ހަބަރު

ޑްރޯން އަރުވައިގެން ލަންކާގައި ހައްޔަރުކުރި ދިވެހިން ދޫކޮށްލައިފި

ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑްރޯން އަރުވައިގެން ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފި އެވެ.

މަނާ ސަރަހައްދެއްގައި ޑްރޯން އެރުވި މައްސަލާގައި ހަތަރު ދިވެހިން ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެ މީހުންގެ މައްޗައް ދައުވާ ނުކޮށް ކޯޓުން ވަނީ އެ މީހުން މިނިވަންކޮށްފަ އެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ ޑްރޯން އަރުވަނިކޮށް ހައްޔަރު ކުރީ އުމުރުން 19-23 އަހަރުގެ ދިވެހި ޒުވާނުންތަކެއް ކަމަށެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.

އެ ގައުމުގައި ޑްރޯން އުދުއްސުމުގެ ގަވައިދުގައިވާ ގޮތުން ގިނަ މީހުން އުޅޭ ނުވަތަ އެއްވެ އުޅޭ ސަރަހައްދުތަކުގައި ޑްރޯން އެރުވޭނީ ލަންކާގެ ސިވިލް އޭވިއޭޝަންގެ ޑިރެކްޓާ ޖެނަރަލްގެ ހުއްދަ ނެގުމަށް ފަހުގަ އެވެ. ނަމަވެސް އެއާޕޯޓާއި ރެއިލްވޭތަކާއި ބައެއް މަގުތަކާއި ކޮމިއުނިކޭޝަން ޓަވަރުތަކާއި ނޭޝަނަލް ޕާކުތަކުގައި ޑްރޯން އެރުވުމަކީ މަަނާ ކަމަކެވެ.