ކުޅިވަރު

ސަލާގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގައިފި

ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި، އިނގިރޭސި ޕްރިމިއާ ލީގްގެގެ ކާޑިފް ސިޓީއަށް ސޮއި ކުރި، އާޖެންޓީނާގެ ފޯވަޑް އެމިލިއާނޯ ސަލާގެ ފުރާނަނެތް ހަށިގަނޑު، ކަނޑުގެ އަޑިން ނަގައިފި އެވެ.

ސަލާއަށް ވީނުވީއެއް ނޭންގި ގެއްލުނީ މިދިޔަ މަހު 18 ގަ އެވެ. ފްރާންސްގެ ނޭންޓްސް ދޫކޮށް، ކާޑިފް ސިޓީއަށް ސަލާ ބަދަލުވީ، މިދިޔަ މަހު 15 ގަ އެވެ. އޭނާ ދަތުރު ކުރި މަތިންދާބޯޓް ގެއްލުނީ ނޭންޓްސްއިން ކާޑިފް ސިޓީއަށް ދަތުރު ކުރި މަގުމަތީގަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ މަތިންދާބޯޓް ވަނީ، ފްރާންސާއި އިނގިރޭސި ވިލާތުގެ ކަނޑުގެ ސަރަހައްދު "އިނގްލިޝް ޗެނަލް" ގެ އަޑިންނެވެ.

ބޯޓްގައި، ދަތުރު ކުރީ ސަލާ އާއި ބޯޓްގެ ޕައިލެޓް ޑޭވިޑް އިބޮޓްސަން އެވެ. ކަނޑުގެ އަޑީގައިވާ އެ ބޯޓުން، އެ ދެމީހުންގެ ހަށިގަނޑުވެސް ވަނީ ނަގާފަ އެވެ. އިނގިލިޝް ޗެނަލްއާ އެންމެ ކައިރިގައިވާ އިނގިރޭސި ވިލާތުގެ ދެކުނު ސަރަހައްދުގައިވާ ޕޯޓްލޭންޑް ބަނދަރަށް، ސަލާ އާއި ޑޭވިޑްގެ ހަށިގަނޑު ގެންދިއުމަށް ފަހު ވަނީ އެއީ އެ ދެމީހުންތޯ ކަށަވަރު ކުރުމަށް، ހަށިގަނޑުގެ ސާމްޕަލް ޓެސްޓްވެސް ހައްދާފަ އެވެ.

މިދަނޑިވަޅުގައި، ސަލާ އާއި ޑޭވިޑްގެ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގެ ސަބަބުން، އެ ދެ އާއިލާގެ މެންބަރުންނަށް ހާއްސަ ގޮތެއްގައި އަޅާލުން ދިނުމަށް ވެސް ވަނީ އިންތިޒާމު ހަމަޖައްސާފަ އެވެ.

ސަލާއަކީ، ކާޑިފްއަށް ސޮއި ކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. އޭނާ އެ ޓީމަށް ސޮއި ކުރިވީ، ނޭންޓްސްއަށް 18 މިލިއަން ޕައުންޑް ދޭން އެއްބަސްވުމަށް ފަހު އެވެ. އެ ފައިސާ ނޭންޓްސްގެ އެކައުންޓަށް ޖަމާ ކުރިނަމަވެސް، ކާޑިފްއިން ވަނީ ބޭންކުގައި އެދިގެން އެ ފައިސާތައް ފްރީޒްކޮށްފަ އެވެ.

ނޭންޓްސްއިން ވަނީ، ފައިސާ ދިނުމަށް ޑިމާންޑް ކޮށްފަ އެވެ. މިދަނޑިވަޅުގައި، އެފަދަ ޑިމާންޑެއް އެ ކުލަބުން ކުރުމުން އެ ކުލަބަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒު ވެފަ އެވެ.