ކުޅިވަރު

ސިޓީ އެނބުރި ރޭހަށް، ޔުނައިޓަޑް ކުރިއަށް ޖެހިލައިފި

ސާޖިއޯ ކުން އަގުއޭރޯ، މެންޗެސްޓާ ސިޓީގައި ހެދި 14 ވަނަ ހެޓްރިކުން، އާސެނަލްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލިވަޕޫލްގެ ފަހަތުން ތާވަލުގެ ދެ ވަނައިގައި ސިޓީ ވިއްދައިފި އެވެ.

އާސެނަލް ބަލިވުމުން، އޭގެ ފައިދާ އެންމެ ބޮޑަށް ލިބުނީ، ލެސްޓާ ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދި މެންޗެސްޓާ ޔުނައިޓަޑަށެވެ. މޮޅާ އެކު ޔުނައިޓަޑް ވަނީ، ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މިއީ ސީޒަންގެ އެންމެ ކުރީކޮޅަށް ފަހު، ޔުނައިޓަޑަށް ތާވަލުގައި ލިބުނު ފުރަތަމަ ކުރި އެރުމެވެ. ރޭ ގެ މެޗުގައި ޔުނައިޓަޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފާޑް އެވެ.

ޖޯޒޭ މޮރީނިއޯ ވަކި ކުރުމަށް ފަހު، ޔުނައިޓަޑްގެ ކޯޗު ކަމަށް ވަގުތީ ގޮތުން ހަމަޖެއްސި، އޮލޭ ގަނާ ސޮލްޝަޔާ ގެ ކޯޗު ކަމުގައި އޭނާ ވަނީ ޔުނައިޓަޑް ރަނގަޅު ފޯމަކަށް އަޅުވާލާފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓްގައި އަގުއޭރޯ ވަނީ އާސެނަލްގެ ގޯލް ފޫއަލުވާލާފަ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، ލޯރެންޓް ކޮސިއެލްނީ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، މެންޗެސްޓާ ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނީ، މިދިޔަ ހަފުތާގައި ލެސްޓާ ސިޓީ އަތުން، ސިޓީ ބަލިވުމުން އޭނާގެ ޓީމާ މެދު ސުވާލު އުފެދުނު ކަމަށެވެ. އެހެންނަމަވެސް، އާސެނަލްގެ މައްޗަށް ކުރި ހޯދުމުން ސިޓީ އަނބުރާ ރޭހަށް އަތުވެއްޖެ ކަމަށެވެ.

އެއް ވަނއިގައި އޮތް ލިވަޕޫލާއި ސިޓީއާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓެވެ. ލިވަޕޫލް މިރޭ ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.