ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން މި މަހު އެއްވަނަ ދުވހުން ފެށިގެން މި މަހުގެ ނިޔަލަށް ބީއެމްއެލް އިސްލާމިކް އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 15،000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި މީގެ އިތުރު 3 ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއް ވެސް ވަނީ ކަނޑައަޅާފައިވެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރި އުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ދާދި ފަހުން ބީއެމްއެލް އިސްލާމިކްއިން ވަނީ ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފަ އެވެ.
ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓް އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ހިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކު ބޭންކިންގް ހިދުމަތް ދިނުމަށް ޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.
ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންގް އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.
ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.