ހަބަރު

ވިލާ ކޮލެޖުން ހިލޭ ހޮސްޕިޓަލިޓީ ދާއިރާ ކިޔަވައިދެނީ

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން ހޮސްޕިޓަލިޓީ ދާއިރާއިން ހިލޭ މީހުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން 2017 އިން ފަށައިގެން "ޑިސްކަވާ ހޮސްޕިޓާލިޓީ" ގެ ނަމުގައި ހިންގާ މި ޕްރޮގްރާމަކީ ހޮސްޕިޓަލިޓީ ދާއިރާއިން ސެޓްފިކެޓް ލެވެލް ތިނެއްގެ ފެންވަރަށް ދަރިވަރުން ތަމްރީނު ކުރުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަ ޑރ. އަހްމަދު އަންވަރެވެ. އަދި ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ އެ ފައުންޑޭޝަންގެ ޕްރެޒިޑެންޓް އިޔާޒް ވަހީދެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީން ވެފައިވާ ކަމަށް މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ތަމްރީންވެފައި ތިބި ކުދިން މިހާރުވެސް ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. އަދި މިއީ ހަމަ އެކަނި ރިސޯޓުތަކަށް ހުޅުވާލާފައިވާ ފުރުސަތެއް ނޫން ކަމަށާއި ދަރިވަރުން ބޭނުންވާ ނަމަ ގެސްޓް ހައުސް އާއި ރެސްޓޯރަންޓުތަކުންވެސް ތަޖުރިބާ ހޯދިދާނެ ކަމަށެވެ.

ޑިސްކަވާ ހޮސްޕިޓާލިޓީި އަކީ ޔުނިވާސަލް އިން ސްޕޮންސާ ކޮށްގެން ހޮސްޕިޓާލިޓީ ދާއިރާއިން ހިލޭ ކިޔެވުމަށް ހުޅުވާލާ ޕްރޮގްރާމެކެވެ. ކޯހުގެ ބައިވެރިން ތިއަރީ ބައިތަައް ފުރިހަމަ ކުރާނީ ވިލާ ކޮލެޖުގަ އެވެ. މި ޕްރޮގްރާމްގެ ތެރެއިން ފުޑް އެންޑް ބެވަރެޖް ސާވިސަސް، ހައުސް ކީޕިނގް، އަދި ފްރަންޓް އޮފީސް ފަދަ ދާއިރާތަކުން ތަމްރީން ދެވޭނެއެވެ. އަދި، މި ކޯހުގެ މުއްދަތުގައި ކޯހުގެ ބައިވެރިންނަށް މަހަކު 3000 ރުފިޔާ ލިބޭނެ ކަމަށްވެސް މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ފަރާތުން ވާހަކަ ދައްކަމުން، އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ބުނެ އެވެ.

ހަތަރު މަސްދުވަހަށް ހިންގާ މި ކޯހުގައި ގްރޭޑް ހަތެއް ފުރިހަމަ ކޮށްފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. އަދި ކޯހުގެ ބައިވެރިން ހޮވޭނީ އިންޓަވިއު އަކަށް ފަހު އެވެ. ޖޫން މަަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މާޗް މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.