ހަބަރު

މައުމޫންގެ ޕާޓީ އުފައްދަން އީސީއަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދެވުމަށް ނިންމަވާފައިވާ މޯލްޑިވްސް ރިފޯމް ޕާޓީ (އެމްއާރްއެމް) އުފެއްދުވުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފި އެވެ.

އެމްއާރްއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް މައުމޫން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އެމްއާރްއެމްގެ ފަރާތުން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަން އިން އެ ހުށަހެޅުން ބަލައިގަތް ކަމުގެ ލިޔުން ވެސް އެމްއާރްއެމް އިން ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

އެމްއާރްއެމް އިން ކުރި ޓްވީޓު

މަައުމޫން ރިފޯމް މޫވްމަންޓުގެ ގޮތުގައި ހިންގަމުން އައި އެމްއާރްއެމް، މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ބަދަލުކޮށް ސިޔާސީ ޕާޓީއެއް ގޮތުގައި ހަދަން ނިންމެވީ މިދިޔަ މަހުގަ އެވެ. ރައީސް މައުމޫން އެކަން އިއުލާން ކުރެއްވީ ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އެ ކޮންގްރެސް ސައްހަ ކަމަށް ހުކުމް ކުރުމާ ގުޅިގެނެވެ. އެއަށް ފަހު ޕީޕީއެމްގެ މިލްކުވެރިކަަމާ ބެހޭ މައްސަލަަ ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މައުމޫން އާ ސިޔާސީ ޕާޓީއެއް އުފައްދަވާއިރު މިއީ އެމަނިކުފާނު އުފައްދަވާ ތިންވަނަ ޕާޓީ އެވެ. މީގެ ކުރިން ޑީއާރްޕީ އާއި ޕީޕީއެމްއަކީ ވެސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި ދެ ޕާޓީ އެވެ. ޑީއާރްޕީގައި މައްސަލަ ޖެހިގެން ޕީޕީއެމް އުފެއްދެވިއިރު ޕީޕީއެމްއިން އެމަނިކުފާނު ވަނީ ވަކިކޮށްފަ އެވެ.