މި ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދައަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހު މިހެން ވިދާޅުވީ އެކަމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ނުހައްގު މުއްސަދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލްއުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުން އެ ބިލް އެކުލަވާލާފައިވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، އެކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތި ކުރެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސްކަން މި އިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަގީންކޮށް އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތް ކަމަށެވެ. ފަސާދަ އާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއް ވެސް މި ގައުމުގައި ނެތް ކަމަށެވެ.
"އެ ހާލަތަށް ގައުމު ދިޔައިރު ކޮރަޕްޝަން ހުއްޓުވާނެ ގާނޫނތަކާއި ގަވައިދުތައް ނެތީއެއް ނޫން، އެފަދަ މަައްސަަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައް ވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި އެ މުއައްސަސާތަކުން ކުޑަކަކޫ ޖެހުމުން ކަމަށެވެ. ދައުލަތުގެ މުދަލާއި ފައިސާ ނާޖާއިިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުން ކުރިއިރު އެކަމާ ދެކޮޅަށް އެކަށީގެންޗާ ފިޔަވަޅު ނޭޅުމުން ކަމަށެވެ.
"ހިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިތުންތައް މިހާރު ވަނީ ހޯދާފަ، ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހުގީގުތައް ފަށާފައިވާއިރު ބޭރު ގައިމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތިގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސިޔާސީ މަގުސަދެއްފައި މިދިޔަ ދައުރުގެ ތެރޭގައި ވަކި ބަޔަކަށް އަމާޒުކޮށް ބަދަލުކޮށްފައިވާ 11 ގާނޫނެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން މަޖިލީހަށް 14 ބިލެއް ހުށަހަޅައި އޭގެ ތެރެއިން މަޖިލީހުން ފާސްކުރި 10 ބިލެއް ތަސްދީގުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ހަވާލުވި ހިނދުން ފެށިގެން ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ހިޔަލުގައި ކުރަމުން ގެންދަވަނީ ގާނޫނުގެ ވެރިކަމެއް ކަމަށެވެ. ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިސްރާބު ކުރެވިފައިވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ އިޖުތިމާއީ އަދާލަތު ގާއިމްކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޑިކޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ވަރަށް ގިނަ ކަމަށެވެ.
"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި މަޖިލިސް ވެސް އޮތީ ގާނޫނު އަސާސީއިން މި މަޖިލީހާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި، އެހެންކަމުން ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ،" ރައީިސް ވިދާޅުވި އެވެ.