އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ނިކުންނަން އަދާލަތު ޕާޓީ އިން ހުށަހަޅައިފި އެވެ.
ރޭ ވަނީ މަޖިލިސް އިންތިހާބުގެ ގޮޮނޑިއާ ބެހޭ ގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީ މަޝްވަރާ ކޮށްފަ އެވެ. ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި ކަސްޓަމް ސާވީސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދް ނުއުމާން ވަނީ ބައިވެރިވެފަ އެވެ. އެމްޑީޕީގެ ފަރާތުން އެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން ބައިވެރިވި އެވެ.
އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އަދާލަތު ޕާޓީއަކީ ރޭވިގެން އިންތިޒާމީ އޮނިގަނޑެއްގެ ތެރެއިން ހިނގާ ޕާޓީއެއް ކަމަށާއި އެޕާޓީއާއެކު މަޝްވަރާ ކުރުމަށާއި މަސައްކަތް ކުރަން އެމްޑީޕީއަށް ވަރަށް ފަސޭހަ ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.
"އަދާލަތު ޕާޓީގެ އެދުމަކަށްވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުން، ރޭގެ ބައްދަލުވުމުގައި އެކަމުގައި ވަކި ގޮތެއް ނިންމާފައެއް ނުވޭ،" އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ، މާދަމާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި އެބައްދަލުވުމުގައި އަދާލަތު ޕާޓީގެ ހުށަހެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
"އަދާލަތު ޕާޓީން ހުށަހެޅީ މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތް ކުރަން، އޭގެ ތަފްސީލެއް ނުދެއްވާ،" އަފްޝަން ވިދާޅުވި އެވެ.
އަފްޝަން ވިދާޅުވީ، އެހެން ޕާޓީއަކާއެކު މަޝްވަރާ ކޮށްފައިނުވާ ކަމަށާއި ހަމައެކަނި މަޝްވަރާ ކުރީ އަދާލަތު ޕާޓީއާއެކު ކަމަށެވެ. މަޝްވަރާ ކުރުމަށް ހުށަހެޅީ އަދާލަތު ޕާޓީ އިން ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.
އެމްޑީޕީ އިން މަޖިލިސް އިންތިހާބަށް އެޕާޓީ އިން ނެރޭނެ ކެނޑިޑޭޓުންގެ ޕްރައިމަރީ ވަނީ ބާއްވާފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެޕާޓީގެ ޓިކެޓް ހަވާލުކޮށްފަ އެވެ.
އަދާލަތު ޕާޓީ އިން 13 ދާއިރާއަކަށް ނިކުންނަށް ވަނީ ނިންމާފަ އެވެ. އަދި އިނގުރައިދޫ ދާއިރާގެ ޕްރައިމަރީވެސް ވަނީ ބާއްވާފަ އެވެ.
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ 36 ދާއިރާއަކަށް ވާދަކުރަން ވަނީ ނިންމާފަ އެވެ. އަދި އެފަރާތްތަކަށް މިހާރު ޓިކެޓް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ޕާޓީ އެއް އުފައްދަން ނިންމައި އެޕާޓީގެ ޓިކެޓުގައި މަޖިލިސް އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަފަ އެވެ.