(5 ފެބްރުއަރީ 2019 އާ ގުޅޭ)
ކޮޓަރީގައި ހުރި އަނދިރި ދުންގަނޑުގެ ތެރެއިން ބޮލަކާއި ދެކޮނޑު ފާޅުވެފައި ހުއްޓެވެ. ކޮޓަރީގެ އެކިދިމާއަށް އޭތި ދެއެވެ. އަދި އައިސް އެތަނުގައި ހުރި އެނދުގައި އެ ކަޅުދުންގަނޑު އިނެވެ. އެހެން އިންދާ އެ ދުންގަނޑު ކުއްލިއަކަށް ބޮޑުވެ އެނދާ ދުރަށް ދިޔައެވެ. ދެން ފެނުނީ ހަތަރު މޮއްގަނޑަށް ތިރިވުމާއެކު ޖަނަވާރެއްގެ ސިފަ ޖެހެމުންދިޔައެވެ. ހަމައެވަގުތު ގޭތެރެއިން އަންހެންކުއްޖެއްގެ އަޑު އިވުނެވެ.
"ލުގަލް" އީޝަލްގެ ކޮޓަރީ ދޮރުކައިރީ މަޑުކޮށްލައިގެން ހުރެ ގޮވާލިއެވެ. ގޭގައި ލުގަލްބަންދާ އުޅޭކަން އޭނާއަށް ޔަގީންވެއެވެ. ލުގަލްބަންދާއަށް ގޮވަން އަޑުގެނެއްތަނަށް ހަޅޭލަވާކަށް ނުޖެހޭނެއެވެ. އީޝަލް ގޮވާލީ ގާތުގައި ހުރި މީހަކަށް ގޮވާލާހާ މަޑުންނެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭ އީޝަލްގެ ކުރިމަތިން ލުގަލްބަންދާ ފާޅުވިއެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލައިފައި ވެސް އީޝަލް މަޑުކޮށްލިއެވެ. އަދި ފަރުވާތެރިކަމާއެކު ލުގަލްބަންދާއަށް ބަލާލިއެވެ. އަދި އުޑުފައިން ލުގަލްބަންދާގެ ކުރިމަތީ އީޝަލް އިށީނެވެ.
"އަހަންނަށް މަޢާފުކުރޭ ލުގަލް" އީޝަލް ބުންޏެވެ. އެއާއެކު ނުބަލަން އިން ލުގަލްބަންދާއަށް އޭނާގެ ނަޒަރު އީޝަލްއަށް ހުއްޓާލެވުނެވެ.
"އޭނާ ހުރީ އީޝަލްގެ އިންތިޒާރުގައި، އަހަރެން އީޝަލްގެ ޚަބަރު އޭނާއަށް ފޯރުކޮށްދިނިން" ލުގަލްބަންދާ ބުންޏެވެ. އޭނާ ގަޞްދުގައި ރައުލްގެ ނަން ނުކީއެވެ. އެކަން އީޝަލް ދެނެގަތެވެ.
"ރައުލްގެ ހާލަށްވުރެ ކުރިން ތި އެކުވެރިޔާގެ ހާލު އެނގެން އަހަރެން ބޭނުންވަނީ، އެނބުރި އައުމުން ލުގަލް އަހަންނަށް ސަލާމެއް ނުކުރާނަންތަ؟ އެހާވެސް އަހަންނާމެދު ތިހިތުގައި ވަނީ ނަފުރަތު އުފެދިފަތަ" އީޝަލް އެއްސެވެ. ހިމޭނުން އިން ލުގަލް އިސްޖަހާލިއެވެ. އެގޮތުގައި އިރުކޮޅަކު އިނދެފައި ދެފަރާތަށް ބޯހޫރާލިއެވެ. އީޝަލްއާމެދު ހިތުގައި އުފެދުނު އިޙްސާސްތައް ފޮރުވާލަން ޖެހޭތީ އެ ހިތުގައި ވޭންއަޅައެވެ. އެހެންނަމަވެސް އީޝަލްއާމެދު ނުރުހިފައި ހުންނާކަށް އޭނާގެ ޟަމީރު އެއްބަހެއްނުވެއެވެ.
"އަހަރެންނަށް ދުވަހަކުވެސް އީޝަލްއަށް ނަފުރަތެއް ނުކުރެވޭނެ، އަހަރެން ބުނީމެންނު އީޝަލް ރުހޭ ކޮންމެކަމަކާ އަހަރެން ވެސް ހުންނާނީ ރުހިގެންނޭ" ލުގަލްބަންދާ ބުންޏެވެ. އީޝަލް ހިނިތުންވެލީއެވެ. ލުގަލްބަންދާގެ މޫނުގައި އީޝަލްގެ ވައަތްތިލަ ޖައްސާލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ލުގަލްބަންދާގެ ނަޒަރު އީޝަލްއާ ބައްދަލުވިއެވެ.
"ތި ދެ ލޮލުގެ މަޢުޞޫމްކަން ދުވަހަކުވެސް ގެއްލޭކަށް ނޭދެން" ލުގަލް ރަތްކުލައިގެ ދެ ކަޅިއަށް ހިނިތުންވެ ބަލަން އިން އީޝަލް ބުނެލިއެވެ. ލުގަލްބަންދާ މޫނު ދުރުކޮށްލައި އީޝަލްއާ ނަޒަރު ވަކިކޮށްލިއެވެ.
"ގާތްކަން ބާއްވަންވާނީ ވަކި އިމެއްގައި، އީޝަލް... އަހަރެންނަކީ ވެސް ފިރިހެނެއް، ތިފަދަ ކުދިކުދި ބީހުންތަކުން އަހަރެންގެ ޚިއްޞުތަކަށް އަސަރުކުރާނޭކަން ނޭނގޭތަ؟... މީކާޢީލްއާއި ޒިޔަޒެލް އަހަރެންނަށް އިންޒާރު ދެނީ އެހެންވެ، ފުރަތަމަ ދުވަހުން ފެށިގެން އެ މީހުންވަނީ އީޝަލްއާ ގާތް ނުވުމަށް އެކި ގޮތްގޮތުން ބުނެފައި، އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު ނުހިފެހެއްޓިދާނޭތީ ބިރުގަނޭ" ލުގަލްބަންދާގެ ހިތުގައިވިއެވެ. އިހުނަށްވުރެ އޭނާ އީޝަލްއާ ދުރަށް ޖެހިލިއެވެ.
"އަހަރެންގެ ބީހުމުން ލުގަލްއަށް ތަކުލީފެއް ލިބޭކަށް ބޭނުމެއްނޫން، ދެން އެފަދަ ކަމެއްނުވާނެ... ބައެއްފަހަރު އަހަރެން ވެސް ހަނދާންނެތެނީ... އަހަރެމެން ޒުވާނުންނަށް ވެއްޖެކަން، ލުގަލްއަކީ ފިރިހެނެއްކަން އަހަންނަށް ބުނެދޭން އޭރު މަސައްކަތް ކުރީ ކީއްވެކަން މިހާރު އެނގޭ" އީޝަލް ބުނެލިއެވެ. ލުގަލްބަންދާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. އޭނާގެ ހިތުގައިވީ އެއްޗެއް އީޝަލް ދެނެގަތީ ކިހިނެއްބާއޭ ސުވާލު އުފެދިފައި އިނެވެ.
"އީޝަލް" މަޑުމަޑުން ލުގަލްބަންދާ ގޮވާލިއެވެ.
"އާން! ދެން ބުނެދީބަލަ... ރައުލްގެ ޚަބަރަކީ ކޮބާ" އީޝަލް ތެދުވެ ހިނގައިގަންނަމުން ބުންޏެވެ.
"އޭނާ އަދިވެސް ހުރީ މި ރަށުގައި، އީޝަލް... ކީއްވެ އޭނާ ގާތު ނުބުނީ އީޝަލްއާ ރަސްދަރިކޮޅާ ގުޅިފައިވާކަން" ލުގަލްބަންދާ ބުންޏެވެ.
"ރައުލް ސުވާލުކުރީތަ؟" އީޝަލް އެއްސެވެ. އޭރު ލުގަލްބަންދާ ވެސް އައިސް އީޝަލް ހުއްޓިލައިގެން ހުރި ދިމާގައި މަޑުކޮށްލައިފިއެވެ.
"ގަނޑުވަރަށްކަން ދިޔައީ ބުނުމުން އޭނާއަށް ހީވީ މީކާޢިލް ބޭނުންވަނީ ރަސްކަމުގެ ތެރެއިން ބައިވެރިއަކު އީޝަލްއަށް ހޯދައިދޭންހެން، އެހެންވެ އަހަރެން ބުނީ... މީކާޢިލްއާއި ޒިޔަޒެލްއަކީ ކޮންބައެއްކަން" ލުގަލްބަންދާ ބުންޏެވެ.
"ކީކޭ ރައުލް ބުނީ" އީޝަލްގެ މޫނުން ހިސާބެއްގެ މާޔޫސްކަން ފާޅުވެލިއެވެ.
"އެއްޗެކޭ ނުބުނޭ، އޭނާގެ ހިމޭންކަން އަހަންނަށް ބުނެދިނީ މިއިން އެއްވެސް ކަމެއް އޭނާއަށް ނޭނގޭކަން، ކީއްވެ ނުބުނީ؟" ލުގަލްބަންދާ ހުރީ އެނގެން ބޭނުންވެފައެވެ.
"ލުގަލް... އަހަންނާމެދު ކާފަ ޝައުގުވެރިވާކަން ޔަގީން، ބަލާބަލަ... މީ ކާފަ ދެއްވި އަނގޮއްޓިއެއް، ކޮންބޭނުމަކު ކަމެއްނުބުނޭ، އެކަމަކު އަހަންނަށް ވެސް އެނގޭ މީ އަހަރެން އަންހެނަކަށްވީތީ ދިން ގަހަނާއެއްނޫންކަން، އެދުނީ އަހަންނާ ވަކިނުކުރުމަށް، އަނގޮއްޓީގެ އެތެރެފުށުގައި ލިޔެފައިވާ އެއްޗެއް ކުދިވެފައި އެއްކޮށް ހުރުމުން އަހަންނަށް އެ ކިޔާކަށް ނޭނގޭ.... ލުގަލް... އެތަނުގައި އަހަރެންނަކަށް ފުރުޞަތެއްނެތް، އަހަރެންނަށް ފުރުޞަތުނެތްތަނެއްގައި ބައްޕަ ހުންނާކަށް ބޭނުމެއްނުވާނެ، އަހަރެންނަށް އަހަރެންގެ އަސްލު ބަދަލެއްނުކުރެވޭނެ، ނޫންތަ ލުގަލް... އަހަރެން އުފަންކުރީ އިންސާނެއް، އެކަން ބަދަލުކުރާނީ ކިހިނެއް؟... އެކަމުގައި އަހަރެންގެ ކުށަކީ ކޮބައި، މިހެން މިބުނަނީ ބައްޕަ ކުށްވެރިކުރާތީއެއްނޫން، އަހަރެމެންނަށް މި ނޫންގޮތެއްނެތް، އަހަރެން ވެސް ގަނޑުވަރުގެ ދިރިއުޅުމަކަށް ޝައުގުވެރިއެއްނުވޭ، ފަހަރެއްގައި އަހަރެންގެ ކައިވެނި ހަމަޖެހުމުން ބައްޕައަށް އެނބުރި އެ ދިރިއުޅުމުގެ ދާނޭ ފުރުޞަތު ލިބިދާނޭ، އެގޮތް އަހަރެން ވެސް ބޭނުން، އޭރުން ބައްޕަގެ ދިރިއުޅުން އަލުން އާބާދުވެދާނެ، ބައްޕަގެ ޝަރަފުން އުނިވި އުނިވުން ފޫބެދި ރަސްކަމުގެތެރޭގައި އުޅޭނޭ ފުރުޞަތު ފަހިވެދާނެ... ރައުލްގެ ގާތުގައި އެ ވާހަކަތަ ދެއްކުން މުހިންމުނުވީ އެހެންވެ، އެ މީހުންގެ ތެރެއިން އަހަރެންނަށް ދުވަހަކުވެސް ފުރުޞަތެއްނޯންނާނޭކަން އެނގޭތީ، ރަސްދަރިކޮޅަށް ނިސްބަތްވިޔަސް އަހަރެންނަކި އަމީރާއެއްނޫން، އެ ޢިއްޒަތް އަހަރެންނަށް ލިބުމެއްނުވޭ، އަހަރެމެންގެ ތެރޭ އުޅޭ އާދައިގެ ޖިންނިއަކާ އަހަރެންގެ ދިރިއުޅުމާ މާބޮޑު ތަފާތެއްނެތް" އީޝަލް ބުންޏެވެ.
ބަލްޤިސްގެ ކައިވެނި ކުރިއަށް ދިޔަ ގޮތް ލުގަލްބަންދާއަށް އީޝަލް ކިޔާދިނެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަންތައްތަކެއް ގަނޑުވަރުގެ ތެރޭގައި ހުރިކަން ވެސް ފާހަގަކުރިއެވެ. ޙަފުލާގައި ބަލްޤިސްގެ ފިރިމީހާ ފެނިލިއެއްކަމަކު އޭނާއާ ބައްދަލުކުރާނޭ ފުރުޞަތެއް މީކާޢިލް ނުދިނީތީ އެކަމާ އީޝަލްގެ ހިތުގައި އޮތް ޝަކުވާ ވެސް ލުގަލްބަންދާގެ ގާތުގައި ހާމަކުރިއެވެ.
* * * * *
"އެ މީހުން މިރަށަށް ފައިބައިފިކަން އެނގޭތަ؟" ފުޅާ ހިނިތުންވުމަކާއެކު ގާތަކުމަތިން ފުއްމަމުން އައި ދާރިއުސް ވާހަކަދެއްކީ ނޭވާ ކުރުވެފައި ހުރެއެވެ. އޭރު މީހާ ހުރީ ލޮނުން އެކޮށް ފޯވެފައެވެ.
ހިކި ދިޔައިގައި ފުއްޓަރު ފަރާތުން ގާތަކުގެ ބޮޑުބައެއް އޮތީ ހިކިފައެވެ. ކަށިކެޔޮގަސްތަކާ ދިމާއިން ފަސްގަނޑު ކަޑައިގެން ގޮސްފައި އޮތް ތަނުގައި ހުރީ ބޮޑެތި ގާ މަތި މައްޗަށް ޖަހައި ހިފަހައްޓާފައެވެ. ގަހުގެ ހިޔަލުން ބޮޑުބައެއް އޮތީ އަވިން ސަލާމަތްވެފައެވެ. އެތަނުގައި ހަމަޖެހިލައިގެން ރައުލް އިނެވެ.
"އެނގޭ އަހަންނަށް" ދާރިއުސް ހިފައިގެން އައި ޚަބަރަށް ރައުލް ޖަވާބުދިނެވެ.
"އީޝަލްއާ ބައްދަލުކުރަން ނުދާނަންތަ؟ ޔާފިއާ އެނބުރި ދާ ވާހަކަބުނެފައި އޮތީ... އަހަރެމެން ހޯދަން ބަޔަކު ނުކުމެއްޖެ ކަމުގެ ޚަބަރު ވެސް އޭނާ ދީފިއެއްނު، ރައުލް... އެ މީހުން އަހަރެމެން ހޯދައިފިއްޔާ އެނބުރިދިއުން ނޫންގޮތެއް ނޯންނާނެ، އޭގެ ކުރިން އީޝަލްއާ ބައްދަލުކުރަންވީނު" ދާރިއުސްގެ އަޑުގައިވި ހާސްކަން ރައުލް ދެނެގަތެވެ.
"ދާރިއުސް، ކަލޭ މިކަހަލަ ކަންކަމުގެ ތެރެއަށް ވަންނަވަރެއްނުވޭ އަދި ނުވޭ" ރައުލް ބުނެލިއެވެ.
"އަހަރެންނަށް އީޝަލް ވަރަށް ކަމުދޭ... ރައުލްއާ ވަރަށް ގުޅޭ... ތި ދެ މީހުން ވަކިވާންޖެހިދާނެތީ..." ދާރިއުސް ބުންޏެވެ. އެއާއެކު ރައުލްގެ ލުއި ހީނލުމުގެ އަޑު އިވުނެވެ.
"އަހަންނާ ދިމާނުކޮށްބަލަ، އެންމެން އަހަރެން ކުޑަކުއްޖަކަށް ހަދައިގެން އުޅުނަސް އަހަރެން މީ ކުޑަކުއްޖެއްނޫން" ރައުލް ހީނލުމުން އެކަމާ ގުޅުވައި ދާރިއުސް ބުންޏެވެ.
އީޝަލް އެނބުރި އަތުވެއްޖެކަން ދާރިއުސް އައުމުގެ ކުރީން ރައުލްއަށް އެނގިއްޖެއެވެ. އޭނާއާ ބައްދަލުކުރަން ދިއުމުގެ ޝައުގު ހިތުގައި އުތުރިގަތެވެ. މީކާޢިލްއަށް ޓަކައި އީޝަލްއާ ބައްދަލުނުކުރަން ނިންމައިގެން ހުއްޓެއްކަމަކު ރައުލްއަށް އެފަދައިން ޢަމަލު ނުކުރެވޭނޭކަން އެނގުނެވެ. އޭނާ އޮތީ އީޝަލްއާ ބައްދަލުކުރަން ހަދާނޭ ގޮތެއްގެ ވިސްނުމުގައެވެ. ބޭރީތު ފޮނުވި ޖިންނީން އެ ރަށާއި ކައިރިއަށް އަންނާކަށް ރައުލް ބޭނުމެއްނޫނެވެ. އެހެންވީމާ ވެސް އޭނާ އީޝަލްއާ ބައްދަލުކުރަން އެބަޖެހެއެވެ.
* * * * *
މީކާޢިލްއާއި ޒިޔަޒެލްގެ ދެމެދުގައި ބޮޑު މަޝްވަރާއެއް ހިނގަމުންދިޔައެވެ. އީޝަލްއާއި މިޒަރެންގެ އިތުރުން ލުގަލްބަންދާއަށް ވެސް އޮތީ އެކަން އެނގިފައެވެ. މިޒަރެން އޭނާގެ މަސައްކަތްވަނީ އީޝަލްއާއެކު ފަށާފައެވެ. ޒިޔަޒެލްގެ ކުތުބުޚާނާއިން ސިއްރު ފޮތްތައް މިޒަރެން ނަގައި އީޝަލްއަށް މީގެ ކުރީން ނޭނގޭ ކަންތައްތައް އޭނާ ކިޔައިދިނެވެ. އަމިއްލަ މީހާ ރައްކާތެރިވާނޭ އުކުޅުތައް އެނގިފައި ހުރުން މުހިންމުކަމުގައި އީޝަލްއަށް މިޒަރެން ވިސްނައިދިނެވެ.
އަސުރުން ފައިބައިގެން ގެއަށް އައިސް ޒިޔަޒެލްގެ މަސައްކަތް ފެށުމުގެ ކުރީން އީޝަލް ހާޟިރުކުރިއެވެ. އަދި މީކާޢިލް ވެސް ބައިވެރިވިއެވެ. އީޝަލް ގޮވައިގެން މީކާޢިލް އެހެން މަންޒިލަކަށް ދާން ހިޔާލުކުރާން އޭނާ ހާމަކުރުމުން އީޝަލްއަށް ލިބުނު ސިހުމުގައި ވަގުތުން ދެކޮޅު ހެދިއެވެ. ނަމަވެސް އޭނާއަށް ހިމޭންވުމަށް ޒިޔަޒެލް އެންގިއެވެ. މީކާޢިލްގެ ވާހަކަ ނިމެންދެން އަޑު އެހުމަށް އެދުނެވެ. މިހާރު ތިބިތަނުގައި ތިބެ އީޝަލް ތަމްރީނު ނުކުރެވޭނެކަން މީކާޢިލް ބުނީ ދެނެވެ. ހުރިހާ ވާހަކައެއް ދައްކައި ނިމެންދެން މިފަހަރު އީޝަލް އަޑު އެއްސެވެ. އެ މީހުންނާ މިޒަރެންނާއި ލުގަލްބަންދާ ބައިވެރިވާނޭކަމުގައި މީކާޢިލް ޢިއުލާން ކުރިއެވެ.
"ބައްޕާ... މިރަށުން ދިއުމުގެ ކުރީން ރައުލްއާ އެއްފަހަރު ބައްދަލުކުރުމުގެ ހުއްދަ ލިބިދާނެތަ" މާޔޫސްވެފައި ހުރެ އީޝަލް އެއްސެވެ. އެހިނދު މީކާޢިލްއާއި ޒިޔަޒެލް އެކަކުއަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.
"ރައުލްއާ ބައްދަލުކުރަން ބައްޕަ ބޭނުން" މީކާޢިލް ބުންޏެވެ. އެ އަޑުއިވުމުން އީޝަލްގެ ލޮލުން އުންމީދުގެ ވިދުން ފާޅުވެލިއެވެ.
"ރައުލްއާ ބައްދަލުކޮށްފައި އޭނާ ގޮވައިގެން އަޅުގަނޑު އަންނާނީ، ވަގުތެއް ބައްޕަ ބުނޭ" އީޝަލް އަވަސްއަވަހަށް ބުންޏެވެ.
"ނޫން... އޭނާ ބަލާ..." މީކާޢިލް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ޒިޔަޒެލް ކަރުކެހިލައި މީކާޢިލްގެ ނަމުން ގޮވާލިއެވެ. އެހިނދު މީކާޢިލް ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. ފުންނޭވާއެއް ދޫކޮށްލައި އީޝަލްއަށް ބަލާލިއެވެ.
"އެންމެރަނގަޅު... ރޭގަނޑުގެ ކެއުމަށްފަހު ދާންވާނީ، މެންދަންވުމުގެ ކުރީން ރައުލްއާއެކު ދަރިފުޅު ވެސް ހުންނަން ޖެހޭނީ މިގޭގައި" މީކާޢިލް ބުންޏެވެ. ތުންފިއްތާލައިގެން ހުރި އީޝަލް ހިނިތުންވެލިއެވެ. ރައުލް ދުށުމަށް ޓަކައި އޭނާގެ ހިތް ތެޅިފޮޅިގަތެވެ. ރައުލް ގާތަށް ދެވެންކަން މިއުޅެނީ ޔަގީންވުމުން ވަކިން އީޝަލްގެ ކެތްތެރިކަން ކުޑަވެފައިވިއެވެ.
(ނުނިމޭ)