(4 ފެބްރުއަރީ 2019 އާ ގުޅޭ)
ވިޝާލް އާއި މަންހާގެ ގާތްވަމުން އައި އެކުވެރިކަން އެންމެ ގާތުން ބަލަމުން ދިޔަ މީހަކަށްވީ ނާޒިޔާއެވެ. އެދެމީހުން އެކަނި ބެލްކަނީގައި ތިބޭ ގަޑިތަކުގައި އެމީހުންނަށް ފާރަލުމާއި އެމީހުން ދައްކާ ވާހަކަ އަޑުއެހުން ފަދަ ކަންތައް ނާޒިޔާ ކުރެއެވެ. އެއްގޮތަކަށްވެސް އޭނަ އެކަންތައް ކުރަނީ ނުބައި ނިޔަތެއްގައެއްނޫނެވެ. އޭނަގެ ހިތުގައިވެސް އެދުންތަކަކާއި އުއްމީދު ތަކަކާއި ހުވަފެންތަކެއް ވެއެވެ.
މިހާތަނަށް އައިއިރު އޭނަގެ އެއްވެސް ހުވަފެނެއްގައި ކުލަ ޖެހިފައިނުވިއެއް ކަމަކު އޭނަވެސް އޭނަގެ އެއްހުވަފެނުގައި ކުލަ ޖެހެން ބޭނުންވެއެވެ. ފެންނަ މަންޒަރުތަކުން އޭނައަށް ހީކުރެވޭ ހީކުރުންތަކަކީ ރަނގަޅު ހީކުރެވުމެއްކަމުގައި އޭނަ ދެކެމުންދިޔައެވެ. އެހެންވެގެންނާއިއެކު ވިޝާލް އާއި މަންހާ އެކުގައި ތަންތަނަށް ފޮނުމަށް ނާޒިޔާ ސަމާލުކަމެއް ދެއެވެ.
ވިޝާލް ރޭގަނޑުގެ ނިންޖަށް އިންތިޒާރު ކުރަމުން ދިޔައެވެ. އެހެނީ މަންހާގެ ހިޔާލުތައް އޭނަ އަށް ކޮންމެ ރެއަކުވެސް އުނދަގޫ ކުރެއެވެ. އެހެން އުޅެނިކޮށް ނިދެނީ ކޮންއިރަކު ކަމެއް އޭނައަކަށް ނޭގެއެވެ. މަންހާ މާ ބުރަކޮށް އުޅެން ޖެހުމާއިއެކު އެރީތި އަޑު ނީވޭތާވެސް ހަފްތާއެއް ހާ ދުވަސް ވަނީއެވެ. އެންމެ އާދަޔާ ހިލާފު ކަމަކީ ކޮންމެ ރެއަކުވެސް މަންހާ ކިޔަނީ ހަމަ އެއްލަވައެކެވެ. ތިން ހަތަރު ފަހަރު މަތިންވެސް އެލަވަ ކިޔާފަނެއެވެ. "ބޭނުންވަނީ ޔާރާ...." މަންހާ ބޭނުންވަނީ އަނެއްކާ އޭނަ ބާއޭ ވިޝާލްގެ ހިތަށް އަރައެވެ. އެހެނީ ފަހަކަށް އައިސް މަންހާ އެލަވަ ކިޔާއަޑު އިވުމުން ހީވަނީ އޭނައަށް ލަވައިގެ ލަފްޒުތައް ރައްދުވާހެނެވެ. ވިޝާލްވެސް އޭގެ ޖަވާބުދޭން ބޭނުންވެއެވެ. އޭނަ އެނދުން ކުއްލިއަކަށް ތެދުވެ އަލަމާރިން އޭނަގެ ގިޓާނަގާ ޓިއުންކޮއްލިއެވެ. އަދި ދޮރުކަހާލަމުން ބެލްކަންޏަށް ނުކުމެ ބެލްކަނީގައި ލެގިލަމުން އެއްފައި ނަގާ ބެލްކަނީގައި ވިއްދާލިއެވެ. ފަޒާގައިވާ ތެތްފިނިކަމުން ވިޝާލްގެ ހާމަވެފައިވާ ހަށިގަނޑަށް އެއްވެސް ފިނިކަމެއް އިޙްސާސް ނުވާކަހަލައެވެ. އޭރު ލާފައިވާ ހުދުކުލައިގެ ދިގު ހަރުވާޅުގެ ފައިކުރި ވަޔާއި އެއްވަރަށް ދެފަރާތަށް ހޫރެމުންދިޔައެވެ. އޭނަ މައްޗަށް ނަގާލެވިފައިވާ ފައިގައި ގިޓާ ބައިންދާލަމުން ނަރުތަކާއި ކުޅެލިއެވެ.
"ތިޔަ ރީތި މޫނު ލޯބިން، އެދި އެދި ހޯދީމޭ....
ހުޅުކޮޅޭ ލޯބި މީ، ޔާރާ އޭ ހިތްމި ދީފީމޭ......
އާކުރިއެކޭ ފެންދީ ލޯބީގެ ބިމުގައި ރުވީ.......އޭމަލާ
އާ ސިލްސިލާ އިޝްގީ ޖާދޫގެ ފެށިފައި މިވީ........އޭ ހިތާ
ތަރިތައް މިދިމާ ހޯދައޭ......އެއުރެން އެތިބީ ހޭލައޭ........
ތިޔަ ރީތި މޫނު ލޯބިން.....އެދި އެދި ހޯދީމޭ......"
ވިޝާލް ކުޅެމުންދިޔަ ރާގާއިއެއްވަރަށް ކިޔާލިއެވެ.
ކޮޓަރީގައި ހަރުކޮއްފައިވާ އޭސީގެ ފިންޏަށްވުރެ ގުދުރަތީ ގޮތުން ފަޒާގެ ތެރޭގައި ދައުރުވަމުންދާ ފިނިފިނި އެންމެ ވައިރޯޅިއަކުންވެސް މަންހާގެ ހަށިގަނޑަށް ހަމަޖެހުން ގެނުވައިދެއެވެ. ނިދަންވަންދެންވެސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީއެވެ. މަންހާ އޭނަގެ އެނދުމަތީ ބަންޑުން އޮށޯވެލައިގެން އޮވެ ލެޕްޓޮޕުން ކޮންމެވެސް ބަޔަކާއި ވާހަކަދައްކަމުންދިޔައެވެ. އާއެކެވެ. އޭނަ ގްރޫޕް ޗެޓު ކުރަނީއެވެ. އޭނަގެ އެންމެ ގާތް ތިންރަޙުމްތަތްތެރިންނާއިއެވެ. އަމާނީ އާއި އަލީޝާ އާއި ޝިފްނާއެވެ. ކޮންމެ ކުއްޖަކުވެސް އަހަމުން ދިޔައީ މަންހާ މާލެ އަންނާނެ ދުވަހެކެވެ. ކިޔަވާނިމޭނެ ދުވަހެކެވެ. މަންހާ ކޮންމެ ފަހަރަކުވެސް ބުނަނީ ކެތްތެރިވާށެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކު ކަމަށެވެ. އެއާއެކު އޭނަގެ ރަޙުމަތްތެރިންގެ ދޫތައް ބަންދުވެގެންދެއެވެ. އިތުރަށް ކުރާނެ އަދޭހެއް ނޯވެއެވެ. އެކުދިން މަންހާއަށް ދާއިންގެ ހަބަރު އެނގުނު މިންވަރަކުން އޮޅުންފިލުވާދެއެވެ. ކުރިން ދުވަހަކު ދާއިން އެމް.އެން.ބީސީ ވަން ޗެނަލްއަށް އިންޓަރވިއުއެއް ދޭން އެރިވާހަކަވެސް ބުންޏެވެ. މަންހާ އުފާވެސްވިއެވެ. އެކަމަކު ދެރަވެސް ވިއެވެ. އޭނައަށް ނުފެނުނީމައެވެ. އަވަސް އަވަހަށް ރަޙުމަތްތެރިންގާތުން ދާއިން މިހާރު ހުރީ ކިހިނެތްތޯ އަހަންފެށިއެވެ. އަދިވެސް މަންހާގެ ހިތްވަނީ ދާއިންއަށްޓަކައި ދީވާނާވެފައެވެ. މަންހާ އޭނަގެ އާއެކުވެރިޔާގެ ވާހަކަ ކިޔާދިނެވެ.
"ވާވު، އަޅެ އޭނަގެ ފޮޓައެއްނެއްތަ؟" އަލީޝާ ޗެޓު ބޮކްސް ތެރޭ ލިޔެލައިފައި އޮތެވެ. އެތަންފެނި މަންހާގެ ގާތަށް ހިނިއައެވެ.
"އަނެއްކާ މަން ތި ވިޝާލްއަށް ހިތްކީތަ" އަމާނީ ލިޔެލިތަން މަންހާއަށް ފެނުނެވެ. މިފަހަރު ކުރިއަށްވުރެ ބޮޑަށް ހިނިއައެވެ. އަދި މަންހާގެ ނޭފަތާ ކޯތާފަތަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.
އެމަސްތީ ރޭގައި ވިޝާލްގެ ގިޓަލުގެ ނަރުތަކުން އިވެމުންދިޔަ ހިތްގައިމު މިއުޒިކުގެ އަޑު ވައިރޯޅިތަކާއިއެކު މަންހާގެ ކަންފަތާއި ހަމައަށް ގެންގޮސްދީފިއެވެ. ވިޝާލްގެ ހިތުގެ އަޑު މަންހާގެ ކަންފަތުގައި ފަނޑުކޮއްނަމަވެސް ހަރުލިއެވެ. ކުއްލިއަކަށް ބެލްކަންޏަށް ނުކުތުމަށް އިންފަޅީގައި ހުޅުވާފައިވާ ދޮރާދިމާލަށް މަންހާ ބަލާލިއެވެ. ފުންކޮށް ވިސްނާލެވުނީ އެރީތި ހިތްގައިމު މިއުޒިކު އަންނަނީ ބެލްކަނިންތޯ ވިސްނާލުމަށެވެ. ފުރަތަމަ އަޅާނުލާ އޮތުމަށް މަންހާ މަސައްކަތްކުރިއެވެ. އެކަމަކު ސިކުނޑި ސިގްނަލް ދެމުންދިޔައީ އެއަޑު އަންނަ ދިމާލަކަށް ދިއުމަށެވެ. ކިހިނެތް އިވޭ އަޑެއްތޯ ބެލުމަށެވެ. ދެފަހަރަކު ބަލާލުމަށްފަހު ލެޕްޓޮޕް ހުރިގޮތަށް ބަހައްޓާފައި މަންހާ އެނދުމަތިން ތެދުވެ ބެލްކަންޏަށް ނުކުތުމަށް ހިނގައިގަތެވެ.
ބެލްކަންޏަށް ނުކުތް މަންހާގެ އިސްތަށިގަނޑާއި ވައިރޯޅިތައް ސަމާސާކުރަންފެށިއެވެ. އަދި ލައިގެން ހުރި ތުނި ތުނި މަޑު ދޮންކުލައިގެ ތުނިތުނި ކުރުތާވެސް ވަޔާއިއެކު އެހަށިގަޑުގައި ތަތްވެގެން ދިއުމާއިއެކު ހަށިގަނޑުގެ ބައްޓަން ފާޅުވެގެންދިޔައެވެ. ބެލްކަނީގައި ހުރި ފަނޑު ރީދޫއަލީގަވެސް މަންހާއަށް ދުރުގައި ގިޓައެއް ހިފައިގެން ހުރި ޒުވާނާ ފެނުނެވެ. އެއްއަތުން އިސްތަށިގަނޑު ގެނެސް އެއްފަރާތަކަށް ލާއަތުން ހިފަހައްޓާލައިގެން ހުރެ ލަސްފިޔަވަޅުތަކެއް އަޅަމުން އެދިމާލަށް ދިޔައެވެ.
"އެދި އެދި ހޯދީމޭ.....އެދި އެދި ހޯދީމޭ..." ވިޝާލްގެ މަރާލެވިފައިވާ ދެލޯ ކުއްލިއަކަށް ހުޅުވިގެންދިޔައެވެ. ކައިރީގައި ހުރި މަންހާގެ އަޑު އެކަންފަތުގައި ޖެހުމާއިވެސް އެކީއެވެ. މަންހާ މިފަދަވަގުތެއްގައި އެހާ ގާތުން ފެނުމާއިއެކު އޭނަގެ ފައިން ބާރުދޫވެ ގިޓާ ވެއްޓޭގޮތް ދިމާވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް ވިޝާލްއަށް ގިޓާގައި ބާރަށް ހިފާލެވުނެވެ. ހަމައެވަގުތު މަންހާވެސް ވިޝާލްގެ އަތުގައިވާ ގިޓާގައި ހިފަހައްޓާލެވުނީ އޭތި ވެއްޓުނަ ނުދިނުމަށެވެ.
"ހާއި، ވީޝާލް ގިޓާ ކުޅެންތަ، ވަރަށް ސަޅި އިނގޭ......ސިނގިން އޮލްސޯ ނޮޓް ބޭޑް...." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ. އޭނައަށް ކުރިއަކުން ވިޝާލްއަކީ ގިޓަރިސްޓެއްކަމެއް ނޭގެއެވެ.
ވިޝާލް މަންހާއަށް ބަލާލަމުން ލުއި ހިނިތުންވުމެއް ދިނެއެވެ. އޭނައަށް މަންހާގެ ފަރާތުން ފެނުނީ ރުހުމުގެ ބެލުންތަކެވެ. މަންހާ އޭނަގެ އަތުގައި އޮތް ގިޓައަށް ޝައުގުވެރިކަމާއިއެކު ބަލަމުންދިޔައިރު ވިޝާލްގެ ނަޒަރުވަނީ މަންހާއަށް ހުއްޓިފައެވެ. އޭނަގެ ކޮންމެ ހަރަކާތަކާއިއެކު ވިޝާލްގެ ހިތުގެ ހިނގުން އަވަސްކުރުވައެވެ.
"އައި ލައިކް ޔޫ......ޑޫ ޔޫ ނޯދެޓް......" ވިޝާލް ކުއްލިއަކަށް މަންހާއަށް ގިޓާ ދިއްކޮއްލަމުން ބުނެލިއެވެ.
"ހެ ހެ ހެ ހެ..........އައި ލައިކް ޔޫ ޓޫ.........ނައިސް ގިޓާރ، އައި ލަވް އިޓް" މަންހާ އޭނަގެ އަތަށް ގިޓާރ ހެޔޮވަރުކޮއްލަމުން ބުނެލިއެވެ. އެވަގުތު އަތުން ހިފަހައްޓާލައިގެން ހުރި އިސްތަށިތައް ފަޒާގެ ތެރެއަށް އުދުހިގަތީ މިނިވަންކަމާއިއެކުއެވެ. އެމަންޒަރު ބަލަން ހުރި ވިޝާލްގެ ހިތަށް ހީވީ ގަނޑުފެންކޮޅުގެ ހަމަލާތަކެއް އައިހެންނެވެ. ހިއްސުތައް ކޮންޓްރޯލް ކުރަން އޭނަ ނުހަނު ބޭނުންވިއެވެ. އަވަސް އަވަހަށް ބެލްކަނީގައި ދެއަތްއަޅުވާލަމުން މަންހާގެ އެރީތި ސޫރަ އެދެލޮލަށް ފޮރުވާލިއެވެ. ކެތްތެރިކަން ކުޑަވެފައި ވާއިރުވެސްމެއެވެ.
ވިޝާލް އޭނަގެ ހިތުގައިވާ އެއްޗެއް ފޮރުވަން ކިތަންވެވަރަކަށް މަސައްކަތްކުރިޔަސް އެދުލުގެ ކުރިޔަށް އަބަދުވެސް އެންމެ ފުރަތަމަ އަންނަ ލަފްޒަކީ މަންހާގެ ނަމެވެ. އެސިއްރު ބޭޒާރު ވާހަކަށް އޭނަ ނޭދެއެވެ. އެކަމަކު އެހިތުގެ ކެކުޅުން މަންހާއަށް އަންގަދޭން ބޭނުންވެއެވެ. ނަމަވެސް އެރީތި ސޫރަ ފެންނަ ކޮންމެ ފަހަރު ވިޝާލްގެ ހަމަހޭ ވަރިކަން ފިލައިގެންދާހާވެއެވެ. ވިޝާލް އުޑުގައި ފިޔަޖަމުންދިޔަ ތަރިތަކަށް ބަލާލިއެވެ. އޭނައާއިއެކު މިހިތްގައިމު ވަގުތުކޮޅުގައި ބައިވެރިވެދޭށޭ ބުނާފަދަ ގޮތަކަށެވެ. ހަނދުފެންނަ ހިސާބުގައި ނެތަސް އެއުނިކަން އިޙްސާސްއެއް ނުކުރެވެއެވެ. އެއީ އޭނަގެ ގާތުގައި ހުރީވެސް އެފަދަ ރީތިކަމުން ފުރިގެންވި ހަނދަކަށްވީތީއެވެ.
"ހިތް ބުނޭ، ދާށޭ.....ގޮސް އޭނަޔާ ބައްދަލު ކުރާށޭ.....އެކަމަކު.........ކުރިޔަށް ނަގާ ފިޔަވަޅު ހުއްޓެނީ ކީއްވެކަމެއް ނޭގޭ.....އަޅެ އަހަރެން ފިނޑީތަ؟ ހިތަށް އަރާ ހިތުގަވާ އެއްޗެއް އިނގޭނެ ނަމޭ، ޔަގީނުންވެސް އޭރުން މިހިތް ބޭގަރާރު ވެގެން ނޫޅޭނެ، ހިތަކީވެސް ކޮންކަހަލަ އެއްޗެއްތަ، އެހިތް ބުނޭ......ބުނާށޭ..........ލޯބިވާ ވާހަކަ ބުނާށޭ، އެކަމަކު ޖަވާބު އަންނާނެ ގޮތާއި ދޭތެރޭ އެހިތް ބިރުވެސް ގަނޭ........" ވިޝާލް މަންހާއަށް ބަލާލިއެވެ.
"ނޫން.....ލޯބިވާ ވާހަކަ ނުބުނެވުން އެއީ ފިނޑިވުމެއްނޫން، ކޮންމެ ކަމެއްގަވެސް ވަރަށް ގިނަ ސަބަބުތަކެއް ފޮރުވިފައިވާނެ، އެކަމަކު ހިތަށް ނޫނީ ލޯތްބެއް ނުވިސްނޭނެ، އަހަރެންވެސް ހިތަށް އަރާ އޭނަ ގާތު ލޯބިވެޔޭ ބުނެވޭނެނަމޭ، ހިތަށް އަރާ އަހަރަންގެ ހިތް އެލޯތްބަކަށް އެދި ތެޅޭވަރު އަޑުއިވޭނެނަމައޭ، އެކަމަކު ދެހިތުގެ މެދުގައި ދިގު އިންތިޒާރެއްވަނީ، އެދުލުން ލޯބިވެޔޭ ބުނާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރެވޭނެ، ފުރަތަމަ ނަޒަރުން ލޯބިވެވޭކަން ގަބޫލުކުރާ މީހުންގެ ތެރޭގައި އަހަރެންވެސް ހިމެނޭނެ........" ވިޝާލްގެ ވާހަކަތަކުން މަންހާގެ ހިތަށް އަސަރުތަކެއް ކުރުވައިފިކަން ގައިމެވެ. އޭނަ މަޑުމަޑުން އެއްފަރާތުގައި ބެލްކަނީގައި ގިޓާ ލައްކޮއްލަމުން ބެލްކަނީގައި ދެއަތް އަޅުވާލިއެވެ. އަދި ވާހަކަދެއްކީ ހިޔާލީ ދުނިޔެއަކަށް ގެއްލިފައިވާ މީހަކު ފަދައިންނެވެ.
"މަންހާއަށްވެސް ލޯބި ވެވިއްޖެކަން އެނގޭ، އަހަރެންނަށްވެސް ކުއްޖެއްދެކެ ލޯބި ވެވިގެން މިއުޅެނީ" ވިޝާލް ދުރަށް ނަޒަރު ހިންގާލައިގެން ހުރެ ބުނެލިއެވެ.
"އެއީ ކޮންކުއްޖެއް އަނެއްކާ، އިފްޔޫ ޑޯންޓް މައިންޑް" މަންހާ ވިޝާލްއަށް ބަލާލަމުން އަހާލިއެވެ.
"މަންހާ ބުނެބަލަ، މަންހާ ލޯބިވަނީ ކޮންކުއްޖެއް ދެކެތަ" ވިޝާލް ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އެއާއިއެކު މަންހާވެސް ލުއި ހިނިތުންވުމަކާއިއެކު އިސްދަށަށް ޖަހާލިއެވެ.
"ކިހިނެތްވީ، ލަދުގަތީތަ؟" އަނެއްކާވެސް ވިޝާލް ވާހަކަ ދެއްކިއެވެ.
"ނޫން، ކަމެއްނުވޭ...........ދެން އެހެން ފަހަރަކުންދޯ.......އެކަމަކު ބުނަންތަ، ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް، ފަހުން ފަހުން ބުނަން ހުއްޓަށް ހޯދަންބޭނުންވި ލޯބިވެދާނެ އެހެންމީހެއްގެ ހައްގަކަށްވެސް، މިބުނީ ވަގުތު ފާއިތި ނުވަނިސް ކެރިގެން ކުރިއަށް ފިޔަވަޅު އަޅާށޭ އަދި ހިތް ބުނާ ފަދައިން ލޯބިވެޔޭ ބުނާށޭ......" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ ވިޝާލްއަށް ފުރަގަސްދެމުންނެވެ.
މަންހާއަށް ކުރިއަށް ދެފިޔަވަޅުއަޅާލެވުނު ތަނާހެން ވިޝާލް މަންހާގެ އަތުގައި ހިފިއެވެ. އެއާއެކު މަންހާ ހައިރާން ކަމާއިއެކު އެނބުރި ވިޝާލްއަށް ބަލާލިއެވެ. ވިޝާލް މަންހާ އާއި ގާތަށް ފިޔަވަޅެއް އަޅާލަމުން މަންހާގެ ދެއަތުގައި ފުރަގަހުން ހިފަހައްޓާލިއެވެ. އަދި މަންހާގެ ހޭވިފައިވާ އިސްތަށިގަނޑުން ނިވާވެފައިވާ ކަންފަތާއި ކަނދުރާ ހާމަކޮއްލަމުން މަންހާގެ އިސްތަށިގަނޑު އެއްފަރާތަކަށް ވައްޓާލިއެވެ.
"ވިޝާލް..........." މަންހާއަށް ތެޅިގަނެވުނެވެ.
ވިޝާލްއަށް އެއަޑު ނީވޭކަހަލައެވެ. އޭނަ އަނެއްކާވެސް މަންހާގެ އަތުގައި ހިފާ ގާތްކޮއްލިއެވެ. މަންހާގެ ބުރަކަށިއޭރުވަނީ ވިޝާލްގެ އެތަނަވަސް މޭގައި ޖެހި ބާރުވެފައެވެ.
"ފުރަތަމަ ނަޒަރުން، ހަމަ އެހިނދުން، ތިޔަ ސޫރަ ހިތުގައި ބިންވަޅު ނެގުނޭ، ފޮނިފޮނި އިޝްގުން، ހިތް މަސްތުން، ފުރުވާލި ހިނދުގައި، ހިތްއެކު ދެވުނޭ، ތިލޯތްބަށް މިހިތް އާދަވޭ.........އާދަވޭ، ކަލާދެކެ ވަރަށް ލޯބިވޭ.......ލޯބިވޭ......ހަނދާންތައް ހިތަށް ދުރުނުވޭ....ދުރުނެވޭ....ކަލާދެކެ ވަރަށް ލޯބިވޭ........ލޯބިވޭ............އައި ލަވް ޔޫ..........އައި ލަވް ޔޫ މަންހާ..........އައި ރިއަލީ ލަވް ޔޫ" ވިޝާލްގެ ހޫނު ނޭވާތައް އިޙްސާސްވާހާ ކައިރިއަށް މަންހާގެ ކަންފަތާ ގާތްވެލަމުން ބުނެލިއެވެ. އަދި މަންހާގެ ދޮންކަނދުރާގައި ބޮސްދިންވަގުތު މަންހާ ކުރިއަށް ދުއްވައިގަތެވެ. ވިޝާލް ދެފަހަރަކު މަންހާއަށް ގޮވާލިއެވެ. އެކަމަކު އޭނަގެ ފަހަތުން ދާކަށް ވިޝާލް ބޭނުމެއްނުވިއެވެ.
ވިޝާލްގެ މޫނުމައްޗަށްވަނީ ހިތްހަމަޖެހުމުގެ ލުއި ހިނިތުންވުމެއް ވެރިވެފައެވެ. ތަނަވަސް މޭގައި އަމިއްލަށް ފިރުމާލެވުނެވެ. ހަމަ ކުޑައިރުކޮޅެއްކުރިން އެމޭގައި މަންހާގެ ހަށިގަނޑު ޖެހި ފިތި ބާރުވެފައި ހުރިގޮތް ހިތަށް އެރުމުންނެވެ. ވިޝާލް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާލިއެވެ. ކޮންމެ އަންހެން ކުއްޖެއްވެސް ލޯބިވާ ވާހަކަ އަޑުއިވޭހިނދު މަންހާ ފަދައިން ލަދުރަކި ކަމާއިއެކު ފިލަން ދުވާނެ ބާއޭ ވިޝާލްގެ ހިތަށް އެރިއެވެ. ވިޝާލް މަންހާ ގޮސް އޭނަގެ ކޮޓަރިއަށް ވަންނަންދެން ބަލަންހުއްޓެވެ.
އެނބުރި ގިޓާ ހިފައިގެން އައިސް ކޮޓަރިއަށް ވަތްއިރުވެސް ވިޝާލްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. އޭނަ ދޮރުކައިރީ ގިޓާ ބަހައްޓާލާފައި އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އަދި ހޭން ފެށިއެވެ.
"މަންހާ......މަގޭ މަންހާ.........އައި ލަވް ޔޫ ގާރލް، އައި ލަވް ޔޫ ސޯމަޗް، ޔޫ އަރ ދެއަރ އޮން މައި އެވްރި ހާޓްބީޓް.......އައި ލަވް ޔޫ މަންހާ........." ވިޝާލް މޮޔައަކު ފަދައިން އެނދުގައިއޮވެ އަމިއްލައަށް ވާހަކަދައްކަމުންދިޔައެވެ.
ދުވެފައި ކޮޓަރިއަށް ވަތް މަންހާއަށް އަވަސް އަވަހަށް ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރު ދޮރު ދަމާލަމުން ތަޅުލިއެވެ. އަދި ހަލުވިކަމާއިއެކު ދޮރުފޮތިތަކުން ކޮޓަރިތެރެ ނުފެންނާނޭ ގޮތަށް ނިވާކޮއްލިއެވެ. އޭރު އޭނަގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ތެތްފިނިކަން ހަރުލާފައި ވިއެއްކަމަކު މަންހާ ދާހިތްލަން ފަށައިފިއެވެ. ހާސްވެފަ ހުރިވަރުންނާއިއެކު ތުރު ތުރުލަމުން ދިޔަ އަތުން އޭސީގެ ރިމޯރޓު ނަގާ ސޯޅައަށް ލިއެވެ. ކޮޓަރިތެރެ ބޮޑަށް ފިނިކޮއްލުމުގެ ބޭނުމުގައެވެ. އަދި އޭސީ އާއި ދިމާލުގައި ހުއްޓިލަމުން އިސްތަށިގަނޑު މައްޗަށް ނަގާ އަތަށް އޮޅާލަމުން ހުޅިއެއްޖެހިއެވެ. މަންހާއަށް މަޑުމަޑުން ކަނދުރާގައި އަތްތިލަ ހާކާލެވުނެވެ. އެއާއެކު ޑްރެސިންގ ޓޭބަލް މަތީ ހުރި ވެޓްޓިޝޫ އެތިން ޓިޝޫއެއްނެގުމަށްފަހު ކަނދުރާ ފޮހެންފެށިއެވެ. މަންހާއަށް އެގޮތަށް ކަނދުރާގައި ހޭކުނީ ކިތަށް ޓިޝޫކަމެއް ނޭގެއެވެ. މަންހާގެ އަވަސްވެފައިވި ނޭވާ ހަމައަކަށް އެޅުނުއިރު އޭނަގެ ކަނދުރާވަނީ މުޅިން ރަތްވެފައެވެ. ކުޑަކޮށް ދިލަވެސް ނަގާހެން މަންހާއަށް ހީވެއެވެ. އޭނައަށް ޑްރެސިންގ ޓޭބަލްގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނދެވުނެވެ. އަދި ޑްރެސިންގ ޓޭބަލްގައި އުޅަންބޮށި ވިއްދާލުމާއިއެކު މަންހާ އޭނަގެ ދެއަތްތިލާގެ ތެރޭ މޫނު ފޮރުވާލިއެވެ.
ގިނައިރެއްނުވެ ކޮޓަރި ތެރެއަށް މަޑު ގިސްލުމެއްގެ އަޑު ފެތުރެމުންދިޔައެވެ. އަދި މަޑުން މަޑުން ފިއްތަމުން ދިޔަ ތުންފަތުން ރުއިމުގެ އަޑު ނުކުންނަން ފެށިއެވެ. އޭރު މަންހާގެ އެރީތި ދެލޮލުގައިވި ދިގު އެސްފިޔަތަކުގެ ތެރެއިން ފޭދިގެން ކަރުނަތިކިތައް އަތްތިލައިގެ ތެރެއިން ލާފައި ޑްރެސިންގ ޓޭބަލްއަށް ވެއްޓެމުންދިޔައެވެ.
"ވިޝާލް... ކީއްވެ.... ކީއްވެ.... ދާއިން... ދާއިން... ވިޝާލް... ނޫން... ނޫން، އައި އެމް ސޮރީ ވިޝާލް، އަހަންނަށް ލޯބިވެވިއްޖެ، ދެން އަލުން ލޯތްބެއް ނުވެވޭނެ، އެހަނދާންތަކާ އަހަރެން ދުރުވާނީ ކިހިނެތް، ދާއިންއަކީ އަހަރެންގެ ހިތުގެ ތެޅުން، ދިރިހުރުމުގެ ހުރިހާވެސް އުއްމީދަކީ އެއީ، ވީއިރު އަހަރެން ވިޝާލްގެ އަތުގައި ހިފާނީ ކިހިނެތް، އަހަރެންގެ ހިތާ ސިކުނޑިއާއި މުޅި ހަށިގަނޑުވެސް ވަނީ ދާއިންއަށްޓަކައި ދެވި ނިމިފައި، ވީއިރު މިހަށިގަނޑުގައި އެހެންމީހަކު ބީހެން އެދެވޭނީ ކިހިނެތް... އައިމް ސޯ ސޮރީ.... ސޯ ސޯ ސޮރީ.... އަހަރެން ލޯބިވަނީ ހަމައެކަނި ދާއިން ދެކެ، ހަމައެކަނި ދާއިންދެކެ.." މަންހާއަށް ވަކިން ބޮޑަށް ރޮވުނެވެ.
ހަމަހިމޭންކަމުގެ ތެރެއިން މަންހާގެ ރުއިމުގެ އަޑު ކަނޑައިގެންދިޔައެވެ. ހިތަށާއި ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސް ކަމުގެ މައްޗަށް ނިދި ސަވާރުވީއެވެ. ފަހަރެއްގައި އެނިދިވެސް މަންހާއަށް ކުޑަވަގުތުކޮޅަކަށްވިޔަސް ހަމަޖެހުމެއްދޭން އެދެނީކަންނޭގެއެވެ. ޑްރެސިންގ ޑޭބަލްމަތީ އެއްއަތްމަތީ ބޯއަޅާލައިގެން ނިދިފައި އޮތް މަންހާ ސިހިގެން ދިޔައީ ނިންޖާއެކު އޭނަގެ އަނެއްއަތް އަރިއަޅާލުމުންނެވެ. އެއާއެކު ފުއްމައިގެން ތެދުވިއެވެ. ނަމަވެސް އެދެލޮލަށް ވަނީ ވަރަށް ބޮޑަށް ނިދީގެ އަސަރު ކޮއްފައެވެ. އެހެންވެ ބަރުފިޔަވަޅުތަކެއް އަޅަމުން ގޮސް ބަންޑުން އެނދުގެ އެއްފަރާތަށް ވެއްޓިގަތެވެ.
އާދައިގެ މަތިން މަންހާގެ އެނދުގެ އެއްފަރާތުގައި ހުންނަ ކަނބަޑުމަތީ ހުރި ކުޑަކުޑަ ގަނޑިން އެލާމް އަޅަންފެށުމާއެކު ތެދުވިއެވެ. އާދުވަހަކަށް އިރުއަރަން ތައްޔާރުވަނީއެވެ. ފަތިސް ނަމާދުގެ ވަގުތުޖެހުނީއެވެ. އެކަމަކު އަދިވެސް މަންހާގެ މޫނުމަތިވަނީ މިލާފައެވެ. ތެދުވެގެން ފާހާނާއަށްވަދެ ތާޒާވެލިއެވެ. އެކަމަކު މިއަދު އޭނަގެ ގައިގާ އެހެންދުވަސް ދުވަހު ހުންނަ ފަދަ ޖޯޝެއް ނެތެވެ.
ނަމާދުގެ ސަލާމާއެކު މަންހާ އޭނަގެ ދެއަތް މައްޗަށް އުފުލާލިއެވެ. އޭނަގެ ހާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ހަޒްރަތައް ދުޢާކުރުމައްޓަކައެވެ. އޭނައަށް ދިރިއުޅުމުގައި ދާންވީ ރަނގަޅު މަގުދައްކަވާ ދެއްވުމަށެވެ. އޭނަގެ ހިތަށް ލިބެމުންދާ ނުތަނަވަސްކަމާއި ހިތްދަތިކަމަށް ކެތްތެރިކަން ދެއްވާ ހަޔާތުގެ ދުވަސްތައް އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކަކަށް ހައްދަވާދެއްވުންއެދިއެވެ. އެއްވެސް ބާރަކާއި ނުލާ ދާއިންދެކެ އިންތިހާއަށް ލޯބިވެވި އޭނަގެ ހަޔާތުން ޖާގައެއް ލިބުން އެދެވުމީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އަންގަވާދެއްވުންއެދިއެވެ.
މުސައްލަމަތީ ދެއަތްމައްޗަށް އުފުލާލައިގެން އިން މަންހާގެ ދެލޯ ކަރުނުން ފުރުނެވެ. ހިފެހެއްޓުމެއްނެތި އޭނައަށް ރޮވުނެވެ. ސަޖިދާގައިވާ މީހަކު ފަދައިން މަންހާ އޮވެ ރޮމުން ދުޢާދެންނެވިއެވެ. ހިތަށް ހަމަޖެހުން ދެއްވާ ކުރިމަތިން އަނދިރިކުރަމުން އަންނަ ބޯކަޅު ވިލާގަނޑުގެ ތޫފާނުގައި މަންހާ ޤަރަޤުވެ ނިމިދިއުމުގެ ކުރިން އޭގެތެރެއިންވެސް އަލިކަމެއް ފާޅުކޮއްދެއްވާ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުން އެދިއެވެ.
އެހެން ދުވަސް ދަވަހާއި ހިލާފަށް މިއަދު މަންހާ އަވަހަށް ގޭން ނުކުތެވެ. ނީލް ގާތު އެދުމާއިއެކު އޭނަވެސް އިތުރު ސުވާލެއް ނުކޮށް ކާރުގައި މަންހާ ގެންގޮސް ޔުނިވަރސިޓީއަށް ލާދިނެވެ. މަންހާއަށް ދެވުނީ ކުލާސްތައް ފެށުމުގެ ކުރިން ކަމުގައި ވާތީ އޭނަ ދިޔައީ ލައިބްރަރީއަށެވެ. އަދި އޭނަގެ ސިލަބަހުގައި ހިމެނޭ ފިލާވަޅުތަކާއި ބެހޭ ފޮތްތައް ނަގައި ކުދި ކުދި ނޯޓްސް ތައްޔާރު ކުރަންފެށިއެވެ. ހިޔާލާ ފިކުރު އެހެން ކަމަކަށް ގެންދިއުމަށް މަންހާ މަސައްކަތް ކުރަނީއެވެ.
މަންހާގެ ކައިރީގައި ހުރި ފޮތްތަކުގެ ގަނޑުތައް ހިމަދިގު އިނގިލިތަކުން އަވަސްކަމާއިއެކު އުކަމުންދިޔައެވެ. ދޭތެރެއަކުން ދެއިނގިލި ދޭތެރޭ އިން ގަލަން ތަޅުވާލައެވެ. އޭނަގެ އުދާސްވެފައިވާ ހިތާ ސިކުނޑިއަށް އެއްވެސް ކަމެއް ވިސްނޭވަރެއް ނުވިއެވެ. ހަރަކާތްތައް އަވަސްވެފައި ހުރިވަރުން އަތުންޖެހި މޭޒުމަތީގައި އޮތް ފޮތެއްވެސް ވެއްޓުނެވެ. އެއަޑަށް ލައިބްރޭރިއަން އާއި ކައިރި މޭޒުތަކުގެ ތެރެއިން މޭޒެއްގައި ތިބި ދެކުއްޖަކުވެސް މަންހާއަށް ބަލާލިއެވެ. މަންހާ ގުދުވެލަމުން ވެއްޓުނު ފޮތްނަގާ ލައިބްރޭރިއަންއަށް ބަލާލާފައި އަވަސް އަވަހަށް ސޮރީއޭ ބުނެލިއެވެ.
ކްލާސް ރޫމްތެރޭގައި މަންހާ އިނެއްކަމަކު އެއްވެސް ލެކްޗަރާއެއް ކިޔަވާދެއްވި އެއްޗެއް މަންހާގެ ސިކުނޑިއަކަށް އެއްގޮތަކަށްވެސް ވިސްނޭގޮތެއްނުވިއެވެ. މުޅި ދުވަސްވެސް މަންހާއަށް ދާނީ މިފަދަ ގޮތަކަށްކަން އެނގެއެވެ. އޭނަގެ އަމިއްލަ ހިތާ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭހާ ހިނދަކު އޭނައަށް ވިސްނޭނީ އެކަމަކާއި ދޭތެރޭކަން އެނގެއެވެ. ވިޝާލް އާއި ކޮންމެވެސް އިރަކުން ކުރިމަތި ލާން ޖެހޭނެކަން މަންހާއަށް އެނގި އެކަމާއި އޭނަގެ ހިތްއަވަސްވަނީއެވެ. އެހިތާ ސިކުނޑި ވިސްނަމުންދަނީ ހަމައެއްމެ ކަމާއިމެދުއެވެ. އެއީ ވިޝާލްގެ އެތަކެއް ސުވާލުތަކެއް ކުރިމަތިވާ ހިނދު ދޭނެ ޖަވާބަކާއި ދޭތެރެއެވެ.
(ނުނިމޭ)