ވާދަވެރި އެތުލެޓިކޯ މެޑްރިޑް، 3-1 ން ބަލި ކުރުމަށް ފަހު ސްޕެނިޝް ލީގްގެ ތާވަލުގެ ދެ ވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ވަންޑާ މެޓްރޯޕޮލިޓާނޯ ގައި ކުޅުނު މެޗު ފެނިގެން ދިޔައީ، ވެރިރަށް މެޑްރިޑްގެ ދެ ކުލަބުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ވާދަވެރި ކަމެވެ. މެޗު ފަށައިގެން އެތުލެޓިކޯ މެޑްރިޑުން ކުރީކޮޅު ރެއާލް މެޑްރިޑްގެ ގޯލަށް ބާރު ބޮޑުކޮށް، އަމިއްލަ ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމް ކައްކުވާލި އެވެ.
މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު، 16 ވަނަ މިނެޓްގައި ކާލޯސް ކަސެމީރޯ ކާމިޔާބު ކުރީ، ރެއާލުން ނެގި ކޯނަރެއްގައި ތަނަވަސްވި ބޯޅަ، ބައިސްކަލް ކިކަކުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ލީޑް ނަގައިގެން، ރެއާލްއަށް މާގިނައިރަކު ނޯވެވުނެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން، އެންޓްއާން ގްރީޒްމަން ވަނީ، ރެއާލްގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އެތުލެޓިކޯގެ ހާފުގެ ތެރެއިން، ޒުވާން ފޯވަޑް ވިނީޝިއުސް ޖޫނިއާ ހޯދަން މަސައްކަތް ކުރި ބޯޅަ، އޭނާއަށް ވުރެ ކުރިން ހޯދައި އޭންހަލް ކޮރެއާ ވަނީ، ރެއާލްގެ ޑިފެންސްލައިނާ އެއް ހަމައެއްގައި ހުރި، ގްރީޒްމަން އަށް ލިބޭ ގޮތަށް ބޯޅަ ތަނަވަސް ކޮށްދީފަ އެވެ. ގްރީޒްމަން ވަނީ އޭނާގެ ސްޕީޑް ބޭނުންކޮށްގެން ބޯޅަ ހޯދައި ރެއާލްގެ އޭރިއާ ތެރެއަށް ވަދެ، ކީޕަރު ޓީބޯޓް ކޯޓްއާއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލަފަ އެވެ.
ރެއާލްގެ ދެ ވަނަ ލަނޑަކީ، ސުވާލު އުފެދުނު ޕެނަލްޓީ އަކުން، ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ލަނޑެކެވެ. އެތުލެޓިކޯގެ އޭރިއާގެ ބޭރުން ބޯޅަހިފައިގެން ވިނީޝިއުސް އޭރިއާއަށް ވަންނަން އުޅުމުގެ ތެރޭގައި، އޭރިއާގެ ބޭރުން ޑިފެންޑަރު ހޯޒޭ ހިމެނޭޒް ވިނިޝިއުސްއަށް ފައުލު ކުރި އެވެ. އޭނާ ވެއްޓުނީ ޕެނަލްޓީ އޭރިއާ ތެރެއަށެވެ. ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. އެތުލެޓިކޯ ކުޅުންތެރިން އެޕީލް ކުރުމުން، ވީއޭއާރު މެދުވެރިކޮށް ރެފްރީ ބެލި އެވެ.
ވީއޭއާރުން ފެންނަ ގޮތުގައި، ފުރަތަމަ ފައުލު ކުރީ، އޭރިއާ ބޭރުންނެވެ. އެހެންނަމަވެސް، އޭރިއާ ތެރެއިންވެސް، ޓަޗު ވެފައިވާކަން ދައްކަ އެވެ. ރެފްރީ ދެއްކީ، ޕެނަލްޓީި އެއް ކަމަށެވެ.
ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ގެރެތު ބޭލް އެވެ. އޭނާ ޖެހި ލަނޑަކީ، ރެއާލް މެޑްރިޑް ޖޯޒީގައި އޭނާ ޖެހި 100 ވަނަ ލަނޑެވެ. މެޗުގައި ދެ ވަނަ ރީނދޫ ކާޑަކާއެކު އެތުލެޓިކޯގެ ތޯމަސް ޕާޓޭއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.
ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ ފަސް ޕޮއިންޓް ފަރަގެވެ. މިރޭ އެތުލެޓިކް ކުލަބު ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ބާސާއަށް ލީޑް ފުޅާ ކުރެވޭނެ އެވެ. ރޭ ގެ މެޗުން ބަލިވުމުން އެތުލެޓިކޯ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ.