ހަބަރު

ލޭބާ ޕާޓީން މަޖިލީހުގެ 11 ދާއިރާއަކަށް ވާދަ ކުރަން ނިންމައިފި

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް ލެބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއިން 11 ދާއިރާއަކަށް ވާދަކުރަން ނިންމައިފި އެވެ.

ލޭބާ ޕާޓީން ވާދަ ކުރަން ނިންމާފައިވާ ދާއިރާތަކަކީ ހދ. ނޮޅިވަރަމް ދާއިރާއާއި، ށ. މިލަންދޫ ދާއިރާއާއި، ޅ. ހިންނަވަރު ދާއިރާއާއި، ބ. އޭދަފުށީ ދާއިރާއާއި، އދ. މާމިގިލީ ދާއިރާއާއި، ތ. ކިނބިދޫ ދާއިރާއާއި، ގއ. ދާންދޫ ދާއިރާއާއި، ސ. މީދޫ ދާއިރާއާއި، ވިލިމާލެ ދާއިރާގެ އިތުރުން، ހުޅުމާލެ ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއެވެ.

ލޭބާ ޕާޓީން ބުނީ، އެ 11 ދާއިރާއަށް ވާދަކުރާ ފަރާތްތަކުގެ ނަންތައް ކައިރި މުސްތަގުބަލެއްގައި އެ ޕާޓީން ބާއްވާ ރަސްމިއްޔާތެއްގައި ހާމަ ކުރާނެ ކަމަށެވެ. އެ 11 ދާއިރާގެ އިތުރުންވެސް، އިތުރު ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކާއި، މަޝްވަރާކުރަމުންދާ ކަމަށާއި، އަދިވެސް އެޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީ ތަމްސީލު ކުރުމަށް ފުރުސަތު ދިނުމުގައި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި، ދެމިތިބޭނެ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި، އެ ފަރާތްތަކާއި މެދު އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.