ކޮލަމް

ކޮލަމް އޭޑީ: މަޖިލީހަށް ހޮވަންވީ ކޮންކަހަލަ މީހެއް؟

އަންނަ އޭޕްރީލް މަހު އޮންނަ މަޖިލިސް އިންތިހާބުގައި ދިވެހި ރައްޔިތުން ވަރަށް މުހިންމު ނިންމުމެއް ނިންމާނެ އެވެ. މިފަހަރު ހޮވަންޖެހިފައި މިއޮތީ ގައުމުގައި ތިމާގެ ނަފްސު ތަމްސީލު ކުރާނެ މީހެކެވެ. ދިވެހިންގެ ކޮންމެ 5000 އެއް ތަމްސީލް ކުރަން އެކެކެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވުމުގައި ގިނަ ދިވެހިންގެ ސިކުނޑި ބައްޓަންވެފައި ހުންނަނީ ހަމަ އެންމެ ކަމަކަށެވެ. އެމީހެއްގެ ޕާޓީ ކުލަ އެވެ. އޭގެ ކުރިޔަށްވެސް އަދި ފަހަތަށްވެސް ގިނަ ދިވެހިން ބަލާކަށް ބޭނުމެއް ނުވެއެވެ. އެމީހަކީ ކާކު ކަމާއި، ކިހިނެއް ކޮންތާކުން އައި މީހެއް ކަމާއި، ކީއްކުރާ މީހެއްކަމެއް އަދި އެމީހަކާބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހޯދާލުމެއް ވެސް ނޯވެ އެވެ. އެމިހާއަކީ ތިމާ ތަމްސީލު ކުރަން މަޖިލީހަށް ވަޑައިގަންނަވާނެ ފަރާތް ކަމާއި، އޭނާ ކުރާ ކޮންމެ ކަމެއްގައި ތިމާވެސް ޝާމިލްވާނެކަން ހަދާނެއް ނުހުރެ އެވެ. ޕާޓީ ރޫހުގައި މިކަން ނިމިގެން ދަނީ އެވެ.

ތާއިދު ކުރާ ޕާޓީއަކުން ދައްކާ މީހާއަކީ އެންމެ ރަނގަޅު މީހާ އެވެ. އެއަށްވުރެ ވަކި ގާބިލް މީހަކު ހުރި ކަމަކަށް އަދި ހުރެފާނެ ކަމަށް އެއްބަސްވާނެ ފޯމިއުލާއެއް ނޯވެ އެވެ. ކަންކަން ވާގޮތާއި ހިނގާ ގޮތާއި މަޖިލީހަށް ކުރިމަތިލަނީ ކޮން ބައެއްކަމާއި، ވާން އުޅެނީ ކިހިނެތް ކަން ވެސް ބަލާކަށް ބޭނުމެއް ނުވެއެވެ.

މަޖިލީހަށް މެމްބަރަކު ހޮވަނީ ސިޔާސީ ޕާޓީއެއް ތަމްސީލު ކުރާކަށް ނޫނެވެ. އެމީހަކު މަޖިލީހުގައި އިނދެ ކުރަން ޖެހެނީ އެ ޕާޓީއެއްގެ މަސައްކަތެއް ވެސް ނޫނެވެ. ގާނޫނު އަސާސީއާއި ގަވައިދުތަކުގައި ލިޔެފައިވާ އެއްޗެއް ދުރަށްލައި ހަގީގަތް އޮންނަނީ އޮޅުވާލާފަ އެވެ. އަދި ޕާޓީއާއި ޖެހުމުން ބައެއް މީހުންގެ ބުއްދީގައި ވެސް "ތަޅު" ލެވެ އެވެ.

މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ ދިވެހި ރައްޔިތުންގެ ބަސް އިއްވާށެވެ. އެއްމެނަށް އެތަނަށް ވަނުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ ކޮންމެ 5000 މީހެއްގެ ތަމްސީލް ކުރާނެ ބޭފުޅަކު ފޮނުވަނީ އެވެ. އެއީ ސިޔާސީ ޕާޓީގެ ބަހެއް އިއްވަން އެތަނަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނޫނެވެ. ސިޔާސީ ޕާޓީއެއްގެ ވިސްނުން ކުރިއަރުވާ އެ ވިސްނުމާއި އެއްގޮތަށް އަމަލު ކުރަންވެސް އިންތިހާބު ކުރާ ބޭފުޅެއް ވެސް ނޫނެވެ. އެއީ ގައުމާއި ރައްޔިތުންގެ ހައްގު އިސްކޮށް، ރައްޔިތުންނަށްޓަކައި ވަކާލާތު ކޮށްދެއްވާނެ ބޭފުޅަކަށް ވާންޖެހެވެ.

މަޖިލީހަށް ހޮވަންވީ، ގައުމާއި، ރައްޔިތުންގެ ހައްގަށް އިހުތިރާމް ކުރާ މުޖުތަމައުގެ ހައްގު އިސް ކުރާނެ މީހެކެވެ. މަޖިލީހަށް ހޮވަންވީ ސިޔާސީ އޮއިވަރަށް ނުގުޑާ، ރައްޔިތުންގެ މަތިން އަބަދުވެސް ހަދާން ހުންނަ މީހެކެވެ. އެމީހަކީ ރައްޔިތުންގެ ބަސް އަޑު އަހަން ކައިރިޔަށްދެވޭ މީހަކަށް ވާންޖެހޭނެ އެވެ. ހަމަޔަށް ވާސިލްވެވޭ ވަރުގެ ގާތް ގުޅުމެއް އޮންނަ މީހަކަށް ވާންޖެހޭނެ އެވެ.

ބޭނުމީ ބޮޑު ބަނދަރެކޭ ބުނުމުން މަޖިލީހުގެ ތެރެއިން އެމީހަކު ކުރަންޖެހޭ ކަމަކީ ލޮބީ ކުރުމުގެ މަސައްކަތެވެ. ރައްޔިތުންގެ ބަސް ސަރުކާރާ ހަމަޔަށް ގެންދިއުމުގެ މަސައްކަތެވެ. މަޖިލިސް މެމްބަރުގެ މަސައްކަތަކީ ރައްޔިތުންގެގެ ހުވަފެނުގައި ކުލަ ޖައްސައިދޭން ކުރަންޖެހޭ މަސައްކަތް ކުރުމެވެ.

މަޖިލީހަށް ހޮވަންވީ ގާބިލް އަދުލުވެރި މީހެކެވެ. ސިޔާސީ ޕާޓީއަށްވުރެ ބޮޑަށް ރައްޔިތުމީހާއަށް ޖަވާބުދާރީވާ، އަދި ޖަވާބުދާރީ ކުރެވޭ ވަރުގެ މީހެކެވެ. ޕާޓީގެ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް އެ ދާއިރާއެއްގެ ވިސްނުމާއެކު ކުރިޔަށް ދެވޭޭނެ ވަރުގެ ގާބިލިއްޔަތު ކަމަކާއި، ކެރުންތެރިކަމެއް ހުރި މީހަކަށް އެމީހަކު ވާންޖެހޭނެ އެވެ. ޕާޓީގެ ވެރިއަކީ ތިމާގެ ވެރިޔާ ނޫން ކަމާއި، ތިމާގެ ވެރިންނަކީ ރައްޔިތުންކަން ހަދަން ބަހައްޓާނެ މީހެކެވެ. އިސްލާމްދީނާއި، ގައުމިއްޔަތާއި ހިލާފު ކަމެއް މަޖިލީހުގެ ތެރެއިން ހިނގާ ކަމަށް ވާނަމަ އެކަމަށް ކެރިގެން ނޫނެކޭ ބުނެ، އެކަމާއި ބަސްބުނަން ކެރޭ މީހަކަށް އެމީހަކު ވާންވާނެ އެވެ. މުޅި މުޖުތަމައުގެ ތެރޭގައި ހުންނަ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަށް މަސައްކަތް ކުރާ މީހަކަށް އެމީހަކު ވާންޖެހޭނެއެވެ. ކަނޑައެޅިގެން ގައުމުގައި ކަމެއް ގޯހުން ހިނގާކަން އެނގިތިބެ އެކަމާއި ބަސްކިޔަން ނުކެރޭ މަންމަނަކު ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ނުވާނެ އެވެ.

ކުރިޔަށް މިއޮތީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމެވެ. މީގެ ކުރީގެ މަޖިލިސްތަކަށް އިންތިހާބު ކުރި ބީދައިން ޕާޓީތަކުގެ ވިސްނުމުން އެކަން ކުރުން ނިމުމަކަށް ގެންނާންވެއްޖެ އެވެ. އެ ވިސްނުމުން އެއްކިބާވެ ރައްޔިތުންގެ ބާރު ބޭނުން ކޮށް، އެސަގާފަތައް ނިމުމެއް ގެންނަން އެބަ ޖެހެއެވެ. ހޮވަންވީ ރައްޔިތުންގެ މީހާއެވެ. މީގެ މާނަ އަކީ ޕާޓީތަކުން ކުރިމަތިލާ ކެނޑިޑޭޓުން ނޮހުވާ ވާހަކައެއް ނޫނެވެ. ޕާޓީތަކުން ކުރިމަތިލާ ރައްޔިތުންގެ ކެނޑިޑޭޓް ހޮވާ ވާހަކައެވެ. ސިޔާސީ ޕާޓީއެއްގެ ޕަޕެޓަަކަށްވުރެ ބޮޑަށް ރައްޔިތުންގެ ހާދިމެއް އިންތިހާބު ކުރާ ވާހަކައެވެ. ގައުމު ދެކެ ލޯބިވާ ގައުމަށް ހެޔޮއެދޭ މީހުން ހޮވާ ވާހަކައެވެ. އެއިރުން މިފަހަރުގެ މަޖިލީސް ތަފާތުވެގެން ދާނެ އެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދިގެންދާނެ އެވެ. ކުރީގެ މަޖިލިސްތަކުގައި ހިންގާފައިވާ ހަޑި ހުތުރު އަަމަލުތައް ތަކުރާރު ނުވެ އެކަންކަން ދިވެހިން ހަދާން ނައްތާލާނެ އެވެ. މާގިނައިން އެކަން ތަކުރާރުވާން ވެއްޖެ ނަމަ ދިވެހިން އެއަށް ހޭނިދާނެ އެވެ. އޭރުން ގައުމާއި މެދު ކުރެވޭ އުމްމީދު ނެތިގެން ހިނގައިދާނެ އެވެ.