ހަބަރު

ވަކީލަކު އައްޔަން ކުރާ ފޯމް އީމެއިލުން ބަލައިގަންނަ ގޮތަށް ފުލުހުން ހަމަޖައްސައިފި

ފުލުހުންގެ ބަންދުގައި ހުންނަ މީހެއްގެ ގާނޫނީ ވަކީލަކަށް ވުމާއި އާއިލީ ބައްދަލުވުމަށް އެދޭ ފޯމް، އީ-މެއިލް މެދުވެރިކޮށް ބަލައިގަންނަން ފަށައިފި އެވެ.

ފުލުހުން ބުނީ އެމުއައްސަސާގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ވަކީލުކަމަށް އައްޔަނުވުމަށްޓަކައި "ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދޭ ފޯމް” ފުރުމަށްފަހު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ، [email protected] ފޮނުވުމުން އެފަދަ މީހެއްގެ ވަކީލަކަށް ވެވޭނެ ކަމަށެވެ.

އެ ފޯމްގެ އިތުރުން "ބަންދުގައިވާ މީހާއަށް ޒިޔާރަތްކުރުމަށް އެދޭ ފޯމް” ވެސް މިއަދުން ފެށިގެން އީމެއިލްގެ ޒަރީއާއިން ހުށަހެޅޭނެ ކަމަށް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ. އެ ފޯމް ވެސް ފޮނުވަން ޖެހެނީ އެ އީމެއިލް އެޑްރެހަށެވެ.

ފުލުހުން ބުނީ، ވަކީލު ހަމަޖައްސަނީ، ބަންދުގައިވާ މީހާގެ އާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން ނަމަ އެވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް އެ ފޯމާއި އެކު ފޮނުވަން ޖެހޭނެ ކަމަށެވެ. އާއިލާއިން ފޮނުވާ ވަކީލެއްނަމަ އެވަކީލަކު ފޮނުވީ ބަންދުގައިހުރި މީހާގެ އާއިލާގެ ކޮންފަރާތަކުންކަން އަންގައިދޭ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އަމިއްލަގޮތުން ވަކީލަކަށް އެދި އައްޔަނުވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅާކަށް ނުޖެހޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ފޯމް ފުރުމަށްފަހު މެއިލް ކުރަން ޖެހެނީ، އެ ވަކީލެއްގެ އަމިއްލަ އީމެއިލް އެޑްރެސް މެދުވެރިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ލޯ ފާމެއް ނަމަ އެ ލޯ ފާމެއްގެ ރަސްމީ މެއިލް އެޑްރެހަކުން އެވެ. އަދި އެގޮތަށް އަމަލުކުރަން ފެށުމުން ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހާޒިރުނުވެ، ކޮންމެތާކުހުއްޓަސް އީމެއިލްގެ ޒަރީއާއިން ފޯމް ހުށަހެޅުމުގައި ލުއި ފަސޭހަވެގެންދާނެ ކަަމަށް ވެސް ފުލުހުން ބުންޏެވެ.