އެފްއޭއެމް

އެފްއޭއެމްގެ ކޮންގްރެސް އަންނަ މަހު 25 ގައި

އެފްއޭއެމްގެ އަހަރީ ކޮންގްރެސް އަންނަ މަހު 25 ގައި ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

މި ކޮންގްރެސްއަކީ، އެފްއޭއެމްގެ އަހަރީ ބަޖެޓް ފާސް ކުރުމަށް ބާއްވާ ކޮންގްރެސްއެކެވެ. އޭގެ އިތުރުން، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަން ކޮށްފައިވާ، މާޒިޔާގެ ސީއީއޯ ހުސައިން ޝިފާއު 'ކޮކީ' އާއި އީގަލްސްގެ ޖެނަރަލް ސެކެޓްރީ މުފައްވިޒް ހާޝިމް 'މުފާ' އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމްއަށް ކުލަބުތަކުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހާނެ އެވެ.

އެފްއޭއެމްގެ މިދިޔަ އަހަރުގެ ބަޖެޓަކީ، 65 މިލިއަން ރުފިޔާ އެވެ. އެފްއޭއެމްގެ ބަޖެޓް ފާސްކުރުމަށް ވަގުތު ކުޑަތަން ވެގެން އަންނައިރު ޔޫތު ސްޕޯޓްސް މިނިސްޓްރީއާ އެފްއޭއެމްއާ ދެމެދު ވަނީ ބޮޑު ކޯޅުންތަކެއް އުފެދިފަ އެވެ. ފީފާއަށް ފަހު އެފްއޭއެމްގެ ބަޖެޓަށް އެންމެ ބޮޑު ސަޕޯޓެއް ދެނީ، ސްޕޯޓްސް މިނިސްޓްރީންނެވެ.

މިދިޔަ އަހަރު އެފްއޭއެމްގެ ބަޖެޓަށް ސްޕޯޓްސް މިނިސްޓްރީން ވަނީ، 7.6 މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެފްއޭއެމް ލިޑާޝިޕާމެދު ހިތްހަމަނުޖެހި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ދަނީ އެފްއޭއެމްގެ ލީޑާޝިޕާމެދު އިތުބާރު ނެތް ކަމަށް ބުނެ ކުއްލި ކޮންގރެސްއެއް ބާއްވައި ދިނުމަށް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ، އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދޭން ޖެހިފައިވާއިރު ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުންނެވެ. ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވުމުން، އަންނަ މަހު 25 ގައި ބާއްވާ އެފްއޭއެމްގެ ކޮންގްރެސްގައި އެ ކުލަބަށް ބައިވެރި ނުވެވޭނެ އެވެ.