ސިއްހަތު

މި އުޅެނީ ވައިގަނޑެއް އަރައިގެން!

ބަނޑުގައި ވައި ހެދި އުނދަގޫ ވެގެން އުޅޭ ވާހަކައަކީ ވަރަށް އާންމުކޮށް ދިވެހިންގެ މެދުގައި ދެކެވޭ ވާހަކަ އެކެވެ. އަބަދުވެސް އުޅޭނީ ވައިގަނޑެއް އަރައިގެނެވެ. ޑޮކްޓަރެއްގެ ލަފައެއްނެތި ފާމަސީތަކަށް ގޮސް "ގޭސްޓްރިކަށް ބޭހެއް ދީބަލާށޭ" ބުނެ ވެއެވެ. އެ ގޮތަށް ބޭސް ގަނެލައިގެން ބޭނުން ކުރުމަކީ ވަރަށް އާންމު ކޮށް ދިވެހިން ކޮށް އުޅޭ ކަމެކެވެ. ވައިގަނޑެއް އަރާތީ ވާގޮތެކެވެ.

އެވާ އުނދަގުލަކީ ވައިގަނޑެއްގެ ސަބަބުން ނުވަތަ ގޭސްޓްރައިޓިސްގެ ސަބަބުންވާ އުނދަގުލެއް ކަމަށް ޔަގީނަށް ބުނަން އެނގެނީ ކިހިނެއްބާ އެވެ؟ ބަނޑުގެ މައްޗަށްވާ ބައިން ނުވަތަ މޭ މައްޗާ ދިމާއިން ދިލަ ނަގާ ރިހުމެއް ހުންނަ ކޮންމެ ފަހަރަކީ ގޭސްޓްރައިޓިސް ކަމަށް ނުވެވެސް ހިނގައިދާނެ އެވެ. ހަމައެކަނި މައިދާގައި ނުވަތަ އާންމުކޮށް ކިޔާ ގޮތުގައި ނަމަ ބަނޑުގައި ހުންނަންޖެހޭ އެސިޑް ކޮންމެ ވެސް ސަބަބަކާހުރެ ގިނަވެ، އެ އެސިޑް ކާއެއްޗިހި ދަތުރު ކުރާ ހޮޅީގެ ތެރެއަށް އެރުމުގެ ސަބަބުން ވެސް އެ އުނދަގޫތަކާ ކުރިމަތި ވެއެވެ. އެއަށް ކިޔަނީ ޑިސްޕެޕްސިއާ އެވެ.

އަދި އާންމުކޮށް ދިވެހިން ވައިގެ އުނދަގޫ ގޮތުގައި ނިސްބަތްކުރަނީ ވެސް ޑިސްޕެޕްސިއާއަށެވެ. މީގެ އިތުރަށް ހިތުގެ ބައްޔަކާ ގުޅިގެން ވެސް މެއާ ދިމާއިން ދިލަ ނަގައި ތަދެއް އަރައިފާނެ އެވެ. ވީމާ ކޮންމެ ފަހަރަކު އެއީ ވައިގަނޑެކޭ ކިޔައި ފާމަސީން ގަނެލާ ބޭސް ގުޅައެއް ކާލައިގެން ފުއްދާލައިފިނަމަ އެ ހެދުނީ ގޯހެކެވެ. އޭގެ ސަބަބުން ހަށިގަނޑުން ތިމާއަށް އަޅަމުންދާ މުހިންމު އިންޒާރެއްގެ އެލާމަށް ދޭންޖެހޭ ސަމާލުކަން ނުދެވި ވަގުތުތައް ފާއިތުވެގެން ދެއެވެ. އެހެންވެ ގޭސްޓްރައިޓިސްއަކީ ކޮބައިތޯ ދެނެގަތުން ވަރަށް މުހިންމު ވެއެވެ.

ގޭސްޓްރައިޓިސް

ހަގީގަތުގައި ގޭސްޓްރައިޓިސްއަކީ ވަކި ހާއްސަ ބައްޔަކަށް ދެވިފައިވާ ނަމެކެވެ. އެ ނަން ހާއްސަ ކޮށްފައި ވަނީ މައިދާގެ އެތެރެ ފަށަލައަށް ލިބޭ ގެއްލުމަކާ ގުޅިގެން މި ފަށަލަ ފާރުވުމުން ކިޔާ ނަމެއްގެ ގޮތުގަ އެވެ. އާންމު ގޮތެއްގައި މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް ގޭސްޓްރައިޓިސްގެ އުނދަގޫތައް ފޯރު ކުރުވާ ސަބަބުތައް ފަރުވާއެއް ނެތި ގިނަ ދުވަހަށް ދެމިގެންގޮސްފިނަމަ މިއީ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ވެސް ބައްޔެކެވެ. މިއަށް ކިޔަނީ ކްރޮނިކް ގޭސްޓްރައިޓިސް އެވެ.

ގޭސްޓްރައިޓިސްއަށް މެދުވެރިވާ ސަބަބުތައް

1
 

ހެލިކޮބެކްޓާ ޕައިލޮރީ

މި ބެކްޓީރިއާގެ އިންފެކްޝަންއެއް ޖެހިއްޖެނަމަ ގޭސްޓްރައިޓިސްގެ އުނދަގޫ ޖެހުން ވަރަށް ގާތެވެ. މިއީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންގެ ހަށިގަނޑުގައި ދިރިއުޅެމުންދާ ބެކްޓީރިއާއެއް ކަމަށް ދިރާސާތަކުން އެނގެ އެވެ. އާންމު ގޮތެއްގައި މި ބެކްޓީރިއާ އުނދަގޫތަކެއް ނުކޮށް ގިނަ އަހަރުތަކެއްގެ ހަޔާތެއް ހަށިގަނޑުގެ ތެރޭގައި ވޭތުކުރެ އެެވެ. ނަމަވެސް އުމުރުން ދުވަސްވުމުންނާއި ކަންތައްތަކާމެދު މާބޮޑަށް ފިކުރު ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެހެނިހެން ވެސް ނުރަނގަޅު ސިއްހީ އާދަތަކުގެ ސަބަބުން މި ބެކްޓީރިއާގެ އިންފެކްޝަން ގޯސްވެ މައިދާގައި ވައިހެދުމަށް މެދުވެރި ކުރުވަ އެވެ. ހެލިކޮބެކްޓާ ޕައިލޮރީ އިންފެކްޝަން ހުރިތޯ ލޭގެ ޓެސްޓަކުން ޗެކް ކުރެވިދާނެ އެވެ.

2
 

ތަދު ކަނޑުވާ ބޭސްތައް

މާގިނައިން ނުވަތަ ދިގު މުއްދަތަކަށް އެސްޕިރިން ނުވަތަ ބްރޫފަން ފަދަ ތަދު ކަނޑުވަން އުފައްދާފައި ހުންނަ ބޭސްތައް ބޭނުން ކުރުމަކީ ވެސް މައިދާގެ އެތެރެ ފަށަލަ ހަލާކުވެ ގޭސްޓްރައިޓިސްއަށް މަގުފަހި ކުރުވައިފާނެ ކަމެކެވެ.

3
 

އޮޓޯއިމުން ގޭސްޓްރައިޓިސް

ގޭސްޓްރައިޓިސްއަކީ ވިރާސީ ގޮތުން އައިސްފައިވާ ބަދަލު ތަކެއްގެ ސަބަބުން ނުވަތަ އެމީހަކަށް ވާރުތަވެފައިވާ ޖީންއެއްގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ވެސް ވެދާނެ އެވެ. އެހެނީ އޮޓޯއިމިއުން ގޭސްޓްރައިޓިސް ނުވަތަ އަމިއްލަ ހަށިގަނޑުގައިވާ ދިފާއީ ނިޒާމުގެ ސެލްތައް މައިދާގައިވާ އެތެރެފަށަލައިގެ ސެލްތަކަށް ހަމަލާ ދިނުމުގެ ސަބަބުން އެފަދަ މީހުންނަށް ގޭހުގެ އުނދަގުލާ ކުރިމަތިލާން ޖެހެއެވެ. އޮޓޯއިމިއުން ގޭސްޓްރައިޓިސްއާއި ޓައިޕް 1 ޑައެބެޓީސް އަދި ވިޓަމިން ބީ12 ހަށިގަނޑުން މަދުވުމާވެސް ގާތް ގުޅުމެއް ވެއެވެ.

ގޭސްޓްރައިޓިސްގެ އާންމު އަލާމާތްތައް

  • މޭ މަތީގައި ދިލަ ތަދެއް ހުރުން
  • އޯކަށްދެމުން ނުވަތަ މަތިން އަރާ ގޮތް ވުން
  • ހޮޑުލަވާ ގޮތް ވުމާއި ހޮޑުލެވުން
  • ކާ ހިތް ނުވުމާއި ބަނޑުފުރިފައިވާ ކަމުގެ އިހުސާސްވުން


މި އަލާމާއްތަކާއި އުނދަގޫތައް އިތުރަށް ގޯސްވާން މެދުވެރި ކުރުވާ ކަންކަމަށް ބަލައިލާއިރު ކަންތައްތަކާމެދު ފިކުރު ބޮޑުވެ ސްޓްރެސްވުމާއި ހުސްބަނޑާ ހުރެ، ކޮފީ އާއި އެހެނިހެން ކެފިނޭޓެޑް ބުއިންތައް ބުއިމާއި މާ ކުޅިކޮށް ނުވަތަ ހަވާދުގެ ބާވަތްތައް މާ ގިނައިން ބޭނުން ކުރުން ހިމެނެ އެވެ.

ގޭހުގެ އުނދަގޫ ލުއިކުރަން ހަދާާނީ ކިހިނެއް؟

ގޭސްޓްރައިޓިސްއާއި ގުޅިފައިވާ އުނދަގޫތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ސިއްހީ މައްސަލައަކަށްވެފައި ވާއިރު، އެ އުނދަގޫތައް ގިނަ ފަހަރަށް ވަނީ ދިރިއުޅުމުގެ އާދަތަކާއި ކެއިން ބުއިމުގައި ގެންގުޅެވޭ ނުރަގަޅު އާދަތަކެއްގެ ސަބަބުންނެވެ.

އެގޮތުން ގަނޑިން ގަނޑިޔަށް ނާސްތާ ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. ބިޒީ ޝެޑިއުލްއެއްގައި އެންމެން އުޅެމުންދާއިރު އާންމުކޮށް ފެންނަ މަންޒަރަކީ ހެނދުނު ސައި ނުބޮއި މަސައްކަތަށް ގޮސް އަދި އެތައް އިރެއް ވަންދެން ނުކައި ހުރެފައި ދެން ކާއިރު ތެޔޮކަން ގަދަ އަދި ހަވާދު ގިނަ ކެއުންތައް ކެއުމަށް އާދަވެފައިވާ ތަނެވެ. މިއީ މި އަރާ ވައިގަނޑު ނުވަތަ ގޭހުގެ އުނދަގޫތައް މެދުވެރިވެ އެކަން އިތުރަށް ގޯސްވާން މެދުވެރި ކުރުވާނެ ކަންކަމެވެ. އެހެންވެ ގަޑިން ގަޑިއަށް ސިއްހަތަށް ރަގަޅު ކާނާ ކެއުން ވަރަށް މުހިންމެވެ.

ގޭހުގެ އުނދަގޫ އަބަދު ކުރިމަތިވާ ނަމަ އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި ކެއުމުގެ ދޭތެރޭގައި ނުކައި ހުންނަަ ވަގުތު ކުޑަކޮށްލައި ކާއިރު މަދުން ކެއުން މުހިންމެވެ. މިސާލަކަށް ހެދުނު ސަޔާއި މެންދުރު ކެއުމާ ދޭތެރޭގައި ވެސް މޭވާއެއް ނޫނީ ޔޯގަޓެއް ފަދަ އެއްޗެއް ނެގި ދާނެ އެވެ. ބޭނުންވަނީ ހުސްބަނޑާ ގިނަ ވަގުތުތަކެއް ހޭދަ ނުކުރުމެވެ.

އަދި ރޭގަނޑު ކެއުމާއެކު ނިދުމަކީ ވެސް ރަގަޅު އާދައެއް ނޫނެވެ. އެހެނީ އެންމެ މަދުވެގެން ނިދުމުގެ ތިން ގަޑި އިރު ކުރިން އެދުވަހުގެ އެންމެ ފަހު ނާސްތާ ނެގުމަށް އާދަ ކުރުމަކީ ރަނގަޅު ކަމެކެވެ.

މީގެ އިތުރުން ކޮފީ އާއި ކަޅު ސައި އަދި ފިޒީ ޑްރިންކްސްތައް ފަދަ ކެފިނޭޓެޑް ބުއިންތަކުން ދުރުހެލި ވުމަކީ ވެސް ގޭހުގެ އުނދަގޫތައް ލުއި ކުރުމަށް އެހީވެދޭނޭ ކަމެކެވެ.

އަދި ތަދުކަޑުވާ ބޭސްތައް ނުވަތަ ޕެއިންކިލާސް އަކީ ޑޮކްޓަރެއްގެ ލަފައެއް ނެތި އާންމު ގޮތެެއްގައި ބޭނުންކުރާ ބޭސްތަކަކަށް ނުހަދާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމަކީ އޭގެ ސަބަބުން ބަނޑުގައި އެސިޑް އުފެދުމާއި ގޭހުގެ އުނދަގޫތައް އިތުރަށް ގޯސްވުމަށް މެދުވެރިވާ ކަންކަމެވެ. މިއީ ކޮންމެހެންވެސް ދުރުހެލިވާންޖެހޭ ނުރަގަޅު އާދަތަކެވެ.

ކްރޮނިިކް ގޭސްޓްރައިޓިސް

ދިވެހިންގެ މެދުގައި ގޭހުގެ އުނދަގޫ އާންމު މައްސަލައަކަށް ވެފައިވާއިރު ފާމަސީން ބޭހެއް ގަނެލައިގެން ބޭނުން ކުރުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. ގޭހުގެ އުނގަދުލަކީ އަބަދު ކުރިމަތިވާ ކަމެއް ނޫންނަމަ އެންޓްއެސިޑް ނުވަތަ ބަނޑުގައި ހެދޭ އެސިޑްގެ ބާރު ދަށްކޮށްލުމަށް ހުންނަ ބޭސްތައް މިގޮތަށް ބޭނުން ކުރުމަކީ މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް ގޭހުގެ އުނދަގޫތައް ލުއިވުމެއްނެތި ދެމިގެން ދާނަމަ ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދުން ވަރަށް މުިހންމެވެ.

ކްރޮނިކް ގޭސްޓްރައިޓިސްއަށް ފަރުވާ ނުކުރެވިއްޖެެ ނަމަ އިތުރު މައްސަލަތަކާއި ނުރައްކާތަކާ ކުރިމަތިވުން ގާތެވެ. އޭގެ ތެރޭގައި ބަނޑުގެ އެތެރޭގެ ފަށަލައިގައި ފާރު ހެދުމާއި ލޭ އައުމާއި މައިދާގެ ކެންސަރު ޖެހުމަށް ވެސް މަގުފަހިވެދާނެ އެވެ.

ވީމާ ހަފުތާއަކަށް ވުރެން ގިނަ ދުވަހަށް ގޭހުގެ އުނދަގޫތައް ދެމިގެން ގޮސްފިނަމަ ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ. މީގެ އިތުރުން ގޭހުގެ އުނދަގޫވަނީ ވަކި ބޭހެއް ބޭނުން ކުރަން ފެށި ފަހުންކަން ފާހަގަ ކުރެވިއްޖެ ނަމަވެސް ޑަކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ. މީގެ އިތުރުން ހޮޑުގައި ލޭ ހުރެއްޖެނަމަ އަދި ބޮޑުކަމު ދިޔުމުގައި ވެސް ލޭ ހުރިކަން ނުވަތަ ކަޅުކުލަ ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން ބުއްދިވެރި އެވެ.

އެޑިޓަރުގެ ނޯޓް: އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.