ހަބަރު

ލަންކާގެ މިިނިވަންދުވަހުގެ ރަސްމިއްޔާތު ރައިސް ސޯލިހު ޝަރަފްވެރި ކޮށްދެއްވައިފި

ސްރީލަންކާގެ 71 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ލަންކާގެ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތު ފެށުނީ، ލަންކާގެ ރައީސް މައިތްރި ޕާލާ ސިރިސޭނާއާ، ރައީސް ސޯލިހު އެރަސްމިއްޔާތު ބާއްވާ ސަރަހައްދަށް ވަޑައިގަތުމާއި އެކުއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދެވަނަ ދަތުރުގައި ރައީސް ސޯލިހު ލަންކާގެ މިނިވަންދުވަސް ޝަރަފުވެރިކޮށްދެއްވި އިރު، މިއީ ރާއްޖޭގެ ވެރިއަކު ލަންކާގައި ބޭއްވި އެފަދަ ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވަން ހަމަޖެހިފައިވާއިރު، ރާއްޖެއާއި ސްރީލަންކާއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެ ގައުމުގެ ބޮޑުވަޒީރާއި އެ ގައުމުގެ އިސްވެރިންނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިިބިފައިވެ އެވެ.

މިއަދު ލަންކާގެ މިނިވަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ޕްލޭނިންގ މިނިސްޓަރ އަހުމަދު އަސްލަމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.