ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަވަން ބިނާ ކުރައްވާ، އެމަނިކުފާނު ދިރިއުޅުއްވި ގަނޑުވަރު، ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާއަކަށް އެންމެ އެކަށީގެންވާ އަދި ގައުމުގެ އެންމެ އިސްވެރިޔާ ދިރިއުޅުއްވާ ގެކޮޅަށް އަނެއްކާވެސް ހަދަން އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމުމަށް ފަހު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ސުޕްރީމް ކޯޓު ތީމުގެއަށް ބަދަލު ކުރައްވައި އެމަނިކުފާނު ދިރިއުޅުއްވީ މުލިއާގޭގަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިރިއުޅުއް ވަނީ މުލިއާގޭގަ އެވެ.
އުއްތަމަ ފަނޑިޔާރަށް ހާއްސަ ގެކޮޅެއް ހަމަޖެއްސުމަށް މަޖިލީހަށް ހުށަހަޅާފައި ބިިލް މަޖިލީހުގެ ސަލާމަތީ ކޮމެޓީން ނިންމައި އެކުލަވާލި ރިޕޯޓަށް ކުރި ބަހުސްގައި އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ރިޔާސީ ގަނޑުވަރު، ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ވަރަށް އެކަށީގެންވާ ގޮތަށް ހަދައިފައިވާ ގަނޑުވަރެއް ކަމަށެވެ. އަދި ތީމުގެ ބިނާކުރި އިރު އެތައް ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ތަނަކީ ރައީސް މައުމޫންގެ ސްޓްރެޓެޖީކް ވިސްނުންފުޅާއެކު ސަލާމަތީ ގޮތުން ރައްކާތެރި އެތައް ފިޔަވަޅުތަކެއް ހިމެނޭ ގޮތަށް ބިނާކުރި ގަނޑުވަރެއް ކަމަށާއި ރައީސް މައުމޫންގެ އެ ނިންމެވުން ވަރަށް ރަނގަޅު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅަކީ ތީމުގެ ކަމަށް ހެއްދެވުމަށް އަސްލަމް މިއަދު ގޮވާވެސް ލެއްވި އެވެ.
އެ ބަހުސްގައި ބައިވެރިވެެ ވަޑައިގެންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ މަޖިލީހުގެ ރައީސާއި އުއްތަމު ފަނޑިޔާރަށް ވުރެ ހުރިހާ ގޮތަކުން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ނުރައްކާ މާ ބޮޑުވާނެ ކަމަށެވެ. އަދި މުލިއާގެއަކީ ވަރަށް ކުރިން ބިނާ ކުރި ތަނަކަށް ވެފައި އެތަނަކީ ރައީސަކު ހުންނަވަން މިހާރު އެެންމެ އެކަށީގެންވާ ތަނަކަށް ނުވާ ކަމަށެވެ.
"މުލިއާގެ އެހެން ހުއްޓާ އޭރު ވަރަށް ބޮޑެތި ސެކިއުރިޓީ އެސެސްމަންޓްތަކެއް ހެދުމަށް ފަހު ތީމުގެ ވަރުތަނެއް ބިނާ ކޮށްފައި ވަނީ. ވަރަށް ބޮޑަށް ވިސްނުމަށް ފަހު ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ވަރަށް ބޮޑު ގަނޑުވަރެއް ބިނާކުރީ އެހެން ނަމަވެސް މިއަދު ސުޕްރީމް ކޯޓު މިހާރު އެހުރީ އެތަނުގައި. އެހެންކަމުން ސުޕްރީމްކޯޓަށް އެކަށިގެންވާ އެހެން އިމާރާތަަކަށް ބަދަލުކުރުމަށް ފަހު އަނެއްކާވެސް އަވަސް ފުރުސަތެއްގެ ތެޜޭގައި ތީމުގެއަކީ ރައީސްގެ ގަނޑުވަރު ބަދަލުކު ރުމަކީ މިއަދު ގައުމުގެ މައްސަލަތައް ހުރި ގޮތުން އަދި ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހިފައި އޮތް ގޮތުން ކުރަން ޖެހޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން." ޝަރީފް ވިދާޅުވި އެވެ.
ބަހުސްގައި ބައިވެރިވެލެއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި ހުއްޓާ ފަހުން ސުޕްރީމްކޯޓު އެ ގަނޑުވަރަށް ބަދަލު ކުރި ކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.
"އެެހެން ނަމަވެސް ޒަމާނީ ގޮތަށް އޭރު ދިވެހި ރައްޔިތުންގެ ފައިސާއިން ތައްޔާރުކުރެވިފައި ހުރި ތަނެއް ތީމު ގެއަކީ. އެތަނަކީ ރައީސުލްޖުމްހޫރިއްޔާއަށް ދޭން ޖެހޭ ސެކިއުރިޓީއާއި އެއްޗެތި ދެވޭ ގޮތަށް ހުރި ތަނަކަށް ވާއިރު އެތަން އެގޮތަށް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކޭ އަޅުގަނޑު ދަންނަވާނީ. ކޮންމެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވިޔަސް ރައީސުލްޖުމްހޫރިއްޔާ ވާނީ ރައީސްކުލހްޖިއްޔާ އަށް. އަދި އެ ބޭފުޅާއަށް ލިބެން ޖެހޭ ރައްކާތެރިކަމާ ހިމާޔަތް ހޯދައި ދިނުމަކީ ދައުލަތުގެ މައްޗަށް އޮންނަ ޒިންމާއަކަށްވާއިރު އެކަން އެންމެ ފުރިހަަމައަށް ކުރެވޭނެ ގޮތަަކަށް އަޅުގަނޑުމެން އެކަން ބައްޓަން ކުރަން ޖެހޭ." ރޮޒައިނާ ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވެރިކަމަށް ފަހު އެމްޑީޕީގެ ސަރުކާރުން ވަނީ ތީމުގެ އާންމުންނަށް ހުޅުވާލުމުގެ އިތުރުން އިންޑިއާގެ ނޫސްވެރިން އެ ގަނޑުވަރަށް ވައްދާ މުޅި ގަނޑުވަރުގެ ސިއްރުތައް ބޭޒާރުކޮށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދައްކާފަ އެވެ.