މެސީ

މެސީ ފިޓްވެއްޖެ، އެލްކްލެސިކޯއަށް ސްކޮޑުގައި ހިމަނައިފި

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު އަނިޔާއަށް ފަހު އޭނާ ފިޓްވުމުން، ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ އެލްކްލެސިކޯގެ މެޗުގެ ސްކޮޑުގައި ހިނައިފި އެވެ.

މެސީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެޗުގައި އޭނާއަށް އަނިޔާވުމުން ދަނޑުން ބޭރުގައި އޭނާއަށް ފަރުވާވެސް ދީފައި ވެއެވެ. އެނބުރި ދަނޑަށް އައިސް މެޗުގައި އޭނާ ބައިވެރިވުން އެހާ ބޮޑަކަށް ނުފެނުނެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން، ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފައި ވަނީ މެސީއަށް ލިބުނު އަނިޔާގެ ތަފްސީލްތައް އެނގޭނީ ޓެސްޓްތަކަށް ފަހު އެވެ.

އޭގެ ފަހުން ދެ ދުވަސްމަތިން މެސީގެ މެޑިކަލް ޓެސްޓްތައް ހެއްދި އެވެ. އެހެންނަމަވެސް އަނިޔާއާ ބެހޭގޮތުން ބާސާއިން ވަކި އެއްޗެއް ހާމަ ނުކޮށް އޮތުމުން އަނިޔާ ސީރިއަސް ނޫން ކަން އެނގުނެވެ. މެޗަށް އިއުލާން ކުރި، ބާސާގެ ސްކޮޑުގައި މެސީ ހިމެނުމުން ފުރަތަމަ 11 އިން އޭނާއަށް ފުރުސަތު ދޭނެ ކަމަށް ކަމަށް ބެލެވެ އެވެ.

ސީޒަންގެ ފުރަތަމަ ހާފުގައި ސްޕެނިޝް ލީގްގައި، ބާސާއިން ވަނީ، މެސީ ނުލައި 5-1 ން ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. އެ މެޗުން ރެއާލް ބަލިވުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ ކޯޗުކަމުން ވަކި ކުރި އެވެ. އެ ޓީމުގެ ކޯޗު ކަމަށް ޕްރަމޯޓް ކުރީ، ރެއާލްގެ ބީ ޓީމުގެ ކޯޗް ސެންތިއާގޯ ސޮލާރީ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ރެއާލް މިހާރު ދަނީ ފޯމަކަށް އެޅި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި މިރޭ ބާސާ އާ ރެއާލް ކުޅޭ މެޗު ފަށަނީ ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ.