ހަބަރު

ޕްރޮގްރަސިވް ކޯލިޝަންގެ 6 ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބާއްވަނީ

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރާ ހަ ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބާއްވަން ނިންމައިފި އެވެ.

ޕްރޮގްރަސިވް - ކޮންގްރެސް ކޯލިޝަނުން ބުނީ އެ ކޯލިޝަނުން ޕްރައިމަރީ ބާއްވަން ނިންމާފައިވާ އަށް ދާއިރާއަކީ މަކުނުދޫ ދާއިރާއާއި، އަލިފުށީ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ފެލިދޫ ދާއިރާގެ އިތުރުން، މުލަކު ދާއިރާއާއި، ކިނބިދޫ އެވެ. މިދާއިރާތަކުގެ އިތުރުން މީގެ ކުރިން ހަމަޖެހިފައި އޮތީ ނޮޅިވަރަމް ދާއިރާއާއި، ފުވައްމުލަކު އުތުރުު ދާއިރާގެވެސް މާދަމާ ބާއްވާ ގޮތަށެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ދެ ދާއިރާގެ ޕްރައިމަރީ މާދަމާ ނުބާއްވަން ނިންމާފަ އެވެ.

އެ ދާއިރާތަކަށް ޖުމްލަ 19 ކެނޑިޑޭޓަކު ކުރިމަތިލާން ނިންމާފައިވާއިރު، ވޯޓް ލުމުގެ ހައްގު ލިބިގެންވާ 4427 މީހުން އެބަތިބި ކަމަށާއި، ވ. ތިނަދޫގައި ފިޔަވާ އެދާއިރާތަކުގެ އެހެން ހުރިހާ ރަށެއްގައި ވެސް ވޯޓް ފޮށި ބަހައްޓާނެ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މާލޭގައި ޕީޕީއެމްއާއި، ކޮންގްރެސް އޮފީހުގައި އެ ހަ ދާއިރާގެ ވޯޓް ފޮށިތަށް ވެސް ބަހައްޓާނެ ކަމަށެވެ.

އެ ހަ ދާއިރާގެ ވޯޓްލުން ވެސް މާދަމާ ހަވީރު 3 އަކުން 6 އަކަށް ކުރިޔަށް ގެންދަން ނިންމާފައިވާ އިރު، ޕްރޮގްރަސިވް - ކޮންގްރެސް ކޯލިޝަނުން ވަނީ މީގެ ކުރިން 56 ދާއިރާއަކަށް ކެނޑީޑޭޓުން ކަނޑައަޅާ އިއުލާން ކޮށްފަ އެވެ.