އިމްރާން އަބްދުﷲ

އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރާ ގޮތަށް އިމްރާން ޓްވީޓް ކުރައްވަނީ

Jan 8, 2023
5

ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ރާއްޖޭގައި ވެރިކަން ކުރަން ފަސޭހަ ނުވާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމްޑީޕީގެ ޕްރައިމަރީއާ ނުފޫޒު ފޯރާ ގޮތަށް ޓްވީޓް ކުރައްވަން ފައްޓަވައިފި އެވެ.

އިމްރާނާ އެއްވެސް ގުޅުމެއް ނެތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އިމްރާން ކުރައްވާ ޓްވީޓްތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުކުރައްވާފަ އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ރާއްޖޭގައި ވެރިކަން ކުރަން ފަސޭހަ ނުވާނެ ކަމަށް ވިދާޅުވީ ސީދާ ކޮން ބޭފުޅަކަށް އަމާޒު ކުރައްވައިގެން ކަމެއް ނޭނގެ އެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށްވާތީ އިމްރާން ޓްވީޓް ކުރެއްވީ ނަޝީދަށް އަމާޒުކުރައްވައިގެން ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދު ވެސް ރައީސް ސޯލިހް ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނެއްް ހަދައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންތާ ދެތިން މަސް ތެރޭގައި ކޯލިޝަން ރޫޅި ތިން އަހަރުގެ ތެރޭގައި ވެރިކަން ވަނީ ބަދަލުވެފަ އެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމަށް ހަތަރު އަހަރު ވެގެން ދިޔައިރު އަދިވެސް ކޯލިޝަނެއްގެ ގޮތުގައި ވެރިކަން އެބައޮތެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރި ސަބަބުތައް އުފެއްދުމުގައި އިމްރާން އަދާކުރެއްވި ދައުރު ބޮޑު ކަމަށް ރައީސް ނަޝީދުގެ ސަޕޯޓަރުން އަބަދުވެސް ބުނަމުން ގެންދެ އެވެ.

ޝައިހް އިމްރާނަކީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓްނަރެވެ.

އިމްރާން ވިދާޅުވީ ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ގިނަ ދިވެހިންގެ ވިސްނުމާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ގޮތެއް ހަދައިދިނުމީ ސިޔާސީ ލީޑަރުން ހޯދަންޖެހޭ އަގެއް ކަމަށެވެ.

"އެންމެ ރަނގަޅު ވެރިކަމެއް ކުރެވެނީ އެންމެ މޮޅަށްް މީހުން މެނޭޖުކުރެވޭ މީހަކަށް ކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެކެވެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސީދާ އެމަނިކުފާނާ ގުޅުން އޮތް ޕްރައިމަރީ އަކަށް ނުވި ނަމަވެސް ގައުމީ މަސްލަހާތާ ގުޅުންހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތަށް ހުއްޓޭ ކަމަށެވެ.

"ވީއިރު އެމްޑީޕީގެ ހުރިހާ އިއްޒަތްތެރި މެންބަރުން މިކަމާ ފުންކޮށް ވިސްނާ ވަޑައިގަތުން މުހިއްމެވެ،" އިމްރާން ވިދާޅުވި އެވެ.