ހަބަރު

އޮޑިޓު ކުރުވަނީ ވައްކަން ކުރަން ބޭނުން ނުވާތީ

Sep 16, 2020
6

ކޮވިޑް-19 އިގެ ތެރޭގައި ދައުލަތުގެ އެކި ވުޒާރާތަކުން ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓު ރިޕޯޓުތަކުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރައްދު ދެއްވައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ހާމަވެ، އެކަން މަޖިލީހުން ވެސް ބަލަމުންދާ ދަނޑިވަޅެއްގައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން އޮޑިޓުން ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު މާލެ ސަރަހައްދުން އެކޮމޮޑޭޝަނަށް ހަމަޖެއްސި ގެސްޓްހައުސްތަކާއި އެކުު އެއްބަސްވުމެއް ހަދާފައި ނެތުން ވަނީ ފާހަގަކޮށްފައެވެ. އެއްބަސްވުމެއްނެތި 34 ގެސްޓް ހައުސްއެއްގައި މީހުން ބޭތިއްބުމަށް 16,737,338 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތުު ކަށަވަރު ނުކޮށް ބިލުތަކަށް ފައިސާ ދައްކާފައިވާއިރު އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލްކޮށްފައިވާއިރު އެ ރިސޯޓަށް 206,280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް އޮޑިޓްގައި ނެތެވެ.

މީގެ އިތުރުން ފެސިލިޓީ ތަކަށްު ކެއުންު ފޯރުކޮށް ދިނުމަށްުު ކުރި ޚަރަދުތަކުގައިވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެކި ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް 17,125,268 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮރަޕްޝަނަށް "ޒީރޯ ޓޮލަރަންސް" ސިޔާސަތެއް އިއުލާނުކޮށްފައިވާ މި ސަރުކާރުގައި ހިޔާނާތަށް މަގުފަހިވާ ކަންތައްތައް ފަޅާ އެރުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން އިސްވެ ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ.

އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި، ރޮޒެއިނާ މިއަދު ވިދާޅުވީ، އެމްޑީޕީން އަމިއްލައަށް ހުށަހަޅައިގެން، އެ ޕާޓީގެ އަގުލަބިއްޔަތު އޮތް މަޖިލީހަކުން ކޮވިޑުގެ ހަރަދުތައް އޮޑިޓު ކުރަން ފާސް ކުރީ ވައްކަންކުރާ މީހުން ހޯދަން ކަމަށެވެ.

"މިއީ ޕީޕީއެމް/ޕީއެންސީ އިން ބުނެގެން ކުރި އޮޑިޓެއް ނޫން. އެމްޑީޕީ އިން ވައްކަން ކުރަން ބޭނުންނަމަ އެ ގޮތަށް ފާހެއް ނުކުރީސް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވައްކާ ދެކޮޅުކަމަށް ވިދާޅުވެ، ރޮޒެއިނާ ރައްދު ދެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

އެ ވެންޓިލޭޓަރުތަކުގެ ބޮޑު ބައި އަދިވެސް ލިބިފައިނުވާއިރު، އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް ޒިންމާތަކުން އެކަހެރިވެވަޑައިގެންފައިވާއިރު، އެ މިނިސްޓްރީގެ ކަމަބެހޭ ބައެއް އިސް ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ނަމަވެސް، އެންޑީއެމްއޭގެ އޮޑިޓު ރިޕޯޓާ ގުޅިގެން އެތަނުގެ އެއްވެސް ބޭފުޅަކާމެދު ފިޔަވަޅު އެޅިކަމެއް އަދި ނޭނގެ އެވެ.