ހަބަރު

ގައުމު ކުރިއަރާނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: ނައިބު ރައީސް

ގައުމެއް ތަރައްގީވެ ކުރިއަރާދާނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ކީރިތި ގުރުޢާނާބެހޭ ގައުމީ މަރުކަޒުގެ ގދ. ގައްދޫ ގޮފި ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމަނިކުފާނު އެ މަރުކަޒު ހުޅުއްވައިދެއްވީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ގައްދުއަށް ކުރެއްވި ޒިޔާރަތެއްގައެވެ.

ނައިބް ރައީސްގެ އެދަތުރުފުޅުގައި މިއަދު ވަނީ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ”މަސްޖިދުލް އަމީން“ މިސްކިތް ވެސް ހުޅުއްވާ ދެއްވާފަ އެވެ. ގައްދޫގައި ޤާއިމުކޮށްފައިވާ ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ފައިސަލް ވިދާޅުވީ އެފަދަ މަރުކަޒެއް ހުޅުވިގެން ދިއުމުން އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި، ފަރުވާތެރިކަމާއެކު ހިއްޕެވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ގައުމު ތަރައްގީ ކުރުމުގައި ހަމަޖެހުމުގެ އައްސޭރިއަކަށް ވާސިލު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، އަތް ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭކަމަަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.