ހަބަރު

އެސްއޯއީ އިއުލާންކޮށް އަނިޔާވެރިވި މިހުންނަަށް ފިޔަވަޅު އަޅާ: މައުމޫން

Feb 5, 2019
6

މިދިޔަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އަނިޔަވެރިވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

ފެބްރުއަރީ ފަހެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ އެކެއް ފެބްރުއަރީގެ އަމުރު ނެރުމާ ގުޅިގެން އެ ހާލަތު ބަދަލު ކުރުމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ފުރަތަމަ ހައްޔަރު ކުރެއްވީ ރައީސް މައުމޫން އެވެ.

އެކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް ކަމަށާއި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ވެސް ނަގާލައި އަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ. އަދި އެ ދުވަހު އެކަން ކުރި ސަބަބަކީ އެމަނިކުފާނު ހައްޔަރު ކުރުން ކަން މިއަދު ސާފުވާ ކަމަށާއި އެމަނިކުފާނުގެ އަބުރާއި އިއްޒަތް ރައްޔިތުންގެ ހިތްތަކުން ފިލުވާލުމަށް ކަން ވެސް މިހާރު ހާމަވާ ކަމަށެވެ.

ރައީސް މައުމޫންއަށް ފަހު އެމަނިކުފާނުގެ ދަނބިދަރިކަލެއް ކަމަށްވާ މުހައްމަދު ނަދީމް އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރު ކުރި އެވެ. އަދި އެ ބޭފުޅުންގެ މައްޗައް ތުހުމަތު ކުރެވޭ ޖިނާއީ ބޮޑެތި މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަން ފެށި އެވެ.

އެހެންކަމުން އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ކަމާ ބެހޭ ފަރާތްތަކުންް އިންސާފުވެރި ފިޔަވަޅު އަޅައިދިނުމަށް ގޮވާލައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެ ކަން ނުކޮށްފިނަމަ ކުރިއަށް އޮތް ތަނުގައި ވެސް ބާރުގައި ތިއްބަވާ ފަރާތްތަކުން އެފަދަ އަނިޔާވެރި ޣައިރު ގާނޫނީ ކަންތައްތައް ކުރުމަށް ޖެހިލުމެއް ނުވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.