ދުނިޔެ

އިންތިހާބުގައި ވާދަކޮށް އަލުން ވެރިކަމަށް އަންނާނަން: ރާޖަޕަކްސަ

Jul 2, 2015

އަންނަ އޮގަސްޓް މަހު ސްރީ ލަންކާގައި ބާއްވާ އާއްމު އިންތިހާބުގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިއްޔެ އިއުލާންކުރައްވައިފި އެވެ.

މިދިޔަ ޖެނުއަރީ 8 ގައި ބޭއްވި އަވަސް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހު ރާޖަޕަކްސަ ވަނީ ދުވަސްކޮޅަކަށް ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ.

ރާޖަޕަކްސަގެ އުފަން ރަށް، މެޑަމުލާނާގައި ބޭއްވި އާއްމު އެއްވުމެއްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެދުމަށް ފުރަގަސް ދެއްވަން ބޭނުންފުޅު ނުވާތީ އެވެ. އެހެންވެ، އިންތިހާބުގައި އިދިކޮޅު ކޯލިޝަނެއް ލީޑުކުރައްވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ވީހާ ވެސް ގިނަ ސިޔާސީ ލީޑަރުން އެ މަނިކުފާނާ ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ.

"ދެން އުފައްދާ ސަރުކާރަކީ އަހަރެމެންގެ ސަރުކާރަކަށް ހަދާނަން،" ރާޖަޕަކްސަ ވިދާޅުވި އެވެ.

ރާޖަޕަކްސަ އިންތިހާބުގައި ވާދަކުރެއްވުމާ ދެކޮޅަށް އެ މަނިކުފާނުގެ ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އާ ސަރުކާރުން ލަންކާ އަށް ގެންނަން އުޅޭ ސިޔާސީ އިސްލާހީ ބަދަލުތަކަށް އޭގެ ސަބަބުން ހުރަސް އެޅޭނެ ކަމަށާއި މިދިޔަ ދުވަސްތަކުގައި ވެސް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެކަން ފެނިފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ޝަކުވާ އަކީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ފަހުކޮޅު ހިންގާފައިވާ ކަމަށް ބުނާ ލާއިންސާނީ އަމަލުތަކެވެ. އޭރު ވެރިކަމުގައި ހުންނެވީ ރާޖަޕަކްސަ އެވެ.

އަވަސް އާއްމު އިންތިހާބަކަށް މަގުފަހި ކުރުމަށް، ރައީސް ސިރިސޭނާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލައްވާފަ އެވެ. އަދި އަވަސް އިންތިހާބު އޮގަސްޓް 17 ގައި ބާއްވަން ވަނީ ނިންމާފަ އެވެ.