ހަބަރު

ބޮޑު ހިޔާނާތާ ގުޅޭ ގިނަ ލިޔުންތަކެއް ހޯދިއްޖެ، ފިޔަވަޅު އަޅާނަން: ރައީސް

Feb 7, 2019
4

ހިޔާނާތުގެ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަންއަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތަކެއް ހޯދިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ކުރިޔަށް މިހާރު ކުރިޔަށް ދާ މި އަހަރުގެ ރައްޔިތުން މަޖިލީސް ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފަައިސާ ހޯދުމުގެ މަސައްކަތް އެކުލަވާލި ކޮމިޝަނުން އެފަދަ ފައިސާ ހޯދުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދާ ހަމަޔަށް އައިއިރު އެމްއެމްޕީއާރްސީގެ ކޮރޮޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ހޯދިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރޮޕްޝަނާއި ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމަޔަށް ވާސިލުވެ އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އެކަމަށް ޒިންމާވާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމްއާ ހަވާލުވި އިރު ކޮރޮޕްޝަނާއި ވައްކަމާއި ޖަރީމާގެ އަސަރު ނުފޯރާ ދައުލަަތުގެ އެންމެ ގުނަވަނެއް ވެސް އެންމެ އިދާރާއެއް ވެސް ނެތް ކަމަށެވެ. އެ ހާލަތަށް ގައުމު ދިޔަ އިރު އެފަދަ ކަންކަން ހުއްޓުވާނެ ގާނޫނުތައް ހުރި ކަމަށާއި އެކަން ތަހުގީގުކޮށް ދައުވާ ކުރާ އިދާރާތައް ވެސް އާންމު އުސޫލުން ހިނގަ ހިނގާ ކުރި ކަމަށެވެ. ނަމަވެސް ކޮރޮޕްޝަނާއި ހިޔާނާތުގެ ކުރިމަތީގައި އެ މުއައްސަސާތައް ކުޑަ ކަކޫ ޖެހެމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުގައި އޮންނާނީ ކޮރޮޕްޝަނަށް ޒީރޯ ޓޮލަރަންސް ކަން އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަގީންކަން އަރުވަން
ރައީސް ސޯލިހު

ދައުލަތުގެ ގާނޫނީ އޮނިގަނޑަށް އިސްލާހު ހުށަހަޅަމުން އަންނަ އިރު ނުހައްގު މުސްހަނދިކަން ހޯދާ ލިބިގަތުމާއި ކޮރޮޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލްއުގޫބާތަށް އެ ކުށް އިތުރު ކުރުމުގެ ބިލު މަޖިލީހަށް ފޮނުވިފައިވާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން އަމަލުތައް ބަހައްޓާނީ ވައްކަމާއި ކޮރޮޕްޝަނަށް އެއްވެސް ޖާގައެއް ނުލިބޭ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.