ހަބަރު

ބައެއް ގޮނޑިތައް އަދާލަތަށް ދޭން އެމްޑީޕީއިން ރުހިއްޖެ

ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީއާ އެކު އެ އިންތިހާބުގައި ވާދަކުުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހުން ދީފި އެވެ.

އެމްޑީޕީ އިން އެގޮތަށް ނިންމާފައި ވަނީ ބައެއް ދާއިރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ގުޅިގެން ވާދަ ކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީއަށް ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. މާބަލް ހޮޓަލްގައި މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ކުރީގެ ރައީސް މުހަައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މިވަގުތު މަޖިލީހުގެ ގޮނޑިއެއް ދޫކޮށްލުމަށް ޕާޓީއަށް ގޮތެއް ނިންމޭކަށް ނެތް ކަމަށާއި ނަމަވެސް އެ ދާއިރާތަކުގެ މެންބަރުންނާއި ޓިކެޓު ލިބިފައިވަ ކެންޑިޑޭޓަށް ގޮނޑި ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުން މައިގަނޑު ގޮތެއްގައި ތާއީދުކޮށްފައި ވަނީ އަދާލަތާއެކު ގުޅިގެން މަޖިލީހަށް ވާދަ ކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ރޫހަކީ އަދާލަތާ އެކުގައި ތިބެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުން
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި ދޫކުރައްވާނީ ކޮން ދާއިރާތަކެއް އަދި ކަނޑަނެޅޭ ކަމަށެވެ. ނަމަވެސް ފަސް ހަ ދާއިރަ ދޫކޮށްލަން ގައުމީ މަޖިލީހުން ރުހުން ދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ދެ ޕާޓީ ދެމެދު އެއްބަސްވުމަކަށް އާދެވުމުން އެއީ ކޮން ދާއިރާތަކެއް ކަން ހާމަ ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އިންތިޒާމްވެފައި މި އޮންނަނީ އެމްޑީޕީއާ ދުރު ގޮތަކަށް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޕާޓީ އެމްޑީޕީގެ ސިޔާސަތުތައް ގަބޫލު ކުރެވޭ ކަމަށާއި އެގޮތުން ޝަރުއީ ނިޒާމް އިސްލާހު ކުރުމާއި އިންކަމް ޓެކްސް ނެގުމާއި އަދި އެޖެންޑާ 19 ގައި ހުރި ގިނަ ކަންކަމަ އެއްބަސްވެވޭ ކަމަސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވޭ ސިޔާސީ ޕާޓީއެއްގެ އޮނިގަނޑު ފެންނަން އޮތީމަ ދެން އެ ޕާޓީއަކާ އެކީގައި މަސައްކަތް ކުރަން. އެ ޕާޓީތަކުގެ އެތެރޭގެ ހިންގުމާއި އެ ހިންގާ ގޮތްތަކާ އެކުގައި ވަރަށް ބޮޑު ލުއިއެއް އެބަވޭ އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި އަދާލަތާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ އިރު ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމްއާ ގުޅިގެން މަސައްކަތް ކުރައްވާނެތޯ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ޖަވާބެއް ނުދެއްވަ އެވެ.

"ބޭނުމަކީ އާދަޔާ ހިލާފަށް ބޮޑު އަގުލަބިއްޔަތެއް ހޯދުން"

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިިސިއްޔަތުން އެމަނިކުފާނުގެ ވާޖިބަކީ އެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ހޯދޭނެ ގޮތެއް ވުން ކަމަށާއި އަދާލަތާ ގުޅިގެން މަސައްކަތް މަސަައްކަތް ކުރަން ނިންމާފައި ވަނީ ވެސް އެ ބޭނުމުގައި ކަމަށެވެ. އަދި އެކަން ކުރުމުގައި އަސާސީ ގަވައިދުގެ އެއްވެސް ކަމަކާ ހިލާފެއް ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވީއަ ބައްލަވާތީ މި ފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވަރަށް ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީ އިން ހޯދާނެ. މިދިޔަ ދެ މަޖިލިސް އިންތިހާބުގައި އަޅުގަނޑަކަށް މިގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނުލިބޭ އިރާދަކުރެއްވީއާ އެމްޑީޕީއަށް އާދަޔާ ހިލާފު އަގުލަބިއްޔަަތެއް ހޯދާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ގަބޫލު ކުރަނީ އިއްތިހާދެއް އުފެއްދީ ސަރުކަރެއް ގާއިމް ކުރަން ކަމަށާއި އެ އެއްބަސްވުމަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕިއަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް ސަރުކާރު އުފެއްދުމަށް އެމްޑީޕީ އިން ވެފައި އޮތް އެއްބަސްވުމާ ހިލާފެއް ނުވާނެ ކަމަސް ރައީސް ނަޝީދު ވިދާޅުވި އެވެ.