މީގެ ހަތް އަހަރުކުރިން، 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ވެއްޓުމާ އެކު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވިގޮތަށް، މިއަދު މިތިބީ އަލުން ވެރިކަމަށް އައިސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބުވި ނަމަވެސް، ވެރިކަމުން 2012 ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިއުފާދީފައިވަނީ ސިފައިންނާއި ފުލުހުނާއި ބައެއް ސިޔާސީ ބޭފުޅުން، އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ނުކުމެ ކުރި މުޒާހާރާތަކުގެ ސަބަބުން ނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލިސް ހުޅުވުމަށް ދެއްވި ފުރަތަމަ ރިޔާސީ ބަޔާން މިއަދު އިއްވަވާ ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އަލުން އެބުރި އައިސް މިތިބީ އުފާވެރި ހަބަރަކާއެކު ކަމަށެވެ. އެއުފާވެރި ހަބަރަކީ "އެޖެންޑާ19" ކަމަށެވެ. އެޖެންޑާ19 އަކީ އެމްޑީޕީ އިން މަޖިލިސް ކެޕްޕޭނުގައި ބޭނުންކުރަމުންދާ ޝީއާރެވެ. އެމްޑީޕީ އަށް ހަތް އަހަރު ފަހުން ވެރިކަން ލިބިފައިވާއިރު، މިއަދު ސޯޝަލް މީޑިއާގައި ދަނީ ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްސަފުގައި ތިބި މީހުނާމެދު ފިޔަވަޅު އަޅަން ގޮވާލަމުން ނެވެ. އޭގެ ތެެރޭގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ މިހާރު އެމްޑީޕީ އާއެކު ކޯލިޝަން ހާދަފަ އެވެ.
"މީގެ ހަތް އަހަރު ކުރިން މިދުވަހު އެމްޑީޕީ ބުނި ބުނުން، މި އޮޑިޔެއް ނުފެތޭނެ، މި އަޒުމެއް ނުގުޑާނެ، މި ފިކުރެއް މިރާއްޖެއަކުން ނުފޮހެވޭނެ، އަޅުގަނޑުމެން އެބުރި އަންނާނަމޭ، މިއަދު އެމްޑީޕީ މިތިބީ އެބުރި އައިސް" ނަޝީދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމުގެ ގޮތުން ހެދި މި ކޯލިޝަން ،މިހާރުވެސް ރޫޅިގެން ހިގައިދާނެ ކަމުގެ އަލާމަތްތްށް ދަނީ ފެންނަމުންނެވެ. ކޯލިޝަންގެ އެންމެ އިސްޕާޓީ އެއް ކަމަށްވާ ޖުމްހޫރީ ޕާޓީ އާ ކޯލިޝަންގެ މައި ޕާޓި އެމްޑީޕީ އާ ވަނީ ހިޔާލު ތަފާތު ވެފަ އެވެ. ހިޔާލު ތަފާތުވެފައިވަނީ މަޖިލިސް ގޮޑިތަށް ވަކިގޮތަކަށް ބަހަން ނިންމާއިފައިވަނިކޮށް އެމްޑީޕީން ފ. ނިލަންދޫ ދާއިރާ ފިޔަވާ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމި ހިސާބުން ނެވެ.
ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، ގައުމު ސަލާމަތްކުރުމަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެމްޑީޕީ އަށް ވޯޓު ދެއްވާ، ގައުމު ސަލާމަތްކުރައްވާ" ނަޝީދު ވިދާޅުވި އެވެ.