ކުޅިވަރު

މެލޭޝިއާގެ ބޮޑީބޯޑިން މުބާރާތުގެ އެއްވަނަ ކުޑަ އައްޔައަށް

މެލޭޝިއާގައި ކުރިއަށް ގެންދިޔަ، ބޮޑީބޯޑިން ޗެމްޕިއަންޝިޕް، ޓިއޯމަން ފެސްޓިވަލް މިއަހަރުގެ ޗެމްޕިއަންކަން ރާއްޖޭގެ އަލީ ހުޝްރުވާން 'ކުޑަ އައްޔަ' ހޯދައިފި އެވެ.

އެ ފެސްޓިވަލްގެ ދެ ވަނަ ހޯދީ، ރާއްޖޭގެ އަލީ ޖާވިދު 'ޖާއްޓޭ' އެވެ. އެ ޗެމްޕިއަންޝިޕްގައި 35 ރާޅާ ވާދަ ކުރި އެވެ. މެލޭޝިއާ އާއި ސިންގަޕޫރުގެ ރާޅާ އެޅުންތެރިންވެސް ވާދަ ކުރި އެވެ.

މީގެ ކުރިން މެލޭޝިއާގައި ބޭއްވި އެހެން މުބާރާތެއްގައި ވެސް، ކުޑަ އައްޔަ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ 2016 ވަނަ މެލޭޝިއާގައި ބޭއްވި ބޮޑީބޮޓް އެޓޭކުގަ އެވެ. އެ މުބާރާތުގެ، ދެ ކެޓަގަރީއަކުން ޗެމްޕިއަންކަން އޭނާ ހޯދި އެވެ.

މީގެ ކުރިން، ބައެއް މީޑިއާތަކުގައި، ކުޑަ އައްޔަ ބުނެފައި ވަނީ، ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމުގެ ފެންވަރު ރާއްޖޭގެ ރާޅާއެޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށާއި ބޭނުންވަނީ އެ ފުރުސަތު ކަމަށެވެ.