ބޭރު ކުޅިވަރު

ނެދަލޭންޑްސްގެ ކޯޗަކަށް ބްލިންޑް ހަމަޖައްސައިފި

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗަކަށް ޑެނީ ބްލިންޑް ހަމަޖައްސައިފި އެވެ.

ނެދަލޭންޑްސް ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރި ބްލިންޑް ކޯޗަކަށް ހަމަޖެއްސީ ގުސް ހިޑިންކް ކޯޗުގެ މަގާމުން ވަކިވުމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ނެދަލޭންްޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޑޭލީ ބްލިންޑްގެ ބައްޕަ ބްލިންޑް ވަނީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުރިން ކުޅެފަ އެވެ. މީގެ އިތުރުން އަޔަކްސް އާޢި ސްޕާޓާ ރޮޓެޑާމް އަށް ކުޅެ، ބްލިންޑް ވަނީ އަޔަކްސް އަށް ކޯޗުކޮށްދީފަ އެވެ.

ނެދަލޭންޑްސްގެ ކޯޗުކަމުގެ މަގާމުގައި ދިހަ މަސް ދުވަސް ހޭދަކުރުމަށް ފަހު، ހިޑިންކް މަގާމުން ދުރުވީ ޔޫރޯ ކޮލިފައިންގައި ނެދަލޭންޑްސްގެ ނަތީޖާތައް ދަށްވުމުންނެވެ. ޔޫރޯ ކޮލިފައިންގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، ހަތަރު މޮޅާއެކު ނެދަލޭންޑްސް އޮތީ އެ ޓީމު ހިމެނޭ ގުރޫޕްގެ ތިން ވަނައިގަ އެވެ. 

ނެދަލޭންޑްސް އިން ޔޫރޯ ކޮލިފައިންގައި ނެރިފައިވާ ނަތީޖާތަކާ ގުޅިގެން ހިޑިންކް ވަނީ ފަހުން މާފަށް އެދިފަ އެވެ.