ބޭރު ކުޅިވަރު

އިންގްލެންޑް ބަލިކޮށް ޖަޕާން ފައިނަލަށް

މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑްގެ ޑިފެންޑަރު ލޯރާ ބެސެޓް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިއަދު އިންގްލެންޑް އަތުން 2-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޖަޕާން ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ކެނެޑާގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގެ 32 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަޕާނަށް ލީޑު ހޯދައިދިނީ އަޔާ މިޔާމާ އެވެ. އެކަމަކު އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ފަރާ ވިލިއަމްސް ވަނީ މެޗުގެ 40 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލް އިން ފުރަތަމަ ފަހަރަށް ވާދަކުރުމަށް އިންގްލެންޑް އިން ކުރަމުންދިޔަ އުންމީދުތައް ފެނަށް ދިޔައީ މެޗުގެ އިތުރު ވަގުތުގައި ލޯރާ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ފައިނަލްގައި ޖަޕާންއާ ދެކޮޅަށް އާދިއްތަ ދުވަހު ނުކުންނާނީ އެމެރިކާ އެވެ. ޖަޕާން 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުުކުރީ ފައިނަލްގައި އެމެރިކާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް އިން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އިންގްލެންޑްގެ ޓީމަށް ގިނަ ބައެއްގެ ތައުރީފް މި މުބާރާތުގައި ލިބުނެވެ. މެޗުގެ ދެވަނަ ހާފުގައި ރަނގަޅު ދެ ތިން ފުރުސަތެއް ލިބުނު އިންގްލެންޑް އަށް ފައިނަލްގެ ފުރުސަތު މި ގެއްލުނީ ހިތްދަތި ގޮތަކަށެވެ.

ހޮނިހިރު ދުވަހު ކުޅޭ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ ޖަރުމަނެވެ.