އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނި ނަމަވެސް މި ސަރުކާރުން ގެންދަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްއަށް ޖާގަ ދީގެން ކަންކަން އިސްލާހު ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަ ދައްކަވާފައި މިވަނީ މިފަހުން ބައެއް ވަޒީރުންނާއި ސަރުކާރާއި ގުޅޭގޮތުން ވެސް އެ މަނިކުފާނު ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވުމަށްފަހު އެވެ. އެމަނިކުފާނު އިސްވެ ހުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެކި ކަންކަމަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް އޮޑިޓް ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ވަނީ ތުހުމަތުގެ އިނގިލި ސަރުކާރަށް ދިއްކޮށްފަ އެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނި ނަމަވެސް މި ސަރުކާރުން ގެންދަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިހަށް ޖާގަ ދީގެން ކަންކަން އިސްލާހު ކުރަމުން ކަމަށެވެ.
"އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފު ވަނީ މި ސަރުކާރު އެ ގެންދަވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްއަށް ޖާގަ ދެއްވަވާ ކަންކަން ފާހަގަކޮށް އިސްލާހު ކުރައްވަމުން ކަން. ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލިސްއަށް ވެއްދީ އެމްއެންޑީއެފް،" ކުރީ ސަރުކާރުގެ ދުވަސްވަރު މަޖިލީހަށް ސިފައިން ވެއްދި ހަނދާން އާ ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ބައެއް ރިޕޯޓްތަކުގައި މިނިސްޓްރީތަކުން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަންކަން ތަހުގީގު ކުރުމަށް ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.
އަދި އެ ތަހުގީގު ނިމެންދެން ކަމާ ގުޅުންހުރި ބައެއް ބޭފުޅުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.