ކުޅިވަރު

މާޒިޔާއިން ގުރީން ހިމޭން ކޮށްލައިފި، އީގަލްސް ފެށުން ރަނގަޅު

އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ޔޫތު ޗެމްޕިއަންޝިޕަށް ކުރިމަތިލި، ގުރީން ސްޓްރީޓްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މާޒިޔާއިން އެ ޓީމު ހިމޭން ކޮށްލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި، އިއްޔަ ހަވިރު ކުޅުނު މެޗުގައި، މާޒިޔާގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް އިމްރާހް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނެޓްގަ އެވެ. ގުރީންގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމަށް ލިބުނު ހިލޭ ޖެހުން ކީޕަރު އިބްރާހިމް އަޒްލީމް މާޒިޔާގެ ހާފުގެ ތެރެއަށް ފޮނުވާލުމުން، ގުރީން ސްޓްރީޓްގެ ކުޅުންތެރިން ބޯޅަ ހިފައިގެން ކުރިއަށްދާން އުޅުނު ނަމަވެސް، މާޒިޔާގެ މެދުތެރެއިން އެ ބޯޅަ ކުރިއަށް ފޮނުވާލުމުން އެ ބޯޅަ ލިބުނީ، ގުރީންގެ ޑިފެންސް ލައިނާ އެއްހަމައެއްގައި ހުރި، އިމްރާހް އަށެވެ.

ގްރީންގެ ޑިފެންސުން އޭނާ މާކުނުކޮށް ހުރުމުން އެކަމުގެ ފައިދާ ނަގައި ހުސްކޮށް ޕެނަލްޓީ އޭރިއާ ވަނުމުގެ ފުރުސަތު އިމްރާހްއަށް ލިބުނެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގުރީންގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ރޭ ކުޅުނު މެޗުގައި ކުލަބު އޭދަފުށީގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ރަނރަފު ކުލަބު އީގަލްސްވެސް ވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ އޭދަފުށިންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީމެޗުގެ 15 ވަނަ މިނެޓްގައި، އަހްމަދު އައިހަމް އެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 22 ވަނަ މިނެޓްގައި ހުސައިން އަހްޝާމް އެވެ. ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު އީގަލްސްއިން މެޗުގެ ލީޑް ނަގައި ލީޑް ފުޅާ ކުރީވެސް ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް ލީޑް ނަގައިދިނީ، 65 ވަނަ މިނެޓްގައި އިސްމާއީލް ވިފާގް އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ހަސަން ރާއިފް އަހްމަދު 'ހަންނަ' އެވެ