ހަބަރު

ކްރޫޒްލައިނާތަކަށް ހިދުމަތްތައް ރަނގަޅު ކުރަން މަޝްވަރާކޮށްފި

Feb 6, 2019
1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އިސް ނެގުމަކާއެކު ރާއްޖެ އަންނަ ކްރޫޒްލައިންތަކަށް މާލެއިން ދޭ ހިދުމަތްތައް ރަނގަޅު ކުރަން ހާއްސަ މަސައްކަތް ސަރުކާރައި ގުޅިގެން އިއްޔެ ފަށައިފި އެވެ.

ކޮންމެ ދެ ހަފުތާއަކުން މާލޭގެ ބަނދަރަށް ކްރޫޒްލައިނާތައް ވއަންނައިރު އެ އުޅަނދު ފަހަރުން މާލެ ފައިބާ އެތައް ސަތޭކަ މީހުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްޕީއެލް އަދި ފުލުހުންނާއި ސިޓީ ކައުންސިލުން އިއްޔެ ވަނީ ބައްދަލުކޮށް މަޝްވަރާތައްކޮށްފަ އެވެ. އެ ބައްދަލުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މި ބައްދަލުވުމަށްފަހު ބޭއްވި ސައިޓް ވިޒިޓުގައި ކްރޫޒްލައިނާތަކުން މާލެއަށް ފައިބާ ޓޫރިސްޓުން ފާހާނާ ކުރަން ވަންނަ ފާހާނާތަކާއި އެ މީހުން ގޮވައިގެން އަންނަ އުޅަނދުތައް ކައިރިކުރާ ސަރަހައްދުތައް ބަލައިލުން އޮތެވެ.

މާޔާގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ބައްދަލުވުމަށްފަހު، ކްރޫޒްލައިނާ ތަކަށް ހިދުމަތް ދިނުމުގައި މިހާރު އޮތް ދަތިތައް ސަރުކާރުގެ އިދާރާތަކަށް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ.

"މިނިސްޓަރު އަލީ ވަހީދު ނޫނީ ކްރޫޒްލައިނާތަކުގެ ކަންކަމުގައި ދުވަހަކު ވެސް މި ގޮތަށް މިނިސްޓަަރަކު ސައިޓް ވިޒިޓެއް ނުހައްދަވާ މި ވިޒިޓަށް ފަހު މިނިސްޓަރު ވެސް ވިދާޅުވި މިއީހެއްޔާ މާލެ ފައިބާ ޓޫރިސްޓުންނަށް ހިދުމަތް ދޭން ހުރި ވަސީލަތްތަކުގެ ހާލަތަކީ،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.

މާޔާއަކީ ރާއްޖެއަށް ސުޕަ ޔޮޓްތަކާއި ހައި ޕްރޮފައިލް މީހުން ގެންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ އެހީގައި ރާއްޖެ އަންނަ ކްރޫޒްލައިނާތަކުގެ ކްރޫން މިހާރު ފައިބަން ޖެހެނީ އެމްޕީއެލް ސަރަހައްދަށެވެ. އަދި އެމީހުން ފައިބަނީ މުދާ ކޮންޓެއިނާތަކުގެ ދަށުންނެވެ.