ބޮލީވުޑް

ޓައިގާ ޝްރޯފް ސްޓައިލްގެ މީހުނަށް ހާއްސަ ޖިމެއް

Feb 6, 2019

ޖެކީ ޝްރޯފްގެ ދަރި ޓައިގާ ޝްރޯފް ބޮލީވުޑްއަށް ނިކުތުމުން ގިނަ ބަޔަކަށް އެންމެ ކަމުދިޔައީ އޭނާގެ ވަރުގަދަ ބިޔަ ހަށިގަނޑެވެ. ޓައިގާގެ ހަށިގަނޑު ކަމުދާ މީހުންނަށް ޓައިގާ މިއޮތީ އުފާވެރި ހަބަރެކެވެ. ޓައިގާހެން ހުންނަން ބޭނުންވާ މީހުންނަށް މުމްބާއީގައި ޓައިގާގެ އަމިއްލަ ގިމް އެއް ހުޅުވައިފި އެވެ.

ޓައިގާ ހުޅުވި ޖިމް އަށް ކިޔަނީ މިކްސްޑް މާޝަލް އާރޓްސް މެޓްރިކްސް އެވެ. ޓައިގާ އަކީ މާޝަލް އާޓްސްގެ ހުނަރު ވަރަށް ފުރިހަމަ އަށް އޭނާގެ ފިލްމު ތަކުގައި ދައްކާ މީހެކެވެ. ޓައިގާ ބުނި ގޮތުގައި މި ޖިމް ހުޅުވީ ވިޔަފާރި އަކަށް ވިސްނާފަ ނޫނެވެ. އަދި މިއީ ފިޓް ކޮށް ހުރުމާ ބެހޭ ގޮތުން މީހުން ކުރާ ސުވާލު ތަކަށް ޖަވާބު ދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށެވެ.

ޓައިގާ ބުނީ އޭނާގެ ހަށިގަނޑު ވަރުގަދަކޮށް ހުންނާތީ ވަރަށް ގިނަ ބަޔަކު ތައުރީފް ކޮށް އޭނާ އެހެން ފިޓް ކޮށް ހުންނަނީ ކިހިނެއްތޯ އަބަަދުވެސް ސުވާލު ކުރާ ކަމަށެވެ. އެގޮތުން، ފިޓްނަސް އަށް ލޯބި ޖެހުނީ ކިހިނެއް ކަމާއި ކަސްރަތުގެ އެކި މަސައްކަތްތައް ދަސް ކުރީ ކިހިނެއްކަމާއި މި ކަމަށް ހިތްވަރު ދިނީ ކާކުތޯ އަހާ ކަމަށެވެ. އަދި ޑައިޓުގެ ސިއްރުތަކާއި ވަރުގަދަ ހަށިގަނޑުގެ ސިއްރަކީ ކޮބައިތޯ އަހާ ކަމަށް ޓައިގާ ބުނެ އެވެ. މި ސުވާލުތައް ކުރާ ކުޑަކުދިންނަށާއި ޒުވާނުންނަށް ދޭން ބޭނުންވާ ޖަވާބު ޖިމް އަށް އައުމުން ދައްކުވައިދެވޭނެ ކަމަށް އޭނާ ބުނެ އެވެ.

ބޮލީވުޑް ނޫސްތައް ބުނި ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ޓައިގާ ހުޅުވި ޖިމްގެ މަސައްކަތްތައް ހަވާލުކޮށްފައި ހުންނަނީ އޭނާގެ އާއިލާ މީހުންނަށެވެ. އަދި، ޓައިގާ ޖިމްގައި ނޫޅޭ ވަގުތުުތަކުގައި ޖިމްގެ މަސައްކަތްތައް ބަލަހައްޓާނީ ޓައިގާގެ މަންމަ އައިޝާ ޝްރޯފް އާއި ދައްތަ ކްރިޝްނާ އެވެ.