އަންހެނުންނާއި ފިރިހެނުން ދުވަހަކު ވެސް ހަމަހަމަކަމުގައި އެއް ސަފައަކަށް ނާރާނެ އެވެ. މިއީ ބައެއް މީހުން ބުނާ ވާހަކަ އެކެވެ. އެމީހުން ބުނަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ތަފާތަކީ އިސްލާހު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ދުނިޔެވީ ނިޒާމާ ގުޅިލާމެހިފައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން އެ އަސްލަކާ ނުކުޅެވޭނެ އެވެ. އިންސާނުންނާއި ދިރޭ އެހެން ހުރިހާ ތަކެއްޗެއް ވެސް ދުނިޔޭގައި ލައްވާފައި ވަނީ ތަފާތު ގިންތިތަކަކަށް ބަހާލެވިގެން ކަމަށެވެ. ވީއިރު އަންހެނުންނަށް ފިރިހެނުންނަށް ވުރެ މައްޗަށް އެރޭނެ ގޮތެއް ނެތް ކަމަށް އެމީހުން ބުނެ އެވެ. އަދި އެމީހުން ބުނަނީ ފިރިހެނުންނާ އެއް ސަފަކަށް ވެސް އަންހެނުން ގެނެސްގެން ނުވާނެ ކަމަށެވެ.
ނަމަވެސް ތަރައްގީވަމުން އަންނަ އިންސާނާ މި ވަނީ މި މަސްހުނި ފިކުރުތަކުގެ ތެރެއިން ހަމަހަމަކަށް ހިފައިފަ އެވެ. ފެމިނިޒަމްގެ އަސްލު ގުޅިފައި ވަނީ މި ވިސްނުމާ އެވެ.
ނަމަވެސް އަންހެނުންގެ ހައްގު ހޯދުމަށް ކުރެވޭ މި ކެމްޕޭން އަދި މި ހަރަކާތުގެ ބައިވެރިން ކަމަށްވާ ފެމިނިސްޓުންނާ މެދު ގިނަ ބަޔަކު ދެކޭ ގޮތް މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ބައެއް މީހުން ފެމިނިސްޓުން ސިފަކުރަނީ، ހަތިޔާރު އަޅައިގެން "ޖިހާދަށް" ނުކުމެފައިވާ ހަރުކަށި ޖަމާއަތްތަކާ އެއްވަރުގެ ބައެއްގެ ގޮތުގަ އެވެ. އަންހެނުންނަށް ބާރު ހޯދައިދިނުމުގެ ބަހުސާ ގުޅިފައިވާ މި ހަރަކާތް މިހާ ބޮޑަށް ކިލަނބުވުމުގެ އަސްލަކީ ކޮބައި ހެއްޔެވެ؟
ހައްގު ހޯދަން މަސައްކަތްކުރާ އަންހެނާ އެކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރުމުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ އަދި ފެމިނިޒަމްގައި ހަރުކަށި ހަރަކާތެއްގެ ސިފަ ޖެހިފައި ވަނީ ކޮން ގޮތަކަށް ކޮން ދިމާލަކުން ހެއްޔެވެ؟
އަޅުގަނޑުމެންގެ ތެރެއިން މި މައްސަލައާ މެދު އާންމުކޮށް ހިޔާލުފާޅުކުރާ އަޑު އިވެނީ ސިޔާސީ މީހުންނެވެ. މިފަހަރު އާންމު ޒުވާނުންގެ ހިޔާލު ހޯދާލަމާ ހިނގާށެވެ.
"ފެމިނިސްޓް ނަން އޮތީ ހަޑިކޮށްފަ. އެކަމަކު ފެމިނިޒަމްގެ ބަދަލުގައި އެހެން ނަމެއް ބޭނުންކޮށްގެން އަންހެނުންގެ ހައްގަށް މަސައްކަތްކުރުން އޯކޭ އެބަވޭ ވަކި ބަޔަކަށް. ފެމިނިސްޓުން ހުތުރު އަންހެނުންގެ ގޮތުގަ ސިފަކޮށްފަ މި ވަނީ. ބައެއް މީހުން ބުނަނީ ފެމިނިސްޓުންނަކީ މޫނުގަ އިސްތަށި ހުންނަ އަންހެނުންނޭ. މޭކަޕްކޮށް ރީތިވާކަށް ވެސް އެމީހުންނަކަށް ނޭނގޭނެޔޭ،" ތަފާތު އެކްޓިވިޒަމްގެ ތެރޭގައި ހަލަބޮލިކޮށް އުޅޭ 24 އަހަރުގެ ޒުވާން ފިރިހެނެއްގެ ހިޔާލު ހުރީ މިހެންނެވެ.
"އަސްލުވާ ގޮތަކީ ފެމިނިޒަމް މި އޮތީ ވަރަށް ބޮޑަށް ސްޓީރިއޯޓައިޕްކޮށްފައި. ނުރުހޭ މީހުން މި އޮތީ އޭގައި ވަކި ކުލައެއް ޖައްސާފައި. އެހެންވީމަ ގިނަ އަންހެނުން މިހާރު ބޭނުމެއް ނުވޭ ފެމިނިސްޓުންގެ ގޮތުގައި ސިފަވާކަށް އަދި އޭނާ އަކީ އަންހެނުންގެ ހައްގުތައް ހޯދަން މަރުދޭ މީހަކަށް ވާކަށް."
ފެމިނިޒަމްގެ އަސާސް ގުޅިފައި ވަނީ ޖިންސީ ހަމަހަމަކަމަށެވެ. ފިރިހެން މީހާ އަށް ލިބޭ ހައްގުތަކުން އަންހެން މީހާ، އަންހެނަކަށް ވެގެން މަހްރޫމްވެގެން ނުވާނެ ކަމުގެ ގަބޫލުކުރުމުގެ މައްޗަށެވެ. އެއީ ބާރާއި ނުފޫޒުގެ ގޮތުން ވިޔަސް އަދި ޖިންސީ ކަންކަމުގައި ވިޔަސްމެ އެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ފެމިނިޒަމްގައި ގޮވާލަމުންދާއިރު މުޖުތަމައުގައި ނިކަމެތިކޮށްފައިވާ އަންހެނުންނަށް ބާރު ހޯދައިދިނުން ވަރަށް މުހިންމު ކަމަކަށް ބަދަލުވެ އެވެ. އަންހެނަކަށް ވުމުން ލިބޭ ޖިންސީ އަނިޔާ އާއި ކުރިމަތިވާ ފުރައްސާރައިން އަންހެނުން ސަލާމަތްކުރުމަކީ ވެސް ފެމިނިޒަމްގެ މުހިންމު މަސައްކަތެކެވެ. ނަމަވެސް މި ހިތްވަރުގައި ނުކުންނަ އަންހެން މީހާއާ ކޮންމެވެސް ބަޔަކު ޖައްސާލަނީ އެވެ.
"އަންހެނުންނަކީ ވަރަށް ރެސްޕެކްޓެޑް ބައެއް. އެކަމަކު ހައްގު ހޯދާށޭ ކިޔާފައި އިމުން ބޭރުން އަންހެން މީހާ ވެސް އަމަލުކުރަން ފަށާ ހިސާބުން އޭނާގެ އަގު މީހުންގެ ކުރިމަތީގައި ވެއްޓެނީ. ހަވާސާއިން ބޭރަށް ނުކުންނަ ހިސާބުން ކޮންމެ މީހަކަށް ވެސް ފާޑުކިޔުން އަމާޒުވާނެ. އެ ހެޔޮ އަންހެނަކަސް އަދި ފިރިހެނަކަސް،" މިއީ ޒުވާން ވެބްޑިޒައިނަރެއްގެ ހިޔާލު ހުރި ގޮތެވެ.
"ތި ބުނާ ރެސްޕެކްޓް ނުލިބިގެންތާ މަގުތަކަށް ނުކުމެ ހޯބޯލައްވަން މި ޖެހެނީ އަންހެނުން. އަންހެން މީހާ އަށް ރެސްޕެކްޓް ކުރުމަކީ އޭނާއާ އިނދެފަ ކޮޓަރިއަކަށް ލާފައި ބަންދުކޮށްފައި ބޭއްވުމެއް ނޫން،" ވެބްޑިޒައިނަރުގެ ހިޔާލާ ނުބައްދަލު، ރިސޯޓެއްގައި މަސައްކަތްކުރާ 26 އަހަރުގެ އަންހެން ކުއްޖަކު ބުނީ މިހެންނެވެ.
ބައެއް ޒުވާނުންގެ ހިޔާލުގައި ފެމިނިޒަމް ގޯސްވަނީ މުޖުތަމައަށް ނުކުންނަ ހިސާބުންނެވެ. މިސާލަކަށް ރާއްޖެ ކަހަލަ ތަނެއްގައި އަންހެނުންގެ ހައްގަށް އަޑުއުފުލުމަށް މީގެ އަހަރުތަކެއް ކުރިން މަގުމައްޗަށް ނުކުމެއްޖެ ނަމަ އެކަން ވާނީ އެއް ބަޔަކަށް ޖޯކަކަށެވެ. އެއީ ނިކަމެތި އަދި އެކަނިވެރި ބައެއްގެ ގޮތުގައި މި މުޖުތަމައުގެ ބޮޑު އާބާދީއެއް އަންހެނުން ލޭބަލްކޮށްފައިވާތީ އެވެ.
"ފެމިނިސްޓުން ހަޑިބަޔަކަށް ވަނީ އެއީ މީގެ ކުރިން ރާއްޖޭގައި އޮތް ކަމަކަށް ނޫންވީމަ. ކުރިން ޕްރެކްޓިސް ނުކުރާ ފިކުރެއް މި އައީ. ކުރިން އެންމެނަށް ވެސް ގަބޫލުކުރެވިފައި މި އޮންނަނީ އަންހެން މީހާ އޮންނަން ޖެހޭނީ ގޭ ތެރޭގައި ކޮޓަރި ތެރޭގައޭ. އެހެންވީމަ މާރިޔާ އަހުމަދު ދީދީމެން ވެލެޒިނީމެން މަގު މައްޗަށް ނުކުތީމަ ދެން ތިބި މީހުންނަށް އެމީހުން މި ވަނީ ވަރަށް ސިފަ ހުތުރު ބަޔަކަށް،" އަންހެނުންނާ ދެކޮޅު އަނިޔާ ހުއްޓުވުމަށް ގޮވާލައި ބާއްވާ ހިނގާލުންތަކުގައި އާންމުކޮށް ބައިވެރިޔާ އަންހެނަކު ބުންޏެވެ.
މި ގޮތަށް އެއް ބަޔަކު ވާހަކަ ދައްކާއިރު ދިމާ އިދިކޮޅަށް ވާހަކަ ދައްކާ މީހުން ވެސް އެބަތިއްބެވެ. އެމީހުން ބުނަނީ އަންހެނުންނަށް މި ރާއްޖޭގައި ނުލިބޭ ހައްގެއް ނެތް ކަމަށެވެ. ގައުމުގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ވެސް މި ތަނުގައި އެބައޮތް ކަމަށެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ނުވިސްނޭ އަންހެނުން ހައްގުތަކެއް އުނިވެގެން މަގު މައްޗަށް ނުކުންނަ ހިސާބަށް ކަންތައް ގޮސްފަ އޮތް ހެނެއް. ރާއްޖޭގައި އަންހެނަކަށްވީތީ އޭނާ އަށް ނުކުރެވެނީ ކޮން ކަމެއްތޯ؟،" މިއީ މަގުމަތިން ދިމާވެގެން ވާހަކަ ދެއްކި ފިރިހެނެއްގެ ހިޔާލު ހުރި ގޮތެވެ.
"ކުރިން އަންހެނުން ލޯބިކުރަނީ އެކަނިވެރި ދިރިއުޅުމަށް. މީހުންނާ ބީރައްޓެހި މުޖުތަމައާ ދުރު މީހުން "އަންހެނުން" ގެ ގޮތުގައި ސިފަކުރެވެނީ ވެސް އެ ފިކުރާ ހެދި. ވިސްނައި ދެވިފައި މި އޮތީ ފިރިހެން މީހާ އައިސް އިނދެގެން ބޮޑު ގެއަކަށް ނުގެންދަނީސް އަންހެން މީހާ ނުވާނެއޭ އެއްވެސް އެއްޗަކަށް. މިހަކަލަ މުޖުތަމައެއްގައި ހައްގު ހޯދަން ނުކުންނަ އަންހެން މީހާއާ ދިމާކުރާ މީހުން ގިނަވާނެ،" ފެމިނިސްޓުން ނުބައި ބައެއްގެ ގޮތުގައި ސިފަކުރަނީ މުޖުތަމައުގެ ވަކި ބައެއް ކަމަށް ބުނެ ވާހަކަ ދައްކަމުން އަންހެނަކު ބުންޏެވެ.
އޭނާ ބުނީ ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ ފެމިނިޒަމް އަކީ ފިރިހެނުން ދެކެ ނަފުރަތު އުފެއްދުމަށް ބަޔަކު ޕްރޮމޯޓްކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"ގިނަ ފަހަރު މިވާ ގޮތަކީ ފެމިނިޒަމްގެ އަސްލެއް ވެސް ނޭނގޭ މީހުންނަށް. ފެމިނިޒަމްއޭ ބުނީމަ ބައެއް މީހުން ހިތަށް އަރަނީ އެއީ ފިރިހެނުންގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަތުމަށް އުޅޭ ބައިގަނޑެކޭ. އެހެންވެ ފެމިނިސްޓުންގެ ގޮތުގައި އުޅޭ އަންހެން ކުދިން ދެކެ ބައެއް ފިރިހެނުން ރުޅި ވެސް އާދޭ،" ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.
އޭނާ ބުނީ ފެމިނިސްޓުން، ފިރިހެނުންނަށް ނަފުރަތުކުރާ ބައެއްގެ ގޮތުގައި ބަޔަކު މީހުން ސިފަކޮށްފައި ވަނީ ވެސް އަންހެނުންގެ ހައްގުތައް ހޯދުމަށް އެމީހުން ކުރާ މަސައްކަތުގައި ހިތް ބަލިކުރުމަށް ކަމަށެވެ. އެގޮތަށް ބުނެ ދިމާކުރުމުން ބައެއް އަންހެނުންގެ ހިތް މަރުވެ އެވެ.
އަންހެނުންގެ ހައްގުތައް އެމީހުންނަށް ހޯދައިދިނުމަށް ކުރާ ކެމްޕޭނުގައި ގާތްގަނޑަކަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ޖިންސުގެ ގޮތުން ތަފާތުކުރުމުގެ މައްސަލަ އަކީ އެއްވެސް ހައްލެއް މިހާތަނަށް ލިބިފައި އޮތް ކަމެއް ނޫނެވެ. ވޯޓް ލުމުގެ ހައްގު ވެސް އަންހެނުންނަށް ބައެއް ގައުމުތަކުގައި ހޯދާފައި ވަނީ އެގައުމުތަކުގެ އަންހެނުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކަށް ފަހު އެވެ. މި ގޮތަށް ވަރަށް ގިނަ ކަންކަމުގައި އަންހެނުން ވަނީ އެމީހުންގެ އަޑު އުފުލައިގެން ކުރިއެރުންތަކެއް ހޯދައިފަ އެވެ. ނަމަވެސް ޖެހިގެން ހުންނަ ފިރިހެން މީހާ އޭނާއާ ޖެހިގެން ހުންނަ އަންހެން މީހާއާ މެދު ދެކޭ ގޮތް މުޒާހަރާއަކުން ބަދަލެއް ނުކުރެވޭނެ އެވެ. އަންހެން މީހާ، އަންހެނަކަށް ވުމުން އޭނާގެ ގަދަރު ދަށްކޮށްލާ ފިރިހެނުން އަދިވެސް ވަރަށް ގިނަ އެވެ. ފެމިނިޒަމްގެ ކެމްޕޭނާ އެންމެ ދެކޮޅު ބަޔަކީ ވެސް އެފަދަ ފިރިހެނުންކަން ފާހަގަކޮށްލެވެ އެވެ.
"އަސްލު ފިރިހެނުން ނުކުމެ އަންހެނުންނަކަށް ބާރެއް ނުދޭނެ. އެކަން ހޯދަން ޖެހޭނީ އަންހެނުން ނުކުމެ. އެގޮތަށް ނުކުންނަ އަންހެން މީހާ ދަށްކޮށްލުމަށް ނުވަތަ ދެރަކޮށްލުމަށް ބައެއް މީހުން އޭނާ މި ސިފަކުރަނީ ފެމިނިސްޓެއްގެ ގޮތުގައި،" އެކްޓިވިޒަމްގައި އިސްކޮށް އުޅޭ އަންހެން ކުއްޖަކު ބުންޏެވެ. "ކުރިން އަންހެނުން ލޯބިކުރަނީ އެކަނިވެރި ދިރިއުޅުމަށް. މީހުންނާ ބީރައްޓެހި މުޖުތަމައާ ދުރު މީހުން "އަންހެނުން" ގެ ގޮތުގައި ސިފަކުރެވެނީ ވެސް އެ ފިކުރާ ހެދި. ވިސްނައި ދެވިފައި މި އޮތީ ފިރިހެން މީހާ އައިސް އިނދެގެން ބޮޑު ގެއަކަށް ނުގެންދަނީސް އަންހެން މީހާ ނުވާނެއޭ އެއްވެސް އެއްޗަކަށް. އެކަމަކު މީގެ އިދިކޮޅު ވެސް ކިޔައިދެވިދާނެ. އަންހެން މީހާ ބާރުވެރި މީހަކަށް ވެގެން ގޮސް ފިރިހެނަކާ އިނދެގެން އަންހެން ކުއްޖާގެ އަމިއްލަ އެޕާޓްމެންޓަށް ވެސް ގެންދެވިދާނެ. އެއީކީ އެއްވެސް މައްސަލައެއް ނޫން."
އެކަމަކު މި އުސޫލު ހިޔާރުކުރާ އަންހެނުން މި ވަނީ "ހުތުރު" އަދި "ހަރުކަށި" އަންހެނުންނަށެވެ.
"އެހެންވީމަ ކަމެއް ބަދަލުކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ޖެހޭނީ މަޑުމަޑުން ކުރިއަށް ދާން. އެކަމަކު ހަމަ ތިބެފަ، އަންހެނުންތަކެއް މަގުތަކަށް ނުކުމެ ހައްގޭ ކިޔައިގެން ހަޅޭފަޅޭ ޖެހުމަކީ އެމީހުންގެ އަސްލު ކޯޒް ގެއްލިދާނެ ކަމެއް. އަންހެނުންގެ ހައްގަށް މަސައްކަތްކުރާ މީހާ ހަޑި މީހަކަށް ބަދަލުވަނީ އެހިސާބުން. މުޖުތަމައު އޮތް ގޮތް އޭނާ އެންމެ ފުރަތަމަ ގަބޫލުކުރަން ޖެހޭ. އޭގެ ތެރެއިން ބަދަލުކުރަން ނުކުންނަންވީ،" އާންމު ފިރިހެނެއްގެ ހިޔާލު ހުރި ގޮތަކީ މިއީ އެވެ.
ކޮންމެ ބަޔަކު ކޮންމެ ކަހަލަ ހިޔާލެއް ބަދަލުކުރިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޖިންސުގެ ތަފާތުކުރުމާ އެކު އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ހަނިވެ އެމީހުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމެވެ. ރާއްޖޭގެ ހާލަތަށް އެކަނި ބަލާލިޔަސް މި ހަގީގަތް ގަބޫލުކުރެވޭނެ އެވެ. އަންހެނުން ނިކަމެތިކުރުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތެވެ.
އެކަން ނައްތާލަން އަންހެނުންނާއި ފިރިހެނުން އެއް ސަފަކަށް ނާރަނީސް ބަދަލެއް ނާންނާނެ އެވެ.