އެއްޗަކާއިމެދުއެވެ. އޭނަ ބުނެފާނެ އެއްޗެއްކަމާއި މެދުއެވެ. ބައެއްފަހަރަށް އަނެކާގެ ހިތުގައި އޮންނަ އެއްޗެއް އެނގޭނެނަމަ ކިހާ ފަސޭހަވާނެހޭ ވިޝާލްގެ ހިތަށް އަރަމުންދިޔައެވެ.
ފިނި ފިނި ރޭގެ ހިތްގައިމު ކަމަށްވުރެ ވިޝާލްއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނީ މަންހާގެ އެރީތި އަޑެވެ. ކުރިން ރެއެކޭ އެއްގޮތަށް މިރެއަކީވެސް ވާރޭގެ މިއުޒިކު ކުޅެމުންދިޔަރެއެކެވެ. ބާރު ވައިރޯޅިތަކާއިއެކު މަންހާގެ ރީތި އަޑު ވިޝާލް އާއި ހަމައަށް ގެނެސްދިނެއެވެ. ބޭއިޙްތިޔާރުގައި ވިޝާލްއަށްގޮސް ކުޑަކޮށް ކަހާލެވިފައިވާ ދޮރުގެ ކަނީގައި ލައްގަނެވިއްޖެއެވެ. މަޑުމަޑުން އަތްތިލަ ގެނެސް މޭގައި ތެޅެމުންދިޔަ ހިތް އިޙްސާސްކޮއްލިއެވެ. އަދި ދެލޯ މަރާލެވުނެވެ. ކުރިމަތިން ހީވީ މަންހާ ދިޔަ ހެންނެވެ. އެއާއެކު ކުއްލިއަކަށް ވިޝާލްއަށް މަރާލި ދެލޯ ހުޅުވާލެވުނެވެ. އަދި އެއީ ހަގީގަތެއް ނޫންކަން އެނގުމުން ހިނިއާދެވުނެއެވެ.
ވިޝާލް އާއި މަންހާ ދިމާވިތާ ދެމަސްވެގެން ދިޔައިރު ވިޝާލްގެ ކޮންމެ ރެއެއްވެސް މިހާރު ހޭދަވެގެން ދަނީ އެފަދަ ގޮތަކަށެވެ. ހިތުގައި މަންހާގެ ސޫރަ ކުރެހިގެންދިޔައިރު އެދެލޮލުގައި ވަނީ ލޯބީގެ ޖަޒުބާތުގެ ކުލަވަރުތަކެވެ. ފަތިހުގެ ކޮވެލިން ނިދިން ހޭލައްވާލާފަދައިން ވިޝާލްގެ ހިތްވެސްވަނީ މަންހާގެ އަޑުން ހޭލައްވާލާފައެވެ. އެހިތުގެ މުރާދުކަމުގައި މަންހާވެނިމިއްޖެއެވެ. އެހިތް އެދި ގޮވާ ހަމައެކަނި ފަރާތްކަމުގައި މަންހާވެނިމިއްޖެއެވެ. އެހެނަސް އަދިވެސް މަންހާއަށް އެކަން އަންގާނެހާ ހިތްވަރެއް ވިޝާލްއަކަށް ނުލިބެއެވެ. އޭނައަށް މިހާރު މަންހާ ނުފެންނަ ހިސާބު ދުރުގައި އުޅުންވެސް ވަނީ ދަތިކަމަކަށެވެ. ހުވަފެނުގައި މަންހާ ގޮވައިގެން އޭނަ ނުދާ މާބަގީޗާއެއް ނެތެވެ. ނުފޮޅުވާ މަލެއްނެތެވެ. ހިތުގެކޮންމެ ހިނގުމަކާއިއެކު ވިޝާލް މަންހާއަށް ބޭނުންވެފައިވާ މިންވަރު އިތުރުވެގެން ދެޔެއެވެ. ލާނޭވައިގައި މަންހާގެ ހަށިގަނޑުން ދުވާ މީރުވަސް ނުފިލާ ހުރެއެވެ. އަބަދުގެ އަބަދަށް ވިޝާލްގެ ހިތުގައި ދެމިގެންދާނެ ނަމެއްކަމުގައި މަންހާގެ ނަންވިޔެވެ. އެނަމެއް އިވުމުން ހިތަށް ލިބިފައިވާ ނުތަނަވަސްކަންވެސް ފިލައިގެންދެއެވެ. އެހެނީ މަންހާ އާއި ނުލާ އޭނަގެ ދިރިއުޅުން ދެން ފުރިހަމައެއް ނުކެރެވޭނެއެވެ. އަދި ވިޝާލް އާއި ނުލާ މަންހާގެ ދިރިއުޅުން ފުރިހަމަ ނުވާނެކަމުގައި އޭނަ ދެކުނެވެ.
ލޯތްބަކީ ކޮންކަހަލަ އެއްޗެއް ކަމެއް އަދިވެސް ހޯދިފަކާއި ނެތެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އަނެކާގެ މައްޗަށް އުފެދޭ ހާއްސަކަމެކެވެ. ދެމެދުގައިވާ ހިމޭންކަމުގެ ތެރެއިންވެސް އެލޯބި ވާހަކަދައްކައެވެ. ބައެއްމީހުންނަށް އެއީ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. އަނެއްބައި މީހުންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހޭއިރުވެސް އެލޯތްބެއް ނުލިބެއެވެ. އެމީހުން ދެކޭގޮތުގައި ލޯތްބަކީ ހިތްދަތިކަމާއި ވޭން ލިބެނެވި ހިތަށް ޖެހޭ ބައްޔެކެވެ. ލޯބީގެ ސަބަބުން މިދުނިޔެ އާއި ވަކިވެގެން ދިޔައީ ކިތަށް ލައިލާ އާއި މަޖުނޫނު ބާއެވެ. ކިތަށް ޖޫލިއެޓު އާއި ރޯމިއޯހެއްޔެވެ. ކިތަށް ޝީރީން އާއި ފަރުހާދުހެއްޔެވެ. ނޫނީ މިމީހުންނަކީ އާވާރާވެފައިވާ މޮޔައިންބާއެވެ.
ޔުނިވާރސިޓީއަށް މަންހާ ބަލާދިއުމަކީވެސް މިހާރު ވިޝާލް ދެކޭ ގޮތުގައި އޭނަގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތެކެވެ. ފަރިތަމަ ކަމާއިއެކު މެލޭޝިޔާގެ މަގުތަކުގައި މަންހާ ގޮވައިގެން ވިޝާލް ކާރު ދުއްވައެވެ. ބާޒާރު ކުރަން ދިއުމާއި މަންހާ ގޮވައިގެން މެކްގެ ތަންތަނަށް ދިއުމާއި ރެސްޓޯރެންޓު ތަކަށް ދިއުން އޮވެއެވެ. މަންހާއަށްވެސް ވިޝާލްއާއި ދޭތެރޭ ހާއްޞަގޮތެއް ބެހެއްޓެމުންދިޔައެވެ. އެހެނަސް އެކަމުގެ ނަތީޖާ ނުކެމެދާނެ ގޮތަކާއިމެދު މަންހާއަކަށް ނުވިސްނުނެވެ. ވިޝާލް އާއިއެކު ކުރެވޭ ކުދި ކުދި ސަމާސާ ތަކުން ވިޝާލްގެ ހިތަށް ވަމުންދާގޮތެއް މަންހާއަކަށް ނުފެނެއެވެ.
ވިޝާލް އާއި މަންހާގެ ގާތްވަމުން އައި އެކުވެރިކަން އެންމެ ގާތުން ބަލަމުން ދިޔަ މީހަކަށްވީ ނާޒިޔާއެވެ. އެދެމީހުން އެކަނި ބެލްކަނީގައި ތިބޭ ގަޑިތަކުގައި އެމީހުންނަށް ފާރަލުމާއި އެމީހުން ދައްކާ ވާހަކަ އަޑުއެހުން ފަދަ ކަންތައް ނާޒިޔާ ކުރެއެވެ. އެއްގޮތަކަށްވެސް އޭނަ އެކަންތައް ކުރަނީ ނުބައި ނިޔަތެއްގައެއްނޫނެވެ. އޭނަގެ ހިތުގައިވެސް އެދުންތަކަކާއި އުއްމީދު ތަކަކާއި ހުވަފެންތަކެއް ވެއެވެ. މިހާތަނަށް އައިއިރު އޭނަގެ އެއްވެސް ހުވަފެނެއްގައި ކުލަ ޖެހިފައިނުވިއެއް ކަމަކު އޭނަވެސް އޭނަގެ އެއްހުވަފެނުގައި ކުލަ ޖެހެން ބޭނުންވެއެވެ. ފެންނަ މަންޒަރުތަކުން އޭނައަށް ހީކުރެވޭ ހީކުރުންތަކަކީ ރަނގަޅު ހީކުރެވުމެއްކަމުގައި އޭނަ ދެކެމުންދިޔައެވެ. އެހެންވެގެންނާއިއެކު ވިޝާލް އާއި މަންހާ އެކުގައި ތަންތަނަށް ފޮނުމަށް ނާޒިޔާ ސަމާލުކަމެއް ދެއެވެ.
(ނުނިމޭ)