ބޮލީވުޑް

ޕަރިނީތީ ޗޯޕްރާ، އާއިލާއާއެކު ރާއްޖޭގައި

ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ބޮލީވުޑްގެ ބަތަލާ ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގެ ނިޔާމަ ޕްރައިވެޓް އައިލެންޑުގަ އެވެ. ޕަރިނީތީގެ ކޮއްކޮ ޝިވާންގް ޗޯޕްރާ އެ ރިސޯޓުގެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދަނީ ހިއްސާ ކުރަމުންނެވެ. ޕަރިނީތީ ރާއްޖެ އައި ދުވަހެއް އަދި ޗުއްޓީ ނިންމާފައި އެބުރި ދާނެ ދުވަހެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ޕަރިނީތީ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2011 ވަނަ އަހަރު ނިކުތް ފިލްމު "ލޭޑީސް ވާސެސް ރިކީ ބާލް" އިންނެވެ. އެ ފިލްމުން އޭނާއަށް ފިލްމުފެއާގައި ބެސްޓް ފީމޭލް ޑެބިއުޓްގެ އެވޯޑު ލިބިފައިވެ އެވެ. އޭނާ ބޮލީވުޑްގައި މަގުބޫލުވެގެންދިޔައީ ޕްރިޔަންކާގެ ކޮއްކޮއެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ޕަރިނީތީގެ ތިން ފިލްމެއް މި އަހަރު ފެންނާނެ އެވެ. އެއީ، އަކްޝޭ ކުމާރު އާއެކު ކުޅެފައިވާ ފިލްމު "ކޭސަރީ" އާއި "ޖަބަރިޔާ ޖޯޑީ" އަދި "ސަންދީޕު އޯރް ޕިންކީ ފަރާރް" އެވެ.