ހަބަރު

މަރުތަކާއި، ގެއްލިފައިވާ މީހުންގެ 45 މައްސަލައެއްގެ ތަހުގީގު ނިންމައިފި

2007 ވަނަ އަހަރުން ފެށިގެން 2018ގެ ނިޔަލަށް މަރުގެ މައްސަލަތަކާއި، ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންނާއި ގުޅޭ 45 މައްސަލައެއްގެ ތަހުގީގު ނިމިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެކޮމިޝަނުން ތަހުގީގު ކޮށްފައިވާ މަރުގެ މައްސަލަތަކާއި، ވީނުވީއެއްނޭގި ގެއްލިފައިވާ މީހުންގެ މައްސަލަަތުގައި ހުލާސާއެއް އާންމުކުރުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ އަނިޔާވެރިގޮތަކަށް މަރާފައިވާ ނުވަތަ ނިޔާވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާ ތަފާތު މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އެގޮތުން މަރުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ހުށައަޅާފައިވާ 16 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަހުގީގު އެކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން ބުނީ، އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ މައްސަލައަކާއި، ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 5 ފަރާތެއްގެ މައްސަލައާއި، މިނިވަންކަން ގެއްލޭގޮތައް ދައުލަތުގެ ބެލުމުގެދަށުގައި ހުއްޓާ ނިޔައުވެފައިވާ 28 ފަރާތެއްގެ މައްސަލައާއި، ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔައުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 17 ފަރާތެއްގެ މައްސަލައާއި، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ 2 ފަރާތެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ 2 މައްސަލައެއް ހިމެނޭ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން ޖުމްލަ 45 މައްސަލައިގެ ތަހުގީގު ނިމިފައިވާއިރު، 1 މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ދެވިފައިވާ ކަމަށާއި، އަދި 8 މައްސަލައެއްގައި ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ގަވައިދުން ކޮމިޝަނުން ދަނީ ބަލަމުންދާކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، 23 މައްލައެއްގައި އިހުމާލެއް ނުވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވުމާއެކު އެ މައްސަލަތައް ނިންމާފައިވީއިރު، 7 މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާއިން ފިޔަވަޅުއެޅުމުން އެ މައްސަލަތައް ނިންމާފައިވާކަމަށާއި، ކުޑަ ކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައިގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަހުގީގަށް ފާހަގަކުރެވުމުން އެ މައްސަލަ ނިންމާފައިވާކަމަށެވެ.

މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިޔަށްގެންދިޔަ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލްކޮށްފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަހުގީގުނިންމާފައިވާކަމަށާއި، އަދި ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 2 މީހެއްގެ މައްސަލައިގައި ކަމާގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާކަން އެކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލަތަކުގައި ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނެތުމުން އެ 2 މައްސަލަ ނިންމާފައިވާކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، 2 މައްސަލައެއްގައި އިހުމާލުވެފައިވާކަމަށް ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވުމާއެކު، އެފަރާތްތަކާމެދު ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވަނީ ނިންމާފައި ކަމަށާއި، 2007 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި އިހުމާލުގެ ސަބަބުން ނިޔާވެފައިވާ 8 މީހުންގެ މަރުގެ މައްސަލައިގެ ތަހުގީގު އެކޮމިޝަނުން ދަނީ ކުރަމުންކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.