ކުޅިވަރު

ބާސާ، ރެއާލް ސެމީ ފައިނަލު މެޗު ހަމަހަމަ!

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި، ސްޕެއިންގެ ވާދަވެރި ދެ ކުލަބު ކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗު 1-1 އެއްވަރު ވެގެން ނިމިއްޖެ އެވެ.

ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ރެއާލުންނެވެ. އެ ލަނޑު ކަރީމް ބެންޒެމާ ބާސާގެ ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅައިން ލަނޑު ޖެހީ ލޫކަސް ވަޒްކްއޭޒް އެވެ. އެ ލަނޑު ޖެހުމުގައި ޒުވާން ފޯވަޑް ވިނީސީއުސް ޖޫނިއާ މުހިންމު ދައުރެއް އަދާ ކުރި އެވެ. ބެންޒެމާއަށް ބޯޅަ ލިބުނީ އޭނާ ނަގައިދިން ބޯޅައިންނެވެ. މެޗުގައި 18 އަހަރުގެ ވިނީސިއުސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. ވިންގުން އޭނާ ނުރައްކާތެރި ބޯޅަތަކެއް ނަގައިދޭން ފެށުމުން އެކަން ހުއްޓުވަން ފަހުން ކުރިމަތިލީ، ބާސާގެ ސެންޓްރަލް ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.

ބާސާގެ ޒުވާން ފޯވަޑް މެލްކޮމްވެސް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް އޭނާ އެވެ. ފުރަތަމަ ހާފުގައި ބާސާއިން ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލިއިރު، ރެއާލްގެ ކީޕަރު ކޭލޯ ނާވަސް ވަނީ، އެ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ސޭވްތަކެއް ކޮށްފަ އެވެ.