ކުޅިވަރު

ސަލާ ދަތުރު ކުރި މަތިންދާބޯޓް ކަނޑުގެ އަޑިން ފެނިއްޖެ

ކާޑިފް ސިޓީގެ ފޯވަޑް، އާޖެންޓީނާގެ އެމިލިއާނޯ ސަލާ ދަތުރު ކުރި މަތިންދާ ބޯޓް ކަނޑުގެ އަޑިން ފެނިއްޖެ އެވެ.

އޭނާގެ ބޯޓް ފެނުނީ، ފްރާންސާއި އިނގިރޭސި ވިލާތުގެ ކަނޑުގެ ސަރަހައްދު "އިނގިރޭސި ޗެނަލު"ންނެވެ. ސަލާ ހޯދުމުގެ މަސައްކަތް އޭނާގެ އާއިލާގެ ފަރާތުންވެސް ދަނީ ކުރަމުންނެވެ. އޭނާގެ އާއިލާގެ ފަރާތުން މަސައްކަތް ކުރަމުންދާ ޓީމުން، ވަނީ ބޯޓް އޮތް ސަރަހައްދު ދެނެގެންފަ އެވެ. އަދި އެ ޓީމުން ވަނީ ސަރުކާރުގެ ފަރާތުން ސަލާ ހޯދުމަށް ހަރަކާތްތެރިވާ ޓީމަށް އެކަން އަންގާފަ އެވެ. ސަރުކާރުގެ ރެސްކިއު ޓީމުން ކަނޑުގެ އަޑީގައި ހަރަކާތްތެރިވާ ރިމޯޓް ވެހިކަލެއް ބޭނުން ކުރެ އެވެ.

ފްރާންސްގެ ނޭންޓްސްއިން، ނިމިދިޔަ ފީނި މޫސުމުގެ ޓްރާންސްފާގައި، އިނގިރޭސި ޕްރިމިއާ ލީގްގެ ކާޑިފް ސިޓީއަށް ސަލާ ބަދަލުވި އެވެ. އޭނާ އަކީ ކާޑިފްއަށް ސޮއި ކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. ޖަނަވަރީ 19 ގައި، ސަލާ ކާޑިފްއަށް ބަދަލުވީ 15 މިލިއަން ޕައުންޑަށެވެ.

އޭނާ ދަތުރު ކުރި މަތިންދާ ބޮޓް ގެއްލުނީ، އޭގެ ދެ ދުވަސް ފަހުން ނޭންޓްސްއިން ފުރައިގެން ވޭލްސްގެ ކާޑިފްއަށް ދަތުރުކުރި މަގުމަތީގަ އެވެ. އޭނާ ދަތުރު ކުރި ބޯޓް ފެނުމުން، އޭނާގެ ބައްޕަ ހޮރަސިއޯ ސަލާ އަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.