ހަބަރު

"ރައީސަށް އަމާޒުކޮށް ދައްކާނެ ނުރަނގަޅު ވާހަކައެއްނެތް"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާމެދު އިދިކޮޅު ފަރާތްތަކުން ދައްކާނެ ނުރަނގަޅު އެއްވެސް ވާހަކަ އެއްނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލުގައި ދެ ކަމެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި އެއްކަމަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އެޅުވި "ލާދީނީ ޓެގް" އެޅުވުން ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސް ސޯލިހަށް އަމާޒުކޮށް ދެއްކޭނެ ނުރަނގަޅު ވާހަކައެއް ނެތް، ނެތީމަ އެހެން އަމާޒު ކުރައްވަނީ، ޕޮލިޓިކަލް ކެރިއާއަށް ބެއްލެވިއިރު 25 އަހަރު ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރައްވާފަ ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންނެވިއިރު ރައީސްއާ މެދު ދައްކާނެ ނެގެޓިވް އެއްވެސް ވާހަކަ އެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ދީނާ ސަގާފަތް ހިމާޔަތް ކުރުން، އަޅުގަނޑުމެން ޔަގީންކަން ދެން މި ތިން މަސް ތެރޭގައި ނޯންނާނެ އެކަހަލަ ކަމެއް ކޮށްފައެއް،"

މިނިސްޓަރު ވިދާޅުވީ އެފަދަ ދެވަނަ ވާހަކައަކީ އިންޑިއާއާއެކު އޮތް ގުޅުމުގެ ވާހަކަ ކަމަށާއި އެއީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.

"އިންޑިއާ އަކީ އަޅުގަނޑުމެންނާ އެއް ގަޑިއިރު ދުރުގައި އޮންނަ ތަނެއް، އަޅުގަނޑުމެން ބޭނުން ފަތުރުވެރިން އިތުރަށް އިންޑިއާއިން އަންނަންވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ދާޅުވީ، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެގޮތަށް ވާހަކަ ދެކެވެނީ ރައީސް ސޯލިހާމެދު އިދިކޮޅު ފަރާތްތަކުން ދައްކާނެ ނުރަނގަޅު ވާހަކައެއް ނެތުން ކަމަށެވެ.

"ހަގީގަތުގައި ވަރަށް ސިމްޕަލްކޮށް މި ސަރުކާރު ހިނގަމުން މިދަނީ، އެއް ނަމްބަރު ޖެޓީ ކައިރިއަށް ކުރޫޒްލައިން ތަކުން ކައިރި ނުކުރެވިފަ ތިބޭކަށް ނުޖެހޭނެ ރައީސް ކަންބޮޑުވެދާނެތީ، އެނގިވަޑައިގަންނަވާނެ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމްތަކުގައި ރައީސް ވަރަށް ސިމްޕަލް ރައީސެއްގެ ގޮތުގައި ފެންނަމުން މިދަނީ، އެހެންވީމަ ކިޔާނެ އެއްޗެއްނެތް،"