ފީފާ

އާ ދައުރުގައި ވެސް ފީފާގެ ރައީސް ކަމަށް އިންފެންޓިނޯ

ކުރިއަށް އޮތް ދައުރުގައިވެސް، ފީފާގެ ރައީސް ކަމުގެ މަގާމު މިހާރުގެވެސް ރައީސް ސްވިޒަލޭންޑްގެ ޖިއާނީ އިންފެންޓިނޯއަށް ލިބުމަށް ފުރުސަތު ތަނަވަސް ވެއްޖެ އެވެ. އެއީ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް، އޭނާ އެކަނި ކުރިމަތި ލެއްވުމުންނެވެ.

ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާގެ ދައުރުގައި، ފީފާގެ އެތެރޭގައި ހިންގި ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން، 2015 ވަނަ އަހަރު ބްލެޓާ އިސްތިއުފާ ދިނުމުން، ފެބްރުއަރީ 2016 ގެ ބޭއްވި އިންތިހާބުގައި، ފީފާގެ ރައީސް ކަމަށް ވަޑައިގެންނެވީ، އިޓަލީ އާއި ސްވިޒަލޭންޑަށް ނިސްބަތްވާ އިންފެންޓިނޯ އެވެ. އޭގެ ކުރިން އިންފެންޓިނޯ ވަނީ، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، 'ޔޫއެފާ' ގެ ޖެނަރަލް ސެކެޓްރީ މަގާމު އަދާކޮށްފަ އެވެ.

ފެބްރުއަރީ 2016 ގެ އިންތިހާބުގައި، އިންފެންޓީނޯ އާ ވާދަ ކުރެއްވީ، އޭއެފްސީގެ ރައީސް ބަހްރެއިންގެ ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ އާއި އުރުދުންގެ ހުސައިން ބިން އަލް އަލީ އެވެ.

ޖޫން މަހު، ފްރާންސްގައި ބާއްވާ އަންހެނުންގެ ވޯލްޑްކަޕުގެ ކުރިން، ޕެރިހުގައި ފީފާގެ އިންތިހާބު އޮންނާނެ އެވެ. މި އަހަރުގެ އިންތިހާބުގައި އިންފެންޓިނޯ އާ ވާދަ ކުރައްވާނެ ކަމަށް، ޓޮޓެންހަމް ހޮޓްސުޕާގެ ކުރީގެ ފޯވަޑް ރޯމަން ވެގާ އިއުލާން ކުރި ނަމަވެސް އޭނާ ކުރިމަތިލާފައެއް ނުވެ އެވެ. ކުރިމަތި ލުމުގެ މުއްދަތު ހަމަވާންވިއިރުވެސް އޭނާއަށް ފަސް ގައުމުގެ ތާއީދުވެސް ނުލިބުނެވެ.

އިންފެންޓީނޯ ފުރަތަމަ ދައުރަށް ކެމްޕޭން ކުރުއިރު، އޭނާގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި އޮތީ ވޯލްޑްކަޕުގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 32 ން 48 ށް އިތުރު ކުރުމެވެ. އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައި 48 ޓީމު ވާދަ ކުރުވާ ގޮތަށް ފީފާގެ ކޮންގްރެސްއިން ވަނީ ނިންމާފަ އެވެ.

އިންފެންޓިނޯ ދަނީ، ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައިވެސް 48 ޓީމަށް އިތުރު ކުރުމަށް ވަކާލާތު ކުރަމުންނެވެ. އެކަމާ ބެހޭގޮތުން ގޮތް ނިންމާނީ އަންނަ މަހު އެވެ. އެހެންނަމަވެސް ގަތަރުން އެކަމާ ދެކޮޅު ހަދަ އެވެ.