(7 ފެބްރުއަރީ 2019 އާ ގުޅޭ)
"އެންމެރަނގަޅު... ރޭގަނޑުގެ ކެއުމަށްފަހު ދާންވާނީ، މެންދަންވުމުގެ ކުރީން ރައުލްއާއެކު ދަރިފުޅު ވެސް ހުންނަން ޖެހޭނީ މިގޭގައި" މީކާޢިލް ބުންޏެވެ. ތުންފިއްތާލައިގެން ހުރި އީޝަލް ހިނިތުންވެލިއެވެ. ރައުލް ދުށުމަށް ޓަކައި އޭނާގެ ހިތް ތެޅިފޮޅިގަތެވެ. ރައުލް ގާތަށް ދެވެންކަން މިއުޅެނީ ޔަގީންވުމުން ވަކިން އީޝަލްގެ ކެތްތެރިކަން ކުޑަވެފައިވިއެވެ.
މީކާޢިލްއާއި ޒިޔަޒެލް ދައްކަން ހުރި ވާހަކަތައް ދައްކައި ނިމުމުން އީޝަލް އެނބުރި ދިޔައީ ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބިފައި ހުރެއެވެ. ޒިޔަޒެލްއާ ބައްދަލުކުރަން ގޭ ދޮށަށް ޖިންނީން ޖަމާވެފައި ތިބުމުން އޭނާ އެމީހުންނާ ބައްދަލުކުރަން ނުކުތެވެ. އެތަނުގައި ދެންތިބީ މިޒަރެންނާއި ލުގަލްބަންދާއެވެ. މީކާޢިލް އިޝާރާތްކުރީ އޭނާއާއެކު އެ ދެ މީހުން އައުމަށެވެ. އެ ތިންމީހުން އައިސް ވަނީ ޒިޔަޒެލްގެ ކުތުބު ޚާނާއަށެވެ.
* * * * *
ރަށުތެރެއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. ރަށުގައި ދިރިއުޅޭ މޫމިން ޖިންނީން ގިނައެވެ. އެ މީހުންނަށް ނުކިޔަމަންތެރިވާން ކެރޭވަރު ޖިންނިއެއް ރަށުގައި ނޫޅެއެވެ. އެމީހުންގެ އިމާމަކީ ޒިޔަޒެލްއެވެ. ނަމަވެސް ކައިރީ ރަށްތަކުގެ ކަންތައްތަކާއި ޒިޔަޒެލް ބެހިއެއް ނުހަދައެވެ. އަދި އޭނާގެ ޖަމާޢަތުން ވެސް ކައިރީ އޮންނަ ރަށްތަކުގައި ހިނގާ ކަންކަމަށް ނުފޫޒުފޯރުވާ ނުހަދައެވެ. ރަށަށް ގާތްކުރާ ޖިންނީންގެ ފަރާތުން ނުރައްކަލެއްނެތްނަމަ އެބައިމީހުންގެ ބޭނުން ފުދި އެނބުރިދަންދެން ރަށުގައި ތިބުމުގެ ހުއްދަ އަންނަނީ ދެމުންނެވެ.
ރަށުގެ ބޮޑު ތުނޑިއަށް ފައިބަން އޮންނަ ދިމާ އަތިރިމަތީގައި ޖަހާފައި ހުރި އަލިފާންގަނޑުން ހިސާބުގައި ހޫނުކަމެއް ހަރުލާފައި ހުއްޓެވެ. ދޭތެރެއަކުން ގިނި އަދައިގަނެ ކަނިތައް ބުރައިގެންދާތަން ފެނެއެވެ. އަލިފާންގަނޑުގެ ހޫނުކަމުގެ އަސަރު އޭގެ ވަށައިގެން ތިބި ޒުވާނުންނަށް ނުކުރާ ކަހަލައެވެ. އެ މީހުންގެ ތެރެއިން ހުނުމުގެ އަޑު އިވިއިވި ހުއްޓެވެ. މޫދުގެ އޮއި ބަދަލުވެފައިވާއިރު ރެދަން ކެނޑެމުންދިޔައެވެ. އިސްކޮޅުން ދިގު ޒުވާނަކު މޫދުން އަރައިގެން އައިއިރު އޭނާގެ ގައިން ވެސް ރެދަން އަލި ފާޅުވަމުންދިޔައެވެ. އެލުވާލައިގެން ހުރި ދެއަތުގައި ވަނީ ރޯމަހެވެ. ދިރުންހުރި އެ މަސްތައް އޭރު ވެސް އޭނާގެ އަތުގެ ތެރޭގައި ތެޅިތެޅި އޮތެވެ. އާދައިގެ ގޮތަކަށް އައިސް އޭނާ މަޑުކޮށްލީ އަލިފާންގަނޑު ކައިރީ އަޅާފައި އޮތް ފަންގަނޑު ކައިރީގައެވެ. އަތުގައި ހުރި މަސްތައް އެ ފަންގަނޑުގެ މައްޗަށް އަޅާލުމާއެކު އޭގެ ކައިރީ އޭނާ އުޑުފައިން އިށީނެވެ. އަދި ދެއަތުން މަސްތައް ސާފުކުރަން ފެށިއެވެ. އަދި ތައްޔާރުކޮށްފައި ހުރި ފަންތޮށީގެ އޫތަކަށް މަސްތައް އަމުނާލިއެވެ. މަސްތަކަށްވުރެ އެންމެން ތިބީ އޭގެ ބިހާއި ކަށިފައްޗަށް ދަހިވެފައެވެ. ރޯފިލުވުމުގެ ކުރީން ވެސް އޭގެ ރަހަ އެތަނުން ބައެއް ޒުވާނުން ބެލިއެވެ. އެ އެންމެންގެ މަޖަލުގައި ބައިވެރިނުވެ އެހެންނަމަވެސް އެމީހުންގެ ކުޅިވަރު ބަލަން ދުރުގައި ރައުލް ހުއްޓެވެ. އެ މީހުންގެ ރޭގަނޑުގެ ކެއުން ކުރިއަށް ދަނީއެވެ. އެންމެންގެ ސަމާލުކަން ކެއުމަށް ދެވިފައިވީ ވަގުތު ރައުލްގެ ވިސްނުން ހުރީ އެހެންކަމަކަށެވެ. ރައުލް ހޯދަން އެ މީހުން އުޅުމުގެ ކުރީން އޭނާ މިސްރާބު ޖެހީ ރަށުތެރެއަށެވެ. އީޝަލް އުޅޭ ގެއާ ދިމާއަށް ދިއުމަށެވެ.
* * * * *
ޒިޔަޒެލްގެ ގާތުގައި ހުރި މީކާޢިލް ފެންނަނީ ކަމަކާ ގަޔާނުވެފައި ހުރި ހެންނެވެ. ރޭގަނޑުގެ ކެއުން ނިންމާ ސުފުރާ މަތި އީޝަލް ސާފުކޮށް އެނބުރި ބަދިގެއަށް ދިޔައެވެ. ޒިޔަޒެލް ވާހަކަދައްކަންފެށީ އޭނާގެ އަޑު އިވޭ ހިސާބުގައި އީޝަލްނެތްކަން އެނގުމުން ދެނެވެ.
"ބޮޑުވެފައި ހުރި އަންހެން ދަރިފުޅަށް ފާރަލާންތަ މީކާޢިލް ބޭނުންވަނީ" ޒިޔަޒެލް ބުންޏެވެ.
"ދެން އޭނާ އެކަނި އެމީހުންގެ ތެރެއަށް ދާން ފޮނުވާލަންވީތަ؟" މީކާޢިލްގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.
"މީކާޢިލް... ކޮންފާޑަކަށްތަ ތިއުޅެނީ، ލޯބިވެރީން ބައްދަލުވާ ވަގުތު އެ މީހުންގެ ތެރެއަށް ފާވާންތަ ގަސްދުތިކުރަނީ، ބުނަން... އެއީ އަހަންނަށް އެއްވެސް ވަރަކަށް ކަމުދާ ކަމެއްނޫން، އެފަދަ ހުތުރު ޢަމަލެއް ނުކުރާތި، ރައުލް އޭނާގެ ބަހުގައި ހިފަހައްޓާނެ، އޭނާ އީޝަލް ބޭނުންވަނީ އަހަރެމެންގެ ރުހުމުގައި، އެކުއްޖާފުޅު ލަދުގަންނާނޭވަރުކަމެއް ކުރާން އުޅޭނެކަމެއްނެތް، ތި ޚިޔާލު ވެސް ކަލޭ ދޫކޮށްލާ، މިހާރު އީޝަލް އެ ތައްޔާރުވަނީ ދާން، އޭނާއަށް ފާރަލާން މީކާޢިލް ގޮސްގެން ނުވާނެ" ޒިޔަޒެލްގެ ނިންމުން އިއްވާލިއެވެ. އިތުރަށް މީކާޢިލް ބަހެއް ނުބުންޏެވެ.
"އެހެންވީރު އަހަރެން މިދަނީ ބޭރަށް، އީޝަލް ނުކުމެގެންދާތަން ދުށުމަށް މަޑުކޮށްފިއްޔާ އަނެއްކާ ވެސް ބުނެވޭނީ ގޯސް އެއްޗެއް" މީކާޢިލް ބުންޏެވެ. ޒިޔަޒެލް އޭނާއެއް ނުހުއްޓުވިއެވެ. މީކާޢިލް މައިގެއިން ނުކުމެ މައްޗަށް އަރައިގެން ދިޔަކަން ޒިޔަޒެލްއަށް އެނގުނެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. އަދި މަޑުމަޑުން އައިސް ގޯތިތެރެއަށް ނުކުތެވެ. މައިދޮރު ފެންނާނޭހެން ބަހައްޓާފައި ހުރި ސަރަންފީއެއްގައި ޒިޔަޒެލް އޮށޯވެލިއެވެ. މަތީގައި އޮތް އުޑަށް އޭނާ ނަޒަރު ހުއްޓާލައިގެން އޮތީ ކޮންމެވެސް ފިކުރެއްގައެވެ.
"ޒިޔަޒެލް..." އީޝަލް ނުކުންނަން އައިއިރު ގޯތިތެރޭގައި އިން ޒިޔަޒެލް ފެނުމުން އޭނާ ހުއްޓުނެވެ.
"ބައްޕަގެ ވާހަކަތައް ހަނދާން އެބަހުރި ދޯ... ދޭ... ގޮސްފައި ވަގުތަށް އަންނަން ކޮންމެހެން ވެސް ހަނދާންކުރާތި" ޒިޔަޒެލް ބުންޏެވެ. އޭރު ބޭރުގޭ ދޮރުމަތީ ލުގަލްބަންދާ ބަލަން އޮތެވެ. އީޝަލް ނުކުންނަން ހިނގައިގަތުމުން އަނެއްކާ ވެސް ޒިޔަޒެލް ގޮވާލިއެވެ. އަދި އޭނާ އީޝަލް ގޮވައިގެން ގޭތެރެއަށް ވަނެވެ. އީޝަލް ގާތު މަޑުކުރުމަށް ބުނެފައި ނިކަން އަވަހަށް އެތެރެއަށް ވަދެގެން ދިޔަ ޒިޔަޒެލް އެނބުރި އައިއިރު އޭނާގެ އަތުގައި ފަތްޖަހާފައި އޮތް ފޮތިގަނޑެއް އޮތެވެ.
"އީޝަލް، މީގެ ފަހުން ބޭރަށް ނުކުންނާނީ ފޮތިގަނޑަކުން ބޯނިވާކޮށްގެން އިނގޭ، ޅަފުރާ ހިނގައްޖެ، މިހާރު ތީ ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރުވެފައި ހުރި ފުރިހަމަ އަންހެނެއް، ބަލްޤިސްއާއި ބަހީރާމެން ފަދައިން އީޝަލް ވެސް ދެން އުޅޭނީ ބޯނިވާކޮށްގެން" ޒިޔަޒެލް ބުންޏެވެ. އޭނާގެ އަތުގައި އޮތް ފޮތިގަނޑު ނިއުޅާލައި އީޝަލްގެ ގާތުގައި އިސްތަށިގަނޑުން ހުޅިއެއް ޖެހުމެއް ބުންޏެވެ. އަދި އެފަދައިން އީޝަލް ކަންތައް ކުރުމުން އޭނާގެ ބޮލާއި ކަރުދޮށް ނިވާވާނޭހެން ފޮތިގަނޑު އޮޅާލިއެވެ. އަދި އޭގެ ބައެއް ފަހަތުންނާއި ކުރިމަތިން އެލިފައި އޮތެވެ. އެގޮތުގައި ނުކުމެގެން ދިއުމުގެ ހުއްދަ ޒިޔަޒެލް ދިނެވެ.
ގެއިން ނުކުތްއިރު އީޝަލްއަށް ދާންވީ ކޮންތާކަށްކަން ކަނޑައެޅިގެން އެނގެއެވެ. އެހެންވެ މަޑުކުރުމެއްނެތި އޭނާ ދުއްވައިގަތެވެ. އެ ރަށުގެ ހުރިހާ ދިމާއެއް އޭނާ ހިތުދަސްވެފައި ވެއެވެ. ހަލުވިކަމާއެކު އައިއިރު އޭނާ އަނދިރީގެ ތެރޭގައި ފެނި ގެއްލެމުންދިޔައެވެ. ކުއްލިއަކަށް އީޝްލް ހުއްޓުނީ ދުރުނޫން ހިސާބެއްގައި ދިމާ ކުރިމަތިން މަޑުކޮށްލައިގެން ހުރި ޖިންނިއެއް ފެނިގެންނެވެ.
"ރައުލް" އީޝަލް ގޮވާލިއެވެ. އަދި އޭނާއަށް ކުރިއަށް ޖެހިނުލެވެނީސް ފެނުނީ ރައުލް އައިސް އީޝަލްގެ ކުރިމަތީގައި ހުރި ތަނެވެ. އަނދިރީގެ ތެރެއިން ފާޅުވެގެންދިޔައީ ދިއްލިފައި ހުރި ފެހި ދޮލަލާއި އެ ދެ ލޮލަށް އަމާޒުކޮށްލައިގެން ހުރި ވިލުނޫކުލައިގެ ދެ ލޮލެވެ.
"އީޝަލް... ތި އައީ އަހަރެންގެ ހިތް އެނގިގެންތަ؟... މިރޭ އީޝަލްއާ ބައްދަލުކުރާހިތުން އަހަރެން މިހުރެގެން މޮޔަވަނީ" އީޝަލްގެ ނޭވާ އިޙްސާސްވާހާ ގާތަށް ޖެހިލައި އޭނާގެ ނިތްކުރީގައި ނިތް ޖައްސަލައިގެން ހުރެ ރައުލް ބުނެލިއެވެ. އޭރު އީޝަލްގެ ދެއަތްތިލަ ރައުލްގެ އަތްތިލައާ ގުޅިލާމެހިއްޖެއެވެ.
"ރައުލް... ރައުލް..." އީޝަލްއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. ރައުލްއާ ބައްދަލުވުމުން ލިބުނު އުފަލާއެކު އޭނާގެ ނަފްސު ހަމައަކަށް އަޅުވަން ވަގުތުކޮޅެއް ބޭނުންވިއެވެ. އީޝަލްގެ ކޯތާފަތުގައި ރައުލް ފިރުމާލީ ނުހަނު ލޯބިންނެވެ.
"ތި އައީ... ތި އައީ ފިލައިގެންތަ؟" ރައުލްގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން އަހާލެވުނީ ހާސްވެފައި ހުރެއެވެ. އެއާއެކު އީޝަލް ދެފަރާތަށް ބޯހޫރާލިއެވެ.
"އަހަރެން ހިތްފުރެންދެން ރައުލްއަށް ބަލާލަންތަ" އީޝަލް ބުނެލިއެވެ. ލުއި ހީނލުމަކާއެކު ރައުލް ބޯޖަހާލިއެވެ.
"އާދޭ އަހަންނާއެކު" އީޝަލްގެ ކަނާއަތުގައި ރައުލް ހިފައިގެން ހުރެ ކުރިއަށް ދަމާލިއެވެ.
ތުނޑި ފެންނަންވީރު އެ ތަނުގައި އުޅޭ ރައުލްގެ ބައިވެރިން އީޝަލްއަށް ފެނިއްޖެއެވެ. ފިޔަވަޅު މަޑުޖައްސާލުމާއެކު ރައުލްގެ މުލައްދަނޑީގައި ވައަތުން ހިފައިލައި އޭނާ ވެސް އީޝަލް ހުއްޓުވިއެވެ. އަދި ރައުލް ގާތުން ދެ މީހުން އެކަހެރިކޮށް ބައްދަލުކޮށްލާނޭ މަންޒިލެއް ހޯދުމަށް އީޝަލް އެދުނެވެ.
"މިރޭ އީޝަލްއާއެކު އެކަހެރިވާނޭ ހިތްވަރެއް އަހަރެންގެ ނެތް، އެހާ ކެތްތެރިކަމެއްނެތް... އެހެންވެ މިތަނަށް މިއައީ، އަހަރެންގެ ބަހުގައި ދެމިހުންނަން ބޭނުން، އެކަމަކު މި ހަށިގަނޑަށް ކެތްވާވަރުކަމަކަށްނުވޭ، އަހަރެން އީޝަލް ހޯދަން ތި ގޭ ދޮށަށް މިރޭ ދިޔައީން... މީކާޢިލްގެ ހިލަންވުމުން ކައިރިވާން ނުކެރުނީ، މީކާޢިލް ނުކުމެގެން ދިޔަތަން އަހަރެން ދުށީން، އަނެއްކާ އީޝަލް ނެތިގެން ނުހޯދާނެތަ؟ ކީއްވެ ފޮތިގަނޑެއް ބޮލުގައި އޮޅައިގެން ތި ހުރީ... ހީވަނީ ކަމަކަށް ފިލަން އުޅޭހެން، އަހަންނަށް އީޝަލްގެ އިސްތަށިގަނޑު ނިއުޅާލާފައި އޮންނައިރު މާ ކަމުދޭ" ރައުލް ވާހަކަދެއްކިއެވެ.
"މީ އަހަރެން ދެން ހުންނާނޭގޮތް، އަހަރެންގެ ޅަފުރާ ހިނގައްޖެކަމުގައި ޒިޔަޒެލް ބުނީ، މީ އަހަރެމެންގެ ތެރެއިން އަންހެނުން ތިބޭގޮތް... ރައުލް... އަހަރެން އެބަހުރި ރައުލްއާ ދައްކަންވެފައި ހުރި ވާހަކަތަކެއް" އީޝަލް ބުންޏެވެ.
"އަހަރެން ވެސް ދައްކަން ބޭނުންވެފައި ހުރި ވާހަކަތަކެއް އެބަހުރި، މިތަނުން ތަނެއްގައި ހަމަޖެހިލަމާ" ރައުލް ޚިޔާލުފާޅުކުރިއެވެ. އީޝަލް ބޯޖަހާލީއެވެ. ދެ މީހުން އެކުގައި ހިނގައިގަތް ވަގުތު އެ މީހުންގެ ކުރިމައްޗަށް ރާވިން ފާޅުވިއެވެ.
"މި ފެންނަނީ ކޮންކަހަލަ މަންޒަރެއް؟" ހިނިއައިސްފައި ހުރި ރާވިން ބުންޏެވެ.
"ރާވިން..." ރައުލް އެއްޗެއް ބުނަން އުޅުނެއްކަމަކު އޭނާއަށްވުރެ ކުރީން އަނެއްކާ ވެސް ރާވިން ވާހަކަދެއްކިއެވެ.
"ތިހެން އެއްގޮތަކަށް ވެސް ކަމަކުނުދާނެ... އަހަރެމެންނާއެކު ކެއުމުގައި އީޝަލް ވެސް ވާނެ ބައިވެރިވާން، ރައުލް ދަޢުވަތެއްނުދޭ ދޯ، އަހަންނަށް ހީވިއޭ އޭނާ ނުދޭނޭހެން، އަހަރެމެންނާ އީޝަލްއާ ގުޅުން ބަދަހިވެދާނޭތީ އެ އުޅެނީ... ހިނގާބަލަ، ތިއައީ ހާދަ ދުވަހެއް ފަހުންނޭ، އީޝަލްއާ ބައްދަލުކުރާހިތުން ހުރި ކުއްޖަކު އެބަހުރި" ރައުލް ހުރި ފަރާތް ނޫން އަނެއްފަރާތުން ރާވިން އައިސް އީޝަލްގެ އަތަށް ދަމާލިއެވެ. ހަމައެހިނދު އޭނާގެ އަތް ރައުލް ފޮޅުވާލައިފިއެވެ. އަދި އީޝަލްއާ ވާހަކަދެއްކި ނަމަވެސް އޭނާގެ ގައިގާ އަތްނުލުމަށް ރައުލް ބުންޏެވެ. ބާރުހިނިގަނޑެއް ރާވިން ޖަހާލައި އީޝަލްއާ ދުރަށް ޖެހިލިއެވެ.
އެންމެންގެ ތެރެއަށް ރައުލްއާއެކު އީޝަލް އައެވެ. ސޭމެސް ނޫނީ ދެން ތިބި އެންމެން އީޝަލްއަށް ގޮވާލިއެވެ. ސޭމެސް ހަމައެކަނި ބޮލުން ކޮށްލީ އިޝާރާތެކެވެ. އެ މީހުންގެ ތެރެއިން ކުރިން ނުދެކޭ އަންހެންކުއްޖަކު އިނީތީ އީޝަލްއަށް އެކަން ފާހަގަވިއެވެ. ރާވިން ގޮސް އޭނާގެ ގާތުގައި އިށީން ގޮތުން އެ ދެމެދުގައި އޮތް ގާތްކަން ނަގައިގަންނަން އީޝަލްއަށް އުނދަގުލެއްނުވިއެވެ.
"އަހަރެންނަށް ކިޔަނީ ޔާފިއާ، އީޝަލްގެ ވާހަކަތައް އެންމެންގެ ފަރާތުން އޮތީ އަޑުއިވިފައި، އެނބުރި ދިއުމުގެ ކުރީން ބައްދަލުކޮށްލާ ހިތުން ހުރީ، އެކަން ވެސް ވެއްޖެ" ޔާފިއާ ހީނލިއެވެ. ބަދަލުގައި އީޝަލް ވެސް ހިނިތުންވެލިއެވެ.
"މީ އަހަރެންގެ އިނގޭ" އީޝަލްއަށް ބަލަން އިނދެ ޔާފިއާ ގާތްކޮށްލަމުން ރާވިން ބުންޏެވެ.
"އީޝަލް... އަހަރެން އަޖައިބުވެއްޖެ މީނދަ ހަރުކަށި ރައުލްގެ ހިތް ކަލޭ ހޯދީމަ، އަންހެނަކާ ރުހުމުގައި އޭނާ އަނގައިން ބުނިތަނެއް އަހަރެން ނުދެކެން، އެ މޫނުން ހިނިތުންވުމެއް ފެނުމަކީ ނާދިރުކަމެއް، އަހަރެމެންގެ ތެރެއިން އަންހެނުން އޭނާއާ ހީނ ސަމާސާކުރަން ބިރުގަންނާނެ... ރައުލް... ކަލެއަށް ހިތެއް ލިބިފައި އޮތްކަން މިހާރު އެނގިއްޖެ، އެންމެން އެ ބުނަނީ ތެދެއް، ތި ޖޯޑު ހަމަ ވަރަށް ގުޅޭ" ޔާފިއާ ބުންޏެވެ.
ފިހެފައި ހުރި ތަނުން މަހެއް ހިފައިގެން ދާރިއުސް އައިސް އީޝަލްއަށް ދިއްކޮށްލިއެވެ. އެވަގުތު އީޝަލްގެ ވައަތްފަރާތަށް އިން ހަތޯރު ވާހަކަދެއްކިއެވެ. އީޝަލް ނެތުމުން ރައުލް ކެއުންބުއިމާ ދުރުވެއްޖެކަމުގައި ބުންޏެވެ. މިރޭ ވެސް އޭނާ އެ ހުރީ އަދި ނުކައިކަމުގައި ބުންޏެވެ. އީޝަލްގެ އަތުން ލަވައިދީގެން ކާންދޭން ރާވިން ޚިޔާލުފާޅުކުރިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. އެއިން އެއްވެސް ކަމަކަށް ރައުލް ބަހެއްނުކިޔެވެ. އީޝަލްގެ އަތުގައި އޮތް މަސް ރައުލްއަށް ދިއްކޮށްލުމުން އޭނާ ހިނިތުންވެލިއެވެ.
އެންމެންގެ ވާހަކައިގައި ތިބެފައި އީޝަލް ގޮވައިގެން ރައުލް ތެދުވިއެވެ. އަދި ތުނޑީގެ ކޮޅާ ދިމާއަށް އެ މީހުން އައެވެ. އެ މީހުންގެ އަޑުފަށްގަނޑު އެހިސާބަކަށް ނުއިވެއެވެ. އީޝާލް ގެނެސް ގާތްކޮށްލުމާއެކު އޭނާގެ ކޯތާފަތުގައި ރައުލް ބޮސްދިނެވެ.
"އަހަރެން އެނބުރިދާންޖެހިއްޖެ" ރައުލް ބުންޏެވެ.
"ކޮންއިރަކުން؟ ބައްޕަ ހުއްދަދިނީ މެންދަންވަންދެން، އެނބުރި އަންނަންވާނީ ރައުލް ގޮވައިގެން ކަމުގައި ވެސް ބުނި، ރައުލްއާ ބައްދަލުކުރަން ބައްޕަ ބޭނުންވޭ... އަހަރެންނަށް ހީވަނީ އަހަރެމެންގެ ގުޅުމާމެދު ބައްޕަގެ ރުހުން ދޭންހެން އެގެންދަނީ" ރައުލްއާ ދުރަށް ޖެހިލައި ސީދާ އޭނާގެ ދެ ލޮލަށް އީޝަލް ބަލާލިއެވެ.
"އަހަރެން ނައިސް ލަސްވާތީ ބައްޕަގެ އަމުރަށް އަހަރެމެން ހޯދުމަށް ޖިންނީން ނުކުމެއްޖެ، އެމީހުން ކަނޑުތައް އެފުށްމިފުށަށް ޖަހާނެ، އަހަރެން އެނބުރި ދިޔަޔަސް އީޝަލް ގާތަށް އަންނާނަން، އަހަރެންގެ ބައްޕަ ގާތުގައި ވެސް ބުނަންވާނެއެއްނު، އަހަރެންގެ ކަންތައްތަކާ ބެހޭނޭ ހަމައެކަނި މީހަކީ އެއީ، އަހަރެން ވެސް ގަސްދުކުރަނީ މިހާރު އެނބުރި ގޮސް ބައްޕަ ގާތު އަހަރެން ކައިވެނި ކުރަން އުޅޭ ވާހަކަބުނަން، ބައްޕަގެ ޚިޔާލެއް އެނގޭނީ އޭރުން، އަހަންނަށް ޓަކައި އަނތްބަކު ބައްޕަ ހޯދާކަން އެނގޭ، އެކަން ހުއްޓުވޭނީ އަހަރެން އެނބުރި ގޮސްގެން" ރައުލް ބުންޏެވެ.
"ރައުލްގެ ޢާއިލާއަށް އެނގެން ޖެހޭނެކަން އަހަރެން ވެސް ޤަބޫލުކުރަން، އެކަމަކު ވަޢުދުވޭ އަހަރެންގެ ގާތަށް ވަރަށް އަވަހަށް އަންނާނަންކަމަށް" އީޝަލްގެ އަޑުގައިވީ ނުތަނަވަސްކަމެވެ.
"އަހަރެން އެނބުރި އަންނާނަން، ކޮންމެގޮތަކުން ވިޔަސް އަންނާނަން... އަހަރެންގެ އިންތިޒާރުގައި ހުނައްޗޭ، ހުރިހާ ޚަބަރެއްދޭން ނާދެވުނަސް އަހަރެން އެނބުރި އަންނާނޭކަމުގެ އުންމީދު ދޫކޮށްނުލައްޗޭ، އެނބުރި އައިސް އަހަރެންގެ އަނތްބެއްކަންތީ ޢިއުލާންކުރާނަން، ތީ ހަމައެކަނި އަހަރެންގެ މިލްކެއް" ރައުލް އިހުނަށްވުރެ އީޝަލްއާ ގާތްވެލިއެވެ. އެހިނދު ބާރު ވައިރޯޅިއެއް އެ މީހުން ތިބި ދިމާއަށް ޖެހިލުމުން ދެ މީހުންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.
"ޖިންނިއެއް ފާވެއްޖެ" ނުރުހުންވެފައި ރައުލް ބުނެލިއެވެ. އެހެންވިޔަސް އެކަމަށް ރައުލް ކުރިމަތިލިޔަ ނުދީ އީޝަލް ހިފެހެއްޓިއެވެ. އޭނާގެ ނަޒަރު އުޑުމައްޗަށް އަމާޒުކޮށްލުމާއެކު އެއްގަމާ ދިމާއަށް ދަތުރުކޮށްލިއެވެ. އީޝަލް ތުންފިއްތާލިއެވެ.
"އަހަރެން އެނބުރިދާންވީ ވަގުތު ކައިރިވީ، އަހަންނާއެކު ބައްޕައާ ބައްދަލުކުރަން ދާނަންތަ؟" އީޝަލް ބުންޏެވެ. ރައުލް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެ ދެ މީހުން އެއްގަމަށް އެރުމުގެ ކުރީން ރާވިންމެން ގާތުގައި ތެދު ހާމަކުރިއެވެ. ރައުލްއާ މީކާޢިލް ބައްދަލުކުރަން ބޭނުންވާތީ އޭނާ އައުން ލަސްވެދާނޭކަން ބުންޏެވެ.
"އީޝަލްއައީ ރަސްދަރިކޮޅުގެ ތެރޭންކަން ނުބުނީ ކީއްވެ" ގެއަށް އައި މަގުމަތީ ރައުލް ނުދައްކަން ހުރެފައި ވެސް ހިތުގައި އެ ސުވާލު ނުބާއްވަން ކުރިއެވެ.
"ރަސްކަމުގެ އެއްވެސް ކަމަކާ އަހަރެންނާ ގުޅުމެއްނެތީމަ، ރައުލްއަށް އަހަރެން ފުރަތަމަ ފެނިގެން އަހަރެންނާމެދު ނަފުރަތުކުރީ ކީއްވެ؟ އަހަރެންނަށް އެމީހުންގެ ތެރެއަށް އެނބުރިއެއްނުދެވޭނެ، އަހަރެން ކަހަލަ ޖިންނިއަކަށް ގަނޑުވަރުގެ ތެރެއިން ފުރުޞަތެއްނެތް، އަހަރެންނާމެދު ރައުލް ހީކުރާގޮތް ބަދަލުވާކަށް އަހަރެން ބޭނުމެއްނޫން، ރަސްދަރިކޮޅުން އަހަރެން އައިނަމަވެސް އަހަރެންގެ ފުށުން ރަސްކަމުގެ އެއްވެސް ކަމަކުން ފައިދާވާނޭ ރައުލް ހީނުކުރައްޗޭ، އެފަދަ ބާރެއް އަހަރެންނަށް ލިބިގެނެއްނުވޭ، އަހަރެން އުފަންވީ އިންސާނުންގެ ތެރެއަށް، އަހަރެން އުޅެ ބޮޑުވީ އާދައިގެ ޖިންނީން ފަދައިން، އަހަރެންގެ ގެއަށް ރައުލް އައީ، އެ ގޭގެ ދިރިއުޅުން ރައުލް ދުށީމެންނު، އެއީ އަހަރެންގެ ހަޤީޤަތް، އިއްޒަތާއި ޝަރަފެއް އަހަރެންނަށް ލިބުމެއްނުވޭ" އީޝަލް ބުންޏެވެ.
"އަހަރެން އީޝަލްގެ ފަރާތުން އެއްޗެއް ބޭނުންވާތީއެއްނޫން އެހެންބުނީ، އަހަރެން އީޝަލް ބަލައިގަތީ އޭނާގެ ފުށުން ފައިދާތަކެއް ވާނޭ ހީކޮށްގެންނެއްނޫން، އެކަހަލަ މީހެއްނޫން އަހަންނަކީ... އަހަންނަށް ނޭނގޭކަމެއްގެ ވާހަކަ ލުގަލް ދެއްކުމުން އެކަމާ އަހަރެންގެ ހިތަށް އުނދަގޫވީ، އަހަރެން ބޭނުންވީ އަހަރެންނަށް އީޝަލްގެ ފަރާތުން ނޭނގޭކަމެއްނޯންނާނޭ ބުނަން" ރައުލް މަޑުމަޑުން ބުނެލިއެވެ.
"އެ ނޫންކަމެއް ރައުލް ގާތު ނުބުނެއެއްނޯންނާނެ، ޖިންނީން އައިސް ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެން އެންމެ ލޯބިވާ ފަރާތަކީ ތީކަން ޔަގީންކުރައްޗޭ، މި ލޯތްބާމެދު ޝައްކުނުކުރައްޗޭ" އީޝަލް ބުންޏެވެ.
"ޔަގީން... ދުވަހަކުވެސް ޝައްކެއްނުކުރާނަން" ރައުލް ހިނިތުންވެލިއެވެ.
ބެރެބެދިގަސް ފެންނަންވީއިރު ދޮރުމަތީ މީކާޢިލް ހުރީތީ އީޝަލްއާއި ރައުލްއަށް ފެނުނެވެ. ދެ މީހުންގެ ގުޅިފައިވީ އަތްތިލަ ވަކިވެ ދެމެދުގައި ހުސްޖާގަ ހުންނާނޭ ވަރަށް އީޝަލްއާއި ރައުލް ދުރަށް ޖެހިލިއެވެ. އެމީހުން އައިސް މީކާޢިލްއާ އަރާ ހަމަވުމުގެ ކުރީން އޭނާ އެތެރެއަށް ވަދެއްޖެއެވެ. އީޝަލްއާއެކު ރައުލް އެ ގޭތެރެއަށް ވަނެވެ. އީޝަލް ދިޔައިރު ޒިޔަޒެލް އިން ސަރަންފީގައި އޭނާ އިނެވެ. ރައުލް ފެނުމުން ސަލާމް ގޮވާލުމާއެކު އެތެރެއަށް އައުމަށް ޒިޔަޒެލް އެދުނެވެ. އަދި މީކާޢިލްއާއެކު ދެ މީހުން ވަދެގެންދިޔައެވެ. އެމީހުންގެ ފަހަތުން އީޝަލްއާއި ރައުލް އައެވެ.
ފެންޑާގައި ހުރި ގޮނޑިއެއް ދައްކައި އޭގައި އިށީނުމަށް ރައުލް ގާތުގައި މީކާޢިލް ބުންޏެވެ. އަދި އީޝަލްއަށް ބަލާލައި ކޮޓަރިއަށް ދިއުމަށް އެދުނެވެ. ވާހަކަދައްކާލަން ބޭނުންވަނީ ރައުލްއާ އެކަނިކަމުގައި ބުންޏެވެ. ހާސްވެފައި ހުރެ ވެސް އީޝަލް އެގޮތް ޤަބޫލުކުރިއެވެ. އަދި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެތަނުން ލުގަލްބަންދާއާއި މިޒަރެން ވެސް މީކާޢިލް ފޮނުވާލިއެވެ. އަދި ރައުލްއާ ކުރިމަތިލީ ޒިޔަޒެލްއާއި މިކާޢިލް އެކުގައެވެ.
"ބޭރީތަކީ ރައުލްގެ އަސްލު ބައްޕަތަ؟ ޢާއިލާގައި ތިބެނީ ކޮންކޮން ބައެއް؟" މީކާޢިލް އެއްސެވެ.
"އެއީ ހަމަ އަހަރެންގެ ބައްޕަ، އެ ނޫނީ އަހަރެންގެ ޢާއިލާއެއްނެތް... އަހަރެން އުފަންވުމަށްފަހު އަހަރެންގެ ހުރިހާކަމެއް ބެލެހެއްޓީ އެ ބައްޕަ" ސުވާލު އުފެދިފައި އިނދެ ރައުލް ވާހަކަދެއްކިއެވެ. މީކާޢިލްއާއި ޒިޔަޒެލް އެކަކުއަނެކަކަށް އެވަގުތު ބަލާލިއެވެ.
(ނުނިމޭ)