ވިޔަފާރި

ގްރެފިޓީ ކުރަހަން އެނގޭތަ؟ އުރީދޫން މިނިވަން 50 ގްރެފިޓީ މުބާރާތެއް ފަށައިފި

ގްރެފިޓީ ކުރަހަން އެނގޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މި އޮތީ ރަނުގެ ފުރުސަތެކެވެ. މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އުރީދޫން މިވަނީ ގްރެފިޓީ ކުރެހުމުގެ މުބާރާތެއް ފަށާފަ އެވެ.

އުރީދޫން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހުއްދަ ލިބިފައިވާ ފާރެއްގައި ކުރެހި ދާނެ އެވެ. މިގޮތުން ގްރެފިޓީ ކުރަހަން ބޭނުންވާ ފަރާތްތަކުން ކުޑަވެގެން ހަ ފޫޓު ހަ ފޫޓުގެ ގްރެފިޓީއެއް ކުރެހިދާނެ ކަމަށެވެ. އަދި ކުރަހާ ގްރެފިޓީ "#މިނިވަން 50" ޖެހުމަށްފަހު އިންސްޓަގްރާމް ކުރެހުމުގެ މި މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށެވެ.

ގްރެފިޓީ އަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވޭ އުފެއްދުންތެރި ކުރެހުމުގެ ވައްތަރަކަށް ވުމާއިއެކު، ގްރެފިޓީ އާޓް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމަށް އުރީދޫއިން އިލްތިމާސް ކުރެއެވެ. މިގޮތުން ފާރުގެ ނުވަތަ ޢިމާރާތުގެ ވެރިފަރާތުގެ ހުއްދަނެތި ކުރެހޭ އެއްވެސް ގްރެފިޓީ އެއް މި މުބާރާތުގައި ބައިވެރި ނުކުރެވޭނެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މިކަމުގައި ބައިވެރިވުމަކީ ލިބިގެންދާ ފަހުރެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި މިނިވަން ފަންސާސް ފާހަގަ ކުރަމުންދާއިރު، މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ފަހުރެއް. މިގޮތުން އުރީދޫ އިން މިނިވަން ފަންސާހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ ގްރެފިޓީ ކުރެހުމުގެ މުބާރާތުގައި ދިވެހިރާއްޖޭގެ ހުނަރުވެރި އާޓިސްޓުންގެ އުފެއްދުންތެރިކަން ފެނިގެންދާނެކަމަށް އުންމީދުކުރަން،" ވިކްރަމް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، އުރީދޫން ވަނީ "ބިގް މިލިއަން ރުފިޔާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

މި ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ލިބުމާއި އެކު ބާރަ ހާސް ހަދިޔާ ލިބިގެންދާނެ އެވެ.