ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ ވައްކަންކުރާ ސަރުކާރެއް ކަަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވި އިރު ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ސަރުކާރަށް ވެންޓިލޭޓަރު ގަތުމުގައި ހިންގި ހިޔާނަތުގެ މައްސަލާގައި ތުހުމަތުވާ ފަރާތްތަކަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދެވަނަ ފަހަރަށް ނިންމުމުން އެކަން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޫ ނުދެއްވާ ގެންދަވަނީ އެ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވަނީ އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ "ވަގު ސަރުކާރަކާއެކު" އެމްޑީޕީ އޮންނަން ރައްޔިތުން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރު ހިޔާނާތާ ގުޅޭ އާ މައްސަލައެއް މިއަދު މަޖިލީހަށް އިދިކޮޅުން ހުށަހެޅުމުން ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ދަނީ މައްސަަލައިގައި ފިޔަވަޅު ނާޅާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނެވެ. ނަަމަވެސް އެ ބަހުސުގައި ރޮޒައިނާ ފެނުނީ ސަރުކާރު ދިފާއު ކުރެއްވި މެންބަރެއްގެ ގޮތުގަ އެވެ.
"މި ސަރުކާރުން ވައްކަމެއް ނުކުރޭ! ވައްކަމަށް ހިތްވަރެއް ނުދޭ!" ރޮޒައިނާ މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އެކި ވުޒާރާތަކާއި އިދާރާތަކުގައި ވައްކަން ކުރުމާއި އިހުމާލުވާ ބަޔަކު ތިބޭނެ ކަމަށާއި ނަމަވެސް މި ސަރުކާރުގައި އެފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރުދަނާ ފިޔަަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ އަވަސް ކޮށްދިނުމަށް ޕީޖީއާއި އޭސީސީއަށް ފޯރުކޮށް ދޭން ޖެހޭ ލިޔުންތަކާ ހުރިހާ މައުލޫމާތެއް ސަރުކާރުން ބަރާބަަރަށް މުއައްސަސާތަކަށް ފޯރު ކޮށްދިން ކަމަށެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އޭސީސީ އާއި އެހެން މުވައްސަސާތައް ހާޒިރުކޮށް އެއްވެސް ނުފޫޒެއް ސަރުކާރުން ފޯރުވާތޯ ސުވާލު ކުރުމަށް އެފަދަ ނުފޫޒެއް ނޯންނަ ކަަމަށް ބުނާ ކަމަށާއި މި ސަރުކާރަށް ވުރެ ބޮޑަށް މިނިވަން މުވައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތްކުރަން ޖާގަދިން ސަރުކާރެއް ނެތްކަމަށް ވެސް ރޮޒަައިނާ ވިދާޅުވި އެވެ.
ރޮޒައިނާއަކީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރެވެ.
"އެހެންވީމާ އަޅުގަނޑަށް ނުފެނޭ މިހެން ހާލަތު އޮއްއިރުގައި ސަރުކާރާ ދިމާލަށް ރައީސް އޮފީހުން ވައްކަން ކުރަނިއްޔޭ ސަރުކާރުން ވައްކަން ކުރަނިއްޔޭ މިހެން ބުނާނެ ފުރުސަތޮ އޮތް ތަނެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ސަރުކާރު ދިފާއު ކުރެއްވިޔަސް ވެންޓިލޭޓަރުގެ މައްސަލައިގައި އިހުމާލް އޮތްކަމަށް ރޮޒައިނާ އެއްބަސްވެޑައިގަ ތެވެ. އެހެންވެ އެ އިހުމާލުތައް ބަލައި އިހުމާލް އޮތް ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެކަމަށްޓަކައި ތަހުގީގް އިތުރަށް ކުރަން ޖެހޭނަމަ އެކަން އެންމެ ފުރިހަމައަށް ކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.