ހަބަރު

އުމަރު ޕީޕީއެމް، ޕީއެންސީ ކެމްޕެއިންގައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައި، ކެމްޕެއިންކޮށްދޭން ފައްޓަވައިފި އެވެ.

ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް އުމަރު ކެމްޕެއިން ކުރައްވަން ފެއްޓެވި އިރު، އޭނާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވި މިނިސްޓަރެކެވެ. އަދި އޭގެ ފަހުން ޕީޕީއެމް އިން ވަކިވުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއެކު، ޖުމްހޫރީ ޕާޓީގައި އިދިކޮޅު ސިޔާސީ މަސައްކަތްތައް ވެސް އުމަރު ކުރެއްވި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންތައް ކުރިޔަށް ދާއިރު އުމަރު އަންނަނީ ރައީސް ޔާމީންގެ ދެ ޕާޓީ ކަމަށްވާ، ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތުން ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި އުމަރު ބައިވެރިވެވަޑައިގެން، ޕޯޑިއަމްގައި ވާހަކަވެސް ދައްކަވަ އެވެ.

އެގޮތުން މަޑުއްވަރީ ދާއިރާއަށް ވާދަ ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ކެމްޕެއިން އާއި ތުލުސްދޫ ދާއިރާއަށް ވާދަ ކުރައްވާ އަހުމަދު ސިއްދީގުގެ ކެމްޕެއިން ޖަލްސާގައި ވެސް އުމަރު ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަަވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އުމަރުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވެފައި ވަނީ އޭނާ ރައީސް ޔާމީންއާއެކުގައި ނުވަތަ ޕީޕީއެމްގައި މަސައްކަތް ނުކުރައްވާނެ އެވެ. އަދި ސިޔާސީ އެއްވެސް ޕާޓީއަަކަށް "ގުދާނުކޮށް" ނަހަދާނެ ކަމަށާއި ނަމަވެސް އެ ޕާޓީއަކުން އޭނާގެ ފިކުރަށް ތާއީދުކޮށް އޭނާގެ ދަށުން މަސައްކަތް ކުރާނަމަ އެ ޕާޓީއަކާއެކު މަަސައްކަތް ކުރައްވާނެ ކަމަށެވެ.

އުމަރަކީ ޕީޕީއެމް އުފެދިގެން އައިއިރު އެ ޕާޓީގެ އިސް ފަންތީގައި މަސަައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ރައީސް ޔާމީންއާއެކު ޕީޕީއެމްގެ ޕްރައިމަރީގައި ވެސް ވާދަކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީ އިން އޭނާ ވަކިވީ ރައީސް މައުމޫން އެ ޕާޓީއާ ދެކޮޅަށް "އިސްލާހީ" މަސައްކަތް ފެށި ހިސާބުންްނެވެ.