ކުޅިވަރު

މޮރާޓާ އެތުލެޓިކޯގައި، ސޮލާރީގެ ކޯޗް ސިމިއޯނޭ

އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ރުޅި އާއި ނަފުރަތު އެންމެ ބޮޑަށް އަމާޒު ވަނީ ރެއާލް މެޑްރިޑަށެވެ. މެޑްރިޑްގެ އުތުރު ސަރަހައްދަކީ، ރެއާލް ގެ ސަރަހައްދެވެ. ދެކުނު ސަރަހައްދު ނިސްބަތް ވަނީ އެތުލެޓިކޯ އަށެވެ، "ޓައްޔޭ ޑޭ ރެއާލް މެޑްރިޑް" ނުވަތަ ރެއާލް މެޑްރިޑްގެ މަގުގެ ނަމުގައި މަޝްހޫރު ވެފައިވާ މަގެއް އޮވެ އެވެ. ރެއާލް މެޑްރިޑްގެ މަގުގެ ނަމުން އެ މަގު މަޝްހޫރުވެފައި ވާތީ، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން އެ މަގަށް ކުނި އަޅައި ހަޑި ކުރެ އެވެ.

އެންމެ ކުރިއަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންނަކީ އެންމެ އާދައިގެ މަސައްކަތްތެރިންނާއި ކާރުހާނާތަކުގައި މަސައްކަތް ކުރާ ލޭބަރުންނެވެ. އެއާ ހިލާފަށް ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަކީ، މުއްސަނދިންނެވެ. މި ސަބަބަކީ ވެސް އެތުލެޓިކޯގެ ސަޕޯޓަރުން ރެއާލް މެޑްރިޑް ދެކެ ރުޅި އަންނަ އެއް ސަބަބެވެ.

އެ ދެ ކުލަބުގެ ވާދަވެރި ކަމުގެ ތެރެއިން، މިރެއަކީ ފޯރިގަދަ މެޗެކެވެ. ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބެރުނަބެއު ސްޓޭޑިއަމްގައި، ރާއްޖޭ ގަޑިން މިރޭ 8:15 ގެ މެޗަށް ކުރިމަތި ލާއިރު، ދެ ޓީމުގައި ޝައުގުވެރި ކަންތައްތަކެއް އެބަހުއްޓެވެ.

މޮރާޓާ އެތުލެޓީކޯގައި: އެތުލެޓިކޯގެ ފޯވަޑްލައިން މިހާރު ފިލް ކުރަމުން ދާ، އަލްވާރޯ މޮރާޓާއަކީ، ރެއާލް މެޑްރިޑްގެ އުފެއްދުމެކެވެ. އޭނާގެ ސީނިއާ ކެރިއާ ފެށީ ރެއާލުންނެވެ. ފަހުން، ޗެލްސީއަށް އޭނާ ވިއްކާލުމަށް ފަހު ދޮޅު އަހަރު ޗެލްސީގައި ހޭދަ ކުރުމަށް ފަހު، ޗެލްސީގެ ލޯން އެއްބަސްވުމުގެ ދަށުން އޭނާ ބަދަލުވީ އެތުލެޓިކޯއަށެވެ.

ކޯޓްއާ ރެއާލްގައި: ރެއާލް މެޑްރިޑްގެ މިހާރުގެ ގޯލްކީޕަރު ޓިބޯޓް ކޯޓްއާ، ވިދާލީ އެތުލެޓިކޯ މެޑްރިޑްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އެވެ. ބެލްޖިއަމްގެ ޖެންކުއަށް ކުޅެމުން ދަނިކޮށް ޗެލްސީން އޭނާގެ ސޮއި ހޯދި އެވެ. އެހެންނަމަވެސް ލޯން އެއްބަސްވުމުގެ ދަށުން އޭނާ ބަދަލުވީ އެތުލެޓިކޯއަށެވެ. އެތުލެޓިކޯއިން 2014 ވަނަ އަހަރު، ސްޕެނިޝް ލީގް ހޯދީ ކޯޓްއާގެ މުހިންމު ހިއްސާއާއެކު އެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގް ފައިނަލުގައި އެތުލެޓިކޯއިން ލީޑް ނަގާފައި ވަނިކޮށް، އެ ޓީމުގެ ހިތް ހަލާކު ކޮށްލީ މެޗުގެ އެންމެ ފަހު މިނެޓްގައި، ކޯޓްއާ ބަލަހައްޓަމުން ދިޔަ ގޯލަށް، ރެއާލްގެ މިހާރުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ވައްދާލި ގޯލުންނެވެ.

ދެ ޓީމުގެ ކޯޗުން: ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗް ސެންތިއާގޯ ސޮލާރީއަކީ، އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ދަރިވަރެކެވެ. ސޮލާރީ ވަނީ ސިމިއޯނޭގެ ކޯޗު ކަމުގެ ދަށުން އާޖެންޓީނާގެ ސެން ލޮރެންޒޯއަށް ކުޅެފަ އެވެ. އަދި ދެ ކޯޗުންވެސް ވަނީ އެކުގައި އާޖެންޓީނާގެ ޓީމަށް ކުޅެފަ އެވެ.

"އަހަންނަށް އޭނާ އެނގޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ،" ސޮލާރީއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސިމިއޯނޭ ބުންޏެވެ. "އޭނާގެ ކެރިއާގެ ފަހު ކޮޅުގައި އަހަންނަކީ އޭނާގެ ކޯޗު، އެ ދުވަސްވަރު އޭނާގެ ފަރާތުން ވަރަށް ބޮޑަށް އަހަރެމެންނަށް އެހީތެރިކަން ލިބުނު."

އާޖެންޓީނާ މީހުން ކަމަށްވާތީ، އަހަރެމެން ބައެއް ފަހަރު އެއްތަނަކުން ދިމާވާނެ، އަހަންނަށް ހީވަނީ އެ ވަޒީފާއަށް [ރެއާލްގެ ކޯޗު ކަމަށް] އޭނާ ވަރަށް ގާބިލުހެން، އޭނާ އެކަން ސާބިތު ކޮށްދީފި، އާޖެންޓީނާ މީހެއްގެ ހައިސިއްޔަތުން އަހަރެން އެކަމާ ވަރަށް އުފާވެސް ވޭ."

އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން، ސޮލާރީ ވަނީ ރެއާލް މެޑްރިޑާއެކު ފަސް މެޗުން މޮޅުވެފަ އެވެ. އަދި އޭނާ ވަނީ ރެއާލް ރަނގަޅު ފޯމަކަށް އަޅުވައި ދީފަ އެވެ. މިއީ ކޯޗެއްގެ ގޮތުގައި އޭނާގެ ކުރީގެ ކޯޗާ ދެކޮޅަށް ނިކުންނަ ފުރަތަމަ މެޗެވެ.

"އަހަރެން އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން، އަހަރެމެން އެކުގައި ކުޅުނިން، އަދި އޭނާ އަކީ އަހަރެންގެ ކޯޗެއްވެސް މެ،" ސިމިއޯނޭއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސޮލާރީ ބުންޏެވެ. "ޕްރޮފިޝަނަލް ލެވަލްގައި ކަންކަން ހިއްސާ ކުރުމަކީ އަހަރެން ކުރާހިތްވާ ކަމެއް، (މިއަދު)ގެ މެޗަކީ ވަރަށް ރަނގަޅު މެޗަކަށް ވާނެ، ވަރުގަދަ ކުރިމަތި ލުމަކަށް ދެ ޓީމުންވެސް ނިކުންނާނީ."