ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށެވެ. އެންމެން ވެސް އިންތިޒާރު ކޮށްގެން ތިބީ، 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި އަދި މައިނޯރިޓީ ލީޑަރުކަން ކުރެއްވި، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަށެވެ. ރައީސް ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާންވީ، ރާއްޖޭގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަލި އަޅުވާލެއްވެވި އުއްމީދީ ބަޔާނަކަށެވެ.
ރައީސް ސޯލިހު މިއަދު ވަނީ އެމަނިކުފާނުގެ ސިޔާސަތުތައް ވަރަށް ސާފުކޮށް ރިޔާސީ ބަޔާނުގައި ބަޔާންކޮށް ދެއްވާފަ އެވެ. އެންމެ ހާއްސަ ގޮތެއްގައި ފާހަގަ ކުރެއްވީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ގެންގުޅުއްވާނެ ހަރުކަށި ސިޔާސަތުގެ ވާހަކައެކެވެ.
ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސްކަން ހަރު އަޑުން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނު ކުރައްވާނެ ކަންކަމާއި ކުރައްވަމުންދާ ކަންތައްތަކުގެ ތަފްސީލެއް ދެއްވި އެވެ. ނުހައްގު މުއްސަދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލްއުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މުހިންމުކަން
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ޝަރުއީ ނިޒާމް އިސްލާހު ކުރައްވާނެ ކަމުގެ ވައުދާއެކު އެވެ. އެކަން އެމަނިކުފާނު އަދިވެސް ހަނދާނުގައި ހުންނެވިކަން ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ. ކޯޓުތަކާއި ފަނޑިޔާރުން އިސްލާހު ކުރުމަކީ އެންމެ މުހިންމު ކަންތަކުގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
"ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ މި ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މުހިންމު ކަމަށް ވެސް އަލިއަޅުވާލެއްވި އެވެ. އަދި އެމަނިކުފާނު ފޮނުވާފައިވާ މުހިންމު ބިލްތަކުގެ މަސައްކަތް މަޖިލީހުން އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކޮމިޝަންތަކަށް ބާރުދޭ ބިލް ވެސް ހިމެނެ އެވެ.
"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި މަޖިލިސް ވެސް އޮތީ ގާނޫނު އަސާސީއިން މި މަޖިލީހާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި، އެހެންކަމުން ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ،" ރައީިސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާންގެ ހުލާސާ
- ޝަރުއީ ދާއިރާ އިސްލާހުކޮށް، މިނިވަން މުއައްސަސާތައް ހަރުދަނާ ކުރާނެ
- ކޮރަޕްޝަނަށް ހަރުކަށި ސިޔާސަތެއް، ބޮޑެތި އަދަބުތައް ދެވޭނެ ގާނޫނުތަކެއް
- ބޯހިޔާވަހިކަން އަގުހެޔޮކޮށް، އާ މަޝްރޫއުއެއް ފަށަނީ
- ތިމާވެށީގެ ކަންކަމަށް އިސްކަންދީ، އަލުން ތިމާވެށީގެ ލީޑަރަކަށް ރާއްޖެ ހެދުން
- ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިގުތިސޯދީ ގޮތުން ކުރިއެރުން
- ތައުލީމީ ދާއިރާގެ ދުވެލި ހަލުވިކޮށް، އަސާސީ ހިދުމަތްތަކުގައި އިސްކަން
- މަދަނީ އިޖުރާއަތުގެ ބިލާއެކު މުހިންމު ބިލްތަކެއް އަވަހަށް މަޖިލީހަށް
- ޓެކްސް ނިޒާމް ހަރުދަނާކޮށް އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފެށުން
- ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް އުތުރާއި ދެކުނުގައި ފެށުން
- މަސްވެރިންނާއި ދަނޑުވެރިންނަށް ލުއިތަކެއް ހޯދައިދިނުން
- ގްރީން ޓެކްސް ފަންޑު ތިމާވެށި ހިމާޔަތްކުރުމަށާއި އަސާސީ ބޭނުންތަކަށް
ތިމާވެށީގެ ލީޑަރަކަށް ރާއްޖެ
ރައީސް ސޯލިހުގެ ޝިއާރަކީ "ޖަޒީރާ ރާއްޖެ" އެވެ. އެ ޝިއާރާ އެންމެ ބޮޑަށް ގުޅިފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓެވެ. އިހުމާލުވެފައިވާ ތިމާވެށީގެ ކަންކަން ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވައި، ރައީސް ސޯލިހު ވަނީ ތިމާވެށީގެ ގޮތުން ރާއްޖެއަކީ ލީޑަރަކަށް އަނެއްކާވެސް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ހުރިހާ ކަމެއް ވެސް ބައްޓަން ކުރާނީ ގުދުރަތީ ރީތި ރާއްޖެ ދެމެހެއްޓޭނެ ގޮތަށް ކަމަށާއި ރައްކާތެރި އަދި ދެމެހެއްޓެނިވި ވެއްޓެއް ރާއްޖޭގައި ކަށަވަރު ކުރެވޭނީ ގުދުރަތީ އަގުހުރި ވަސީލަތްތައް އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ބެލެހެއްޓިގެން ކަމަށެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން އަނެއްކާވެސް ފަލާލާނީ ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ހަމައެހެން ރާއްޖޭގެ ތަރިކައިގެ މުހިންމުކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި ޒަމާންޗީ ސަގާފަތެއް އޮތް ގައުމެއް ރާއްހޭގައި ސަގާފީ ތަރިއަކަށް ގާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެކަމާ ގުޅޭ ބިލެއް އަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވަން ގަސްދުކުރައްވާ ކަމަށެވެ.
"ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަން ބެލެއްޓުން ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރެވިގެންދާނެ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަގާފީ ތަރިކަ ބޭނުންކޮށްގެން ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ފުދުންތެރިކަމަށް އިސްކަމެއް
ގައުމުގެ އިގުތިސޯދީ ކުރިއެރުމާ އެންމެ ބޮޑަށް ގުޅިފައިވަނީ ރައްޔިތުންގެ މާލީ ތަނަވަސްކަމާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ހަބަރު ވެސް ރައީސް ސޯލިހު ދެއްވި އެވެ. އޭގެ ތެރޭގައި އެންމެ ކުޑަ އުޖޫރައެއް ތައާރަފުކުރުމަށް ކުރައްވާ މަސައްކަތާއި އިންކަމް ޓެކްސް އަންނަ އަހަރުގެ ތެރޭގައި ނަގަން ފެށޭނެކަން ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމަށް ލިބޭ ހަގީގީ ތަރައްގީއަކީ ރައްޔޔިތުންގެ އަތްމަތި ތަނަވަސްވުން ކަމަށާއި ރައްޔިތުންނަށް ލިބޭ އުޖޫރައަކީ އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާއިން މުޅި ދުނިޔެ ގުޅިފައިވާއިރު އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމުގެ ސަބަބުން ހައި ސްޕީޑް އިންޓަބެޓްގެ ހިދުމަތް ވީހާވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެ ވެސް ކުޑަވަގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އިގްތިސާދީ ކުރިއެރުންތައް
ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި އިގުތިސޯދީ ގޮތުން އެމަނިކުފާނުގެ ތަސައްވުރުތައް ވެސް ކުރައްސަވާފައިވެ އެވެ. އެގޮތުން ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު ހިލޭއެހީ އާއި އާމްދަނީގެ ގޮތުގައި 21.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި 25.5 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާ، މި އަހަރު ނިމުނުއިރު ބަޖެޓުގެ ޑެފިސިޓް އޮތީ 3.5 ބިލިއަން ރުފިޔާ ޑެފިސިޓްވެފައި ކަމަށެވެ. އަދި އާ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަހަރު ލިބޭ އާމްދަނީ 30 މިލިއަން ރުފިޔާ އަށް އިތުރު ކުރުން ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރަށް ޓޫރިސްޓުން އެރައިވަލަށް އެމަނިކުފާނުގެ އޮތް އަމާޒު ވެސް ހިއްސާ ކުރެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރިއިރު، މި އަހަރު އެ އަދަދު 1.5 މިލިއަން މީހުންނަށްވުރެ އިތުރު ކުރުމަކީ އަމާޒެއް ކަމަށެވެ.
އެންމެ ބޮޑު ހައްލެއް، ބޯހިޔާވަހިކަމަށް
ރިޔާސީ ބަޔާނުގައި އެންމެ ބޮޑު ހައްލެއް ގެންނަވާނެކަން ފާހަގަ ކުރައްވާފައިވަނީ ރާއްޖެއަށް މިހާރު އޮތް އެންމެ ބޮޑު ނުތަނަވަސްކަން ކަމަށްވާ ބޯހިޔާހިވަހިކަމުގެ ދަތިކަމަށެވެ. ރައީސް ސޯލިހު ވަނީ މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް ގާއިމް ކުރައްވައި، އޭގެ އަގުތައް ހެޔޮ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދިމަށްޓަކައި "ހައުސިން ނީޑް އެސެސްމެންޓެއް" ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ނިމުމުން މުޅި ރާައްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ "ޓެނެންސީ އެކްޓް" އާއި އެއްމެދު އިމާރާތްތަކާ ބެހޭ އުސޫލުރައް ކަނޑައަޅައިދޭ "ކޮންޑޮމީނިއަމް އެކްޓް" އެކުލަވާލައްވާކަން ވެސް ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި "ނޭޝަނަލް ހައުސިން ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ގަސްދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ ހެޔޮއަގުގައި ބޯހިޔާވަހހިކަން ފޯރުކޮށްދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޑިގްރީއަށް ހިލޭ ކިޔެވޭނެ
މި މަސް ނިމުމުގެ ކުރިން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ހަބަރު ވެސް ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ދެއްވި އެވެ. ރައީސް ވިދާޅުވި ގޮތުން މި އަހަރު އެންމެ ބޮޑު ހޭދައެއް ކުރައްވާނީ ތައުލީމީ ދާއިރާގެ ދުވެލި ހަލުވި ކުރުމަށެވެ.
ތައުލީމީ ދާއިރާއަށް 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ވަނީ ކަނޑައަޅާފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ތައުލީމީ ދާއިރާއަށް މިހާ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރެވެ. އެ ބަޖެޓްގެ ދަށުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް ވަނީ ފަށާފަ އެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށްފައިވާ ކަމާއި ލޯނު ދައްކަން ޖެހޭ މުއްދަތު 25 ޕަސެންޓް އިތުރުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ގައުމުތަކުގެ ލޯބި އެނބުރި ރާއްޖެއަށް
ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފަ ކަމަށެވެ. ނަމަވެސް ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.
"ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގްވާމީ އާއިލާގެ ލޯތްބާއި ރަހުމަތްތެރިކަން އަނބުރާ ލިބިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ލާމެހިފައިވާ ކުޑަކުށަ މުޖުތަމައަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާގަޔާއި އެމެރިކާގެ ވޮޝިންޓަން އަދި ރަޝީޔާގައި ދިވެހި އެމްބަސީއެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އަސާސީ ހިދުމަތްތަކަށް އިސްކަމެއް
ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވާ ވިދާޅުވުން ރިޔާސީ ބަޔާނުގައި ވެސް ތަކުރާރު ކުރެއްވި އެވެ. އެގޮތުން އޭޕްރީލް މަހުން ފެށިގެން މާލެއެކޭ އެއް އަގެއްގައި ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަން ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މި އަހަރުގެ ތެރޭފައި އެކުލަވާލެވޭ ގްރީން ފަންޏަށް ހާއްސަކޮށް އެ ފައިސާ ހަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ކަމަށެވެ. ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ.
ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި 82 ރަށެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރާނެ ކަމަށާއި އިއާދަކުރަނވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު މިހާރާ އަޅާބަލާއިރު ދެގުނަ އިތުރުވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ އެވެ. އަދި ރައްޔިތުންގެ ލުއި ފަސޭހައަށް ލުއި ލޯނު ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވާނެ ކަމަށެވެ.